ކަރަންޓް އުފެއްދުމަށް ބޭނުންވާ ޖެންސެޓް އަމިއްލައަށް އެސެމްބަލްކޮށް ކާމިޔާބުކަމާއެކު އިތުރު ހަރުފަތަކަށް އަރައި ފެނަކައިން އަނެއްކާވެސް ތާރީޚުގެ ތެރެއަށް ވަދެއްޖެއެވެ.

އެ ކުންފުނީން ވިދާޅުވީ މި މަސައްކަތް އެންމެ ފުރަތަމަ ފަށައިފައިވަނީ 2021 ވަނަ އަހަރުގެ ޖޫން މަހުގައި ކަމަށެވެ. އެ މުއްދަތުން ފެށިގެން މިހާތަނަށް ފެނަކަ ކުންފުނީގެ އިންޖީނިއަރުން ވަނީ 06 ރަށަކަށް ބޭނުންވާ ޖެންސެޓް އަމިއްލައަށް އެސެމްބަލް ޚިދުމަތް ދޭން ވަނީ ފަށައިފައެވެ. އެކުންފުނީން ވަނީ 100 ކޭވީ އިން ފެށިގެން 1000 ކޭވީ އާ ހަމައަށް ޑީސަލް އިންޖީނު އެސެމްބްލް ކުރުމުގެ ގާބިލްކަން ހޯދައިފައެވެ.

މިއީ ފެނަކައިން ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތްތައް އިތުރަށް ތަރައްޤީކޮށް، ދެމެހެއްޓެނިވި ގޮތެއްގައި އީޖާދީ ވިސްނުންތަކާއެކު ޚިދުމަތްތައް ފުޅާކުރުމަށް ކުރާ މަސައްކަތްތަކަށް އިތުރުވި އައުބޮޅެއް ކަމަށް އެކުންފުނީން ވިދާޅުވިއެވެ.

މި ޚިދުމަތް ދިނުމަށް ފާއިތުވި 05 މަސްދުވަހު ކުރެވުނު މަސައްކަތުގެ ނަތީޖާ ރަނގަޅުވެފައި ކާމިޔާބު ކަމަށް ވެސް ފެނަކައިން ވިދާޅުވިއެވެ. މި މަސައްކަތް ފެނަކަ އިން ކުރަނީ ރާއްޖެއިން ބޭރުން އިތުބާރު ހިފޭ އޮރިޖިނަލް ސްޕެއަރ ޕާރޓްސް ގެނެސް، ރަށްރަށުގައި ހުންނަ ކުންފުނީގެ ވޯރކްޝޮޕްތަކުގައި، ކުންފުނީގެ ދިވެހި އިންޖިނިއަރުން މަސައްކަތް ކޮށްގެން ކަމަށް ވެސް ފެނަކައިން ވިދާޅުވިއެވެ.

މި މަސައްކަތް ކުރުމުން، ރާއްޖެއިން ބޭރުން އިންޖީނު އެތެރެކުރުމާ އަޅާބަލާއިރު، ޚަރަދު ކުޑަވެ، ވަގުތު ސަލާމަތްވެ، ދެމެހެއްޓެނިވި އިތުބާރުހުރި ޚިދުމަތެއް ދިނުމަށް މަގުފަހިވެގެން ގޮސްފައިވާ ކަމަށް ފެނަކައިން ވިދާޅުވިއެވެ.