ޕްރިންސިޕަލުން ތަމްރީނު ކުރުމަށް މިނިސްޓްރީ އޮފްއެޑިޔުކޭޝަނުން 20 ސްކޮލަރޝިޕުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި 20 ސްކޮލަރޝިޕަށް ހޮވޭ ބޭފުޅުން ތަމްރީން ކުރުމަށް ހަމަޖެހިފައިވަނީ އެޑިޔުކޭޝަން މިނިސްޓްރީގެ ޚަރަދުގައި ކަމަށް އެމިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

މިސްކޮލަރޝިޕަށް ހޮވޭ ފަރާތްތަކަށް ކިޔެވުމުގެ ޚަރަދާއި މުސާރައާ އެއްވަރުގެ އެލަވަންސަކާއި ދެކޮޅު ޓިކެޓުގެ އިނާޔަތް ލިބިވަޑައިގަންނަވާނެއެވެ. މި ސްކޮލަރޝިޕްގެ ފުރުސަތު ލިބިވަޑައިގަންނަވާ ބޭފުޅުން ކޯސް ފުރިހަމަ ކުރެއްވުމަށްފަހު އެނބުރި ވަޑައިގެންނެވުމަށްފަހު މިނިސްޓްރީން ހަމަޖައްސަވާ ސަރުކާރުގެ ސްކޫލެއްގައި ވަކި މުއްދަތަކަށް ޚިދުމަތްކުރުމަށް "ބޮންޑުކުރެވޭނެ" ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

މި ސްކޮލަރޝިޕް ލިބިވަޑައިގަންނަވާ ބޭފުޅުން ތަމްރީން ހައްދަވާނީ މެލޭޝިއާގައެވެ. އެ ބޭފުޅުން ކިޔަވައިވިދާޅުވުމަށް ހަމަޖެހިފައިވަނީ މާސްޓަރސް އިން ސްކޫލް އެޑުމިނިސްޓްރޭޝަން އާއި އެޑިޔުކޭޝަން މެނޭޖުމެންޓުގެ ދާއިރާއިންނެވެ.

ޝަރުތު

  • ކިޔަވައިދިނުމުގެ ރޮނގުން ނުވަތަ ތަޢުލީމީ ދާއިރާއިން ބެޗްލަރސް ޑިގްރީ ހާސިލްކޮށްފައިވުން.
  • ޓީޗަރެއްގެ ގޮތުގައި މަދުވެގެން 5 އަހަރު ދުވަހު މަސައްކަތް ކޮށްފައިވުން. (މިމުއްދަތުގައި ލީޑިންގ ޓީޗަރުގެ މަސްޢޫލިއްޔަތު އަދާކޮށްފައިވާނަމަ އެމުއްދަތު ގުނޭނެއެވެ.)
  • މި މިނިސްޓްރީއިން ކުރިން ކިޔެވުމަށް ލޯނެއް ނަންގަވާފައިވާނަމަ ޑީފޯލްޓެއް ނެތި އެ ލޯނެއް ޤަވާއިދުން ދައްކަވަމުންގެންދަވާ ފަރާތެއް ކަމުގައިވުން.
  • ކޯހަށް ކަނޑައަޅާފައިވާ ދާއިރާއިން މާސްޓަރސް ޑިގްރީ ފެންވަރުގެ ކޯހެއް ނިންމާފައިވާ ފަރާތެއްކަމުގައި ނުވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ސްކޮލަރޝިޕަށް އެދިހުށަހަޅާ ފޯމް
  • ތަޢުލީމީ ސަނަދުތަކުގެ ކޮޕީ
  • ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީ
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (2 ފުށް ފެންނަގޮތަށް)

ސްކޮލަރޝިޕަށް ހޮވޭ ފަރާތްތައް ކަނޑައެޅުން

ސްކޮލަރޝިޕަށް ހޮވޭ ފަރާތްތައް ކަނޑައަޅާނީ ތިރީގައިވާ ކްރައިޓީރިއާ އާ އެއްގޮތަށް މާކްސް ދިނުމަށްފަހު އެންމެ މަތިން މާކްސް ހޯދާ ފަރާތްތައް ތަރުތީބުކޮށް އެއާ އެއްގޮތަށެވެ. މިގޮތަށް ތަރުތީބު ކުރުމުގައި މީގެކުރިން މާސްޓަރސް ޑިގްރީއެއް ހާސިލްކޮށްފައިނުވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

  • މަސައްކަތުގެ ތަޖުރިބާއަށް - %30
  • ޕްރެޒެންޓޭޝަނަށް - %30
  • އިންޓަރވިއުއަށް - %40

ސްކޮލަރޝިޕަށް އެދެންވީގޮތާއި ސުންގަޑި:

ސްކޮލަރޝިޕަށް އެދި ހުށަހަޅާނީ އެކަމަށް ހާއްސަކުރެވިފައިވާ ފޯމު މެދުވެރިކޮށް [email protected] އީމެއިލް ކޮށްގެންނެވެ. ސްކޮލަރޝިޕަށް އެދި ހުށަހަޅާ ފޯމު އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

ސްކޮލަރޝިޕަށް އެދި ހުށަހަޅަންޖެހޭ ފަހު ވަގުތަކީ 2021 ޑިސެންބަރު 09 ވަނަ ދުވަހުގެ މެންދުރު 2:00އެވެ.