މޫސުމީ ބަދަލުތަކާއި، މަލްޓިލޭޓަރަލިޒަމް، އދގެ ހިންގުން ހަރުދަނާކުރުމަށް އދގެ ޢާއްމު މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު، ޗައިނާގެ ޚާރިޖީ ވަޒީރު އަދި ސްޓޭޓް ކައުންސިލަރ ވާންގް ޔީ އާ މަޝްވަރާ ކުރައްވައިފި އެވެ.

މި މަޝްވަރާ ކުރައްވާފައިވަނީ އދ ގެ ޢާއްމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޗައިނާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގަ އެވެ.

މި ބައްދަލުކުރެއްވުމުގައި ޗައިނާގެ ގްލޯބަލް ޑިވެލޮޕްމަންޓް އިނީޝިއޭޓިވް އާ ބެހޭ ގޮތުން ވެސް މަޝްވަރާކުރެއްވިކަމަށް މިނިސްޓަރ ޝާހިދު ވަނީ ވިދާޅުވެފަ އެވެ. އަދި އެމަނިކުފާނުގެ އުއްމީދުގެ ރިޔާސަތަށް ޗައިނާގެ ތާއީދު އެބައޮތްކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

މިނިސްޓަރގެ މި ދަތުރުފުޅުގައި މިއަދުވަނީ ޗައިނާގައި ޤާއިމްކޮށްފައިވާ އދގެ އޮފީސްތަކުގެ ޓީމްތަކާ ބައްދަލުކުރައްވާފަ އެވެ. އަދި ޗައިނާގެ ފޮރިން އެފެއަރޒް ޔުނިވަރސިޓީގައި ޒުވާން ޑިޕްލޮމެޓުންނާއެކު ވަރޗުއަލްކޮށް ބައްދަލުކުރައްވައި، ވާހަކަ ދެއްކެވި އެވެ.

މީގެ އިތުރުން އޯލް ޗައިނާ ވިމެން ފެޑެރޭޝަންއާއިވެސް މިނިސްޓަރ ޝާހިދު އިއްޔެ ބައްދަލުކުރެއްވި އެވެ. ޒުވާނުންނާއި އަންހެނުން ބާރުވެރިކުރުވުމަކީ މިނިސްޓަރ ޝާހިދުގެ ރިޔާސަތުގައި ޚާއްސަ އިސްކަމެއް ދެއްވާ ކަންތައްތަކެކެވެ.

ކޮވިޑް-19ގެ ސަބަބުން 2020 ވަނަ އަހަރު ކުރީކޮޅު ޗައިނާއިން ބޭރުގެ އިއްޒަތްތެރިންނަށް މަރުހަބާ ކިޔުން މަޑުޖައްސާލި ފަހުން، މިނިސްޓަރ ޝާހިދަކީ އެޤައުމުން ބޭރުގެ އިއްޒަތްތެރިއަކަށް މަރުޙަބާކީ ފުރަތަމަ އެއް ބޭފުޅާ އެވެ. ޗައިނާ ސަރުކާރުގެ ދައުވަތަކަށް މިނިސްޓަރ ޝާހިދު މިކުރައްވާ ދަތުރުފުޅަކީ 3 ދުވަހުގެ ރަސްމީ ދަތުރުފުޅެކެވެ.

ފޮރިން މިނިސްޓަރގެ ހައިސިއްޔަތުން 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ޗައިނާއަށް މިނިސްޓަރ ޝާހިދު ދަތުރުކުރައްވައި، ފޮރިން މިނިސްޓަރ ވާންގް ޔީ ގެ އިތުރުން އެޤައުމުގެ ނައިބު ރައީސް އާ ބައްދަލުކުރެއްވި އެވެ.