އެވިޑް ކޮލެޖުގެ ފެކަލްޓީއޮފް އާޓުސް އެންޑް ލިޓްރޭޗަރއިން "އޮފީސް ދިވެހި" ނަމުގައި ކުރު ކޯހެއް ފަށަން ނިންމައިފިއެވެ.

އެވިޑު ކޮލެޖުން ވިދާޅުވީ 30 ގަޑިއިރަށް ކުރިއަށްގެންދަން ނިންމާފައިވާ މި ކޯހަކީ އެކިއެކި ވަޒީފާތައް އަދާކުރާ މީހުންނަށް ޚާއްސަ ކޯހެއް ކަމަށެވެ. އެހެނަސް މި ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ކޮންމެ ދިވެއްސަކަށް ވެސް އޮންނާނޭ ކަމަށް އެ ކޮލެޖުން ވިދާޅުވެފައިވެއެވެ.

ދުނިޔޭގެ ކޮންމެ ތާކު ހުރެގެން ވެސް މި ކޯހުގައި ބައިވެރިވުމުގެ ފުރުސަތު އެބައޮތެވެ. ކޯސް ކުރިޔަށް ގެންދާން ހަމަޖެހިފައިވަނީ ޒޫމް އެޕްލިކޭޝަން މެދުވެރިކޮށެވެ. މި ކޯސް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ޑިސެންބަރު 15 ގައެވެ. ކޯހުގައި ބައިވެރިވުމުގެ ސުންގަޑިއަކީ ޑިސެމްބަރ 5 ވަނަ ދުވަހެވެ.

ކޯސް ފީގެ ގޮތުގައި 999 ރުފިޔާ ނެގުމަށް ވަނީ ހަމަޖެހިފައެވެ. ކޯސް ފުރިހަމަ ކުރާ މީހުންނަށް އެވިޑުކޮލެޖުގެ ރަސްމީ ސަނަދެއް ލިބޭނެއެވެ. ކޯސް ފުރިހަމަ ކުރުމުން ރަސްމީ މުއާމަލާތް ކުރުމުގެ ގާބިލްކަން އިތުރުވެގެންދާނެއެވެ. އޭގެ އިތުރުން ދިވެހިބަހުގެ ދަރަޖަތައް ހެޔޮގޮތުގައި ބޭނުން ކުރަން ދަސްވެގެންދާނެއެވެ. އޭގެ އިތުރުން އިބާރާތް ކުރުމުގެ ރިވެތި ހަމަތަކާއި ގޮތްތަކާއި އުކުޅުތައް ދަސްވުމާއި ކުށް ނުލައި ސާފުދިވެހި ބަހުން ވާހަކަދައްކާށާއި ލިޔާން އެނގުމާއި ރަސްމީ އެކިއެކި ލިޔުންތަކުގެ އުސްލޫބާއި ހަމަތައް ދަސްވެގެންދާނޭ ކަމަށް ކޮލެޖުން ވިދާޅުވެފައިވެއެވެ.