ކޮވިޑް-19 ފެތުރުން ހުއްޓުވުމުގެ ފިޔަވަޅެއްގެގޮތުން އިޓަލީގައި މިއަދުން ފެށިގެން ރޭގަނޑަށް ކާފިއު ހިންގައިފިއެވެ.

އިޓަލީގައި ރޭގަނޑަށް ކާފިއު އިއުލާންކުރިއިރު، ބަލި ފެތުރުން ހުއްޓުވުމަށްޓަކައި ޔޫރަޕްގެ ވަރަށް ގިނަ ގައުމުތަކުން މިހާރުވަނީ ލޮކްޑައުންއާއި، ކާފިއުއާއި އެނޫންވެސް ހަރުކަށި އެތައް ފިޔަވަޅުތަކެއް އަޅާފައެވެ.

ޔޫރަޕުން އެކަނިވެސް 11 މިލިއަނަށްވުރެ ގިނަމީހުން ކޮވިޑަށް ޕޮޒިޓިވްވެފައި ވެއެވެ. އަދި ބަލިޖެހޭ މީހުންގެ އަދަދު މަޑުޖެހުމަށްފަހު ގިނަ ގައުމުތަކުގައި އަލުންވަނީ ބަލި ފެތުރެން ފަށާފައި ވެއެވެ.

އިޓަލީގެ ބޮޑުވަޒީރު ކޮންޓޭ ވިދާޅުވީ، މި ބަލިމަޑުކަމުން އަރައިގަނެވޭނެ އޮތީ އެންމެ ގޮތެއް ކަމަށާއި، އެއީ ހުރިހާ ރައްޔިތުން އެކަތިކަނޑަކަށްވެގެން ކަމަށެވެ.

ރެސްޓޯރަންޓްތަކާއި، ބާރތައް ހަވީރު 6:00 ގައި ބަންދުކުރަން ބޮޑުވަޒީރު މަސައްކަތް ކުރެއްވުމުން އިޓަލީގެ ސަރަހައްދީ ލީޑަރުން އެކަމާ ދެކޮޅު ހައްދަވާފައި ވެއެވެ. އަދި މަގުތަކަށް ނުކުމެ އާންމުން ވަރުގަދަ މުޒާހަރާތަކެއްވެސް ކޮށްފައި ވެއެވެ.

އެކަމާހެދި ކާފިއު ހިންގީ ރޭގަނޑު 10:00 އިން ފަތިހު 5:00 އަށެވެ.

ފަރަންސޭސިވިލާތާއި، ޖަރުމަނާއި ބެލްޖިއަމްވެސް ހިމެނޭގޮތުން ޔޫރަޕްގެ ގިނަ ގައުމުތަކުގައި ފިޔަވަޅުތައް ވަރުގަދަ ކުރަމުންދާއިރު، އިނގިރޭސިވިލާތް މިއަދުން ފެށިގެން އެއްމަސް ދުވަހަށް ވަނީ ލޮކްޑައުންކޮށްފައެވެ. އިނގިރޭސިވިލާތް މަސްދުވަހަށް ލޮކްޑައުން ކުރުމަށް ބޮޑުވަޒީރު ބޮރިސް ޖޯންސަން ހުށަހެޅުއްވި ޕްލޭން އިނގިރޭސި ޕާލަމެންޓުން ރޭވަނީ ފާސްކޮށްފައެވެ.

ބަލިޖެހޭ މީހުންގެ އަދަދު އިތުރުވަމުން ދިޔަނަމަވެސް އަލުން ލޮކްޑައުންއަށް ދިއުމުގެ ޕްލޭނެއް ނެތްކަމަށް ރަޝިޔާގެ ރައީސް ލަޑީމިއަރ ޕޫޓިން ވިދާޅުވެފައިވާއިރު، ދުނިޔޭގައި ބަލީގެ ހާލަތު އެންމެ ގޯސް ގައުމުގެ ގޮތުގައި އަދިވެސް އޮތީ އެމެރިކާއެވެ.

އެމެރިކާއިން 9 މިލިއަނަށްވުރެ ގިނަމީހުންނަށް ކޮވިޑްބލި ޖެހިފައިވާއިރު، ބަލީގައި މަރުވި މީހުންގެ އަދަދުވަނީ 230،000 އަށް އަރާފައެވެ.