އިންޑިއާއިން އަފްޣާނިސްތާނަށް ގޮދަން ފޮނުވުމަށް ޕާކިސްތާނުން ހުއްދަ ދީފިއެވެ. ޕާކިސްތާނުގެ ބޮޑު ވަޒިރުގެ އޮފީހުން ބުނެފައި ވަނީ އިންޑިއާއިން ފޮނުވާ އަދަދާއެއްވަރުގެ އަދަދެއް ޕާކިސްތާނުންވެސް އަފްޣާނިސްތާނަށް ފޮނުވާނެ ކަމަށެވެ.

އިންފިމޭޝަން މިނިސްޓަރ ފަވާދު ޗައުދްރީ ވިދާޅުވީ އިންޑިއާއިން ފޮނުވާ 50 ހާސް ޓަނުގެ ގޮދަން ޕާކިސްތާން ތެރޭން ލައިގެން އަފްޣާނިސްތާނަށް ގެންދިއުމަށް ޕާކިސްތާނުން ހުއްދަ ދީފައިވާނެ ކަމަށެވެ.

ޕާކިސްތާނުންވެސް ބުނެފައިވަނީ ގޮދަންގެ އިތުރުން 28 މިލިއަން އެމެރިކާ ޑޮލަރުގެ ސާމާނު ޕާކިސްތާނުން އަފްޣާނިސްތާނަށް ފޮނުވާނެ ކަމަށެވެ.

މީގެ އިތުރުން އަފްޣާނިސްތާނުން ބޭސްފަރުވާއަށް އިންޑިއާއަށް ދާން ބޭނުންވާ މީހުން އިންޑިއާއަށް ދިއުމަށްވެސް ޕާކިސްތާނުން ފަހިކޮށްދޭނެކަމަށް ވަނީ ބުނެފައެވެ.

އިންޑިއާއިން އަދި ޕާކިސްތާންގެ ހުއްދައާ މެދު އެއްޗެއް ބުނެފައެއް ނުވެއެވެ. ދެ ގައުމުން އުޅެނީ ފިނި ހަނގުރާމައެއްގައެވެ.