ފ. ނިލަންދޫގައި ތިބި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ސަޕޯޓަރުންގެ ޚާއްސަ ދައުވަތަކަށް އެ ޕާޓީގެ ކައުންސިލް މެމްބަރު އަދި ޓުރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ނިލަންދުއަށް ވަޑައިގެން ޕާޓީގެ ހަރާކަތްތަކެއް ފަށައިފިއެވެ.
ޖުމްހޫރީޕާޓީގެ ނާއިބު ރައީސް އަހުމަދު ސައުދު ވިދާޅުވީ މެޑަމް ނަހުލާއަށް ލިބިވަޑައިގެންނެވި ދައުވަތެއްގެ ދަށުން އެރަށަށް ވަޑައިގެން ޕާޓީއަށް މެމްބަރުން އިތުރުކުރުމުގެ މަސައްކަތް ވެސް ކުރައްވަމުން ގެންދަވާ ކަމަށެވެ. މި މަސައްކަތުގެ ތެރެއިން ދޮރުންދޮރަށް ހިނގުމާއި މީހުންނާ ބައްދަލުކޮށް ޚިޔާލު ހޯދުން ފަދަ ކަންކަން މިދަތުރުގައި ކުރަމުން ގެންދާ އޭނާ ވިދާޅުވިއެވެ. މިދަތުރުވެސް ހިމަނާފައިވަނީ އެ ޕާޓީން ފަށައިފައިވާ "ރަށު ދަތުރު"ގެ ތެރޭގައެވެ.
ސައުދު ވިދާޅުވީ މިދަތުރުން ވެސް ޕާޓީއަށް އައު މެމްބަރުން ލިބިގެންދާނޭ ކަމުގެ އުންމީދު ވަރަށް ބޮޑު ކަމަށެވެ. އެރަށުގެ އިތުރުން ބައެއް އެހެން ހިސާބުތަކުގައި ވެސް ޕާޓީއަށް މެމްބަރުން އިތުރު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ.
"މިދަތުރުގައި އަޅުގަގަނޑުމެން ބަލާނަން ޕާޓީއާމެދު ރައްޔިތުންގެ ވިސްނުންހުރިގޮތްވެސް. އެކަންކަން އޮޅުންފިލުވުމަށްފަހު ރައްޔިތުން ފާހަގަކުރާ ކަންކަމަށް ރިއާޔަތްކޮށްގެން އިރާދަކުރެއްވިއްޔާ ޕާޓީގެ ކުރިމަގު ބައްޓަން ކުރާނީ،" ސައުދު ވިދާޅުވިއެވެ.
މިދަތޔރުގައި ޖުމްލަ 18 ވަރަކަށް މީހުން ބައިވެރިވެއެވެ. އޭގެތެރޭގައި އެޕާޓީގެ ނާއިބު ރައީސް އަޙުމަދު ސަޢުދާއި ސެކްރެޓަރީޖެނެރަލް އަލީ އާރިފާއި ފަނަރަ ކަނބަލަކު ހިމެނިވަޑައިގަންނަވައެވެ.
ޕާޓީއަށް މެމްބަރުން އިތުރު ކުރުމަށް ކުރިއަށް ގެންދާ "ރަށުދަތުރު" ސިލްސިލާގެ ތެރެއިން ފުރަތަމަ ދަތުރު ކޮށްފައިވަނީ މާލެއަތޮޅު ދިއްފުށްޓަށެވެ. އެރަށުގެ އާބާދީގެ ނިސްބަތުން ގިނަ ބަޔަކު ވަނީ ޖޭޕީއަށް ސޮއިކޮށްފައެވެ.
ޖޭޕީގެ ސިޔާސީ ހަރަކާތް މެދުކެނޑިފައިވަނީ ކޮވިޑާއި އަދިވެސް އެހެނިހެން ބައެއް ސަބަބުތަކާ ހެދިއެވެ. އެހެންނަމަވެސް އެކަން މާޒީއަށް ދޫކޮށްލާފައި ޖޭޕީގެ ލީޑަރޝިޕުން ވަނީ އެޕާޓީ އިތުރަށް ވަރުގަދަ ކުރުމުގެ މަސައްކަތް ފޯރީގައި ފަށައިފައެވެ.