ފެނަކަކޯޕަރޭޝަނުން ފަށައިފައިވާ އަމިއްލައަށް ޖެންސެޓް އެސެމްބަލް ކުރުމުގެ މަސައްކަތް އިތުރަށް ފުޅާ ކުރުމުގެ ގޮތުން ގދ. ތިނަދޫގައި ގާއިމް ކުރުމަށް ހަމަޖެހިފައިވާ ސަރަހައްދީ ވޯކްޝޮޕް އަންނަހަރު އޮޕަރޭޓު ކުރުމަށް މަސައްކަތް ކުރައްވާ ކަމަށް ފެނަކައިން ވިދާޅުވެއްޖެއެވެ.

"ވޯރކްޝޮޕް އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އޮޕަރޭޝަނަށްލުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. އެންމެ ޒަމާނީ ފުރިހަމަ ވަޞީލަތްތަކާއެކު ޤާއިމްކުރެވޭ މި ވޯރކްޝޮޕް ވެގެންދާނީ ރާއްޖޭގައި މި މަސައްކަތް އެންމެ ފުރިހަމައަށް ކުރެވޭ ވޯރކްޝޮޕް ކަމުގައެވެ." ފެނަކައިން ވިދާޅުވެފައިވެއެވެ.

ފެނަކައިން ގެންދަވަނީ ރަށްރަށަށް ބޭނުންވާ އާރް.އޯ ޕްލާންޓްތައްވެސް ރާއްޖޭގައި އެސެމްބަލްކޮށް އިންސްޓޯލްކުރުމުގެ ޚިދުމަތް ދެމުންނެވެ. އެ މަސައްކަތް ވެސް އިތުރަށް ފުޅާކޮށް އިތުރު ހަރުފަތަކަށް ގެންދިއުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށް ވެސް ފެނައިން ވިދާޅުވިއެވެ.

"މިގޮތަށް މަސައްކަތްތައް ބައްޓަން ކުރެވުމުން، މިހާރު ޕްލާންޓްތައް ހިންގުމުގައި ދިމާވާ ދަތިތަކަށް ރިޢާޔަތްކޮށް، ރާއްޖޭގެ މާޙައުލަށް އެންމެ އެކަށޭނަ އަދި ރައްޔިތުންނަށް އިތުބާރާއެކު މިހާރަށްވުރެ ފުރިހަމަ ޚަރަދުކުޑަ ޚިދުމަތްތަކެއް ދިނުމަށް މަގުފަހިވެގެންދާނެއެވެ." ފެނަކައިން ވިދާޅުވެފައިވެއެވެ.