ޝަފާއަތު އަބްދުﷲ (ޝަފާ) މޭކަޕްކޮށްދޭން ބޭނުންކުރާ ފިއްސާއި ކުލައާއި އެހެން ސާމާނު ވަކި ތަފާތެއް ނޫނެވެ. އޭގައި އިތުރު ޖާދޫއެއް ނުވަތަ ބާރެއް ނުހުރެއެވެ. އޭނާ ގެންގުޅެނީ ހަމަ އެހެން މީހުން ވެސް ގެންގުޅޭ ފަދަ ބްރޭންޑެޑު ސާމާނެވެ.

ޝަފާ މޭކަޕް ކުރުމަށް ބޭނުންވާ ބައެއް ސާމާނާއެކު

އެއީ ޖާދޫގެ ސާމަނަށް ނުވިޔަސް އޭނާ ގެންގުޅޭ ފިހީގެ އިންތިޒާރުގައި އެތައް ބަޔަކު ކޮންމެ ދުވަހަކު ވެސް ތިބެއެވެ. އޭނާ ލައްވައި މޭކަޕް ކުރުމުގެ ބޭނުމުގައެވެ. އޭނާގެ މޭކަޕަށް ޖިންސުއްލަތީފުން ގަޔާވާތީއެވެ. ހިތްހަމަޖެހޭތީއެވެ. އެ މީހުން އުންމީދުކުރާ ފެންވަރަށް މޭކަޕްކޮށްދޭތީއެވެ. މިކަންކަމުގެ ސަބަބުން ޝަފާއާއި އޭނާގެ ކަސްޓަމަރުންނާ ދެމެދު ވަރަށް ބޮޑު އިތުބާރަކާއި ބަދަހި ކަމެއް އުފެދިފައިވެއެވެ.

އަރަމުން އަންނަ ތަރިއެއް

ޝަފާ އަކީ މޭކަޕް ކޮށްދިނުމުގެ ދާއިރާއިން ކުރިއަރަމުން އަންނަ ޒުވާނެކެވެ. މެދު އުޑުގައި ފިޔަޖަހަމުން އަންނަ ވިދާ ތަރިއެކެވެ. ގދ. ތިނަދުއަށް އުފަން ޒުވާނެކެވެ. ޢުމުރުން އަދިވީ އެންމެ 27 އަހަރެވެ.

ޝަފާގެ މޭކަޕެއް

ކޮންމެ މަސައްކަތެއްގައިވެސް ގޮންޖެހުންތައް ހުންނާނެއެވެ. އެފަދަ ގޮންޖެހުންތަކުން އަރައިގަތުމަށް އޭނާ އިސްކުރަނީ ބުއްދިއެވެ. އެއަށްފަހު އެކަމަކުން އަރައިގަތުމަށް މަސައްކަތްކުރަނީއެވެ. ހިތްވަރާއި އަޒުމާއެކީގައެވެ. އޭނާގެ ހުރިހާ ވެސް ކުރިއެރުމަކީ ޕޮޒިޓިވް ވިސްނުމެވެ. އެހެންވެ އޭނާގެ ދުރުމީން ބަލާއިރު މުސްތަގުބަލް ޝަފާއަށް ފެންނަނީ ފަހިކޮށެވެ. އުޖާލާކޮށެވެ.

މަސައްކަތުގެ ފެށުން

މި ފަންނަށް އެންމެ ކުޑައިރުން ފެށިގެން ޝައުގުވެރިކަން ހުންނަ މިޒުވާނާ ބުނީ އަމަލީ ގޮތުން މަސައްކަތް ފެށީ 2017 ވަނަ އަހަރު ކަމަށެވެ. އޭރު އެ މަސައްކަތް ފެށީ ވަރަށް މަދު ސާމާނާއެކު ވަރަށް އާދައިގެ ގޮތަކަށެވެ.

ޝަފާގެ މޭކަޕެއް

"އެންމެ ކުޑައިރުން ފެށިގެން މޭކަޕް ކޮށްދިނުމަށް ވަރަށް ޝައުގުވެރިކަންހުރޭ. ފުރަތަމަ ދައްތަ މޭކަޕްކުރާތަން ފެންނަނީ. ދެން ދައްތަގެ އެއްޗެހީން މޭކަޕް ކުރަންފެށީ. އެދުވަސްވަރު ދައްތަ ދިޔައީ އެމަސައްކަތުގެ ޓެކްނިކަލް ބައިތައް ބުނެދެމުން. އެއީ މިދާއިރާއިން ކުރިއަށް ދިޔުމަށް ލިބިގެންދިޔަ ވަރަށްބޮޑު އެހީތެރިކަމެއް،" މި މަސައްކަތުގެ ތެރެއަށް ވަދެވުނުގޮތް އޭނާ ކިޔައިދިނެވެ.

އެކަށީގެންވާ އާމްދަނީއެއް ލިބޭތަ؟

ކޮންމެ މަސައްކަތެއްގައި ވެސް ދެމިހުރެވޭނީ އެ ކަމުން ރަނގަޅު އާމްދަނީއެއް ލިބޭނަމައެވެ. ޝަފާގެ ހުނަރުވެރި މި މަސައްކަތުގައި ކުރިއަށް ދިއުމަށް އޭނާ އަޒުމް ކަނޑައެޅީ ކުރާ ހިތްވާ މަސައްކަތަކަށް ވެފައި ރަނގަޅު އާމްދަނީއެއް ލިބޭތީއެވެ. "މި މަސައްކަތުން ފުދޭވަރަކަށް ރަނގަޅު އާމްދަނީއެއް ލިބޭ. ގިނައިން ލިބެނީ ވެޑިން ސީޒަންތަކުގައި. ދެން އޮކޭޝަންތަކުގައި،" ޝަފާތު ބުންޏެވެ. އާމްދަނީއާ ބެހޭ ތަފްސީލީ ވާހަކަ ބާއްވާނީއެވެ.

ވާސިލުވާން ބޭނުންވާ ހިސާބު

ކޮންމެ މީހަކުވެސް އެމީހެއްގެ މަސައްކަތުގެ ކުރިމަގަށް ފޮނި އުންމީދުތަކެއް ކުރާނެއެވެ. އެގޮތުން ޝަފާގެ އުންމީދު ވެސް ހުރީ ވަރަށް އުހުގައެވެ. އޭނާގެ އަޒުމަކީ އެހިސާބަށް ވާސިލުވުމެއެވެ. އޭނާ ބޭނުންވަނީ އަމިއްލަ ސެލޫނެއް ހުޅުވާށެވެ. އިތުރު ޓާގެޓެއް ކަނޑައަޅާނީ އެއަށްފަހުގައި ކަމަށް އޭނާ ބުންޏެވެ. އޭނާ މަސައްކަތް ކުރަނީ ފަހަރަކު ކަމެއް ހާސިލް ކުރުމުގެ ނިޔަތާއި އަޒުމާއި ހިތްވަރާއެކު މަޑުމަޑުންނެވެ.

ޝަފާގެ މޭކަޕެއް

"ވާސިލްވާން ބޭނުންވާ ހިސާބަކީ އަމިއްލަ ސެލޫނެއް ހުޅުވުން. އިރާދަކުރެއްވިއްޔާ އެހިސާބަށްދާން ވަރަށް މަސައްކަތް ކުރާނަން. އިރާދަކުރެއްވިއްޔާ އެކަންވެސް ވަރަށް އަވަހަށް ހާސިލް ކުރެވޭނެ،" އޭނާ ބުންޏެވެ.

ޑިމާންޑު އޮވޭތަ؟

ޝަފާ ބުނިގޮތުގައި މީހުން ވަރަށްބޮޑަށް ހޭލުންތެރި ވެއްޖެއެވެ. އަބަދުވެސް ރީތިވެގެން ތިބޭ ހިތްވެއްޖެއެވެ. އެހެންކަމުން އެންމެ ފަސޭހައިން ރީތިވެވެން އޮތް މަގަކީ މޭކަޕް ކުރުމެވެ. އޭނާ އެންމެ އާދައިގެ މޭކަޕް ކޮށްދެއެވެ. ވެޑިންމޭކަޕް ކޮށްދެއެވެ. ތަފާތު މުނާސަބަތުތަކާ ގުޅޭ މޭކަޕް ކޮށްދެއެވެ. ޕާޓީތަކަށް މޭކަޕް ކޮށްދެއެވެ.

ޝަފާގެ މޭކަޕެއް

"މޭކަޕަށް ވަރަށް ޑިމާންޑު އޮވޭ. މީހުން މިހާރު ވަރަށް ހޭލުންތެރިވެ ފެޝަނަށް ވަރަށް ލޯބިކުރޭ. އެހެންވެ އެންމެވެސް ބޭނުންވޭ މޭކަޕްކޮށްގެން ރީތިވެގެން ތިބެން. މޭކަޕްކުރަން ބޭނުންކުރަނީ ވެސް ބްރޭންޑެޑު އެއްޗެހި. މިހާރު އަޅުގަނޑު އަތުގައި ހުންނާނެ މޭކަޕްކުރާން ބޭނުންވާ ހުރިހާސާމާނެއްހެން ގާތްގަނޑަކަށް ހަމަވެފައި. އެންމެ ޑިމާންޑު އޮންނަނީ ވެޑިން މޭކަޕާއި އާދައިގެ މޭކަޕަށް،" ޝަފާ ބުންޏެވެ.

މީހުން ތަމްރީން ކޮށްދޭ

ޝަފާއަކީ ހަމައެކަނި މޭކަޕްކޮށްދޭ އާޓިސްޓެއް ނޫނެވެ. އޭނާއަކީ އެމަސައްކަތް އެހެން މީހުންނަށް ދަސްކޮށްދޭ ވެސް ޒުވާނެކެވެ. އޭނާ މިހާރު ވަނީ އެކިތަންތާގައި ކޯސްތައް ވެސް ހިންގައިފައެވެ. "އަޅުގަނޑުގެ މަގުސަދަކީ އެނގިހުރި އެއްޗެއް އެހެން މީހުންނަށް ވެސް އުނގަންނައިދީ އޭގެ ފައިދާ އެހެން މީހުންނަށް ވެސް ހޯދައިދިނުން. އެންމެ ބޭނުންވަނީ އެކުދީން ވެސް މިދާއިރާއަށް ނުކުމެ މަސައްކަތް ކުރާތަން ފެނުން. އަދި އެކުދީން ވެސް އެހެން މީހުންނަށް ބުނެދީ ދަސްކޮށްދިނުން،" އޭނާ ބުންޏެވެ.

ޝަފާގެ ބަސް

މި މަސައްކަތުގައި ކުރިއަށްދާން އެންމެ ބޮޑު އެހީތެރިކަމެއް އޭނާއަށް ފޯރުކޮށްދެނީ އޭނާގެ މަންމައެވެ. "އަބަދުވެސް މަންމަގެ ސަޕޯޓު ލިބޭ. އޭގެ އިތުރަށް އާއިލާއާއި ރައްޓެހީންގެ ސަޕޯޓު ލިބޭ. މިހިސާބަށް މިއާދެވުނީ ވަރަށްގިނަ މީހުންގެ އެހީއާއެކީގައި. މި ފުރުސަތުގައި އެ އެންމެނަށް ޝުކުރުދަންނަވަން،" އޭނާ ބުންޏެވެ.

މުސްތަގުބަލް

ޝަފާގެ މުސްތަގުބަލް ފެންނަނީ އުޖާލާކޮށެވެ. އެ ޝައުގުވެރިކަމާއި ހިތްވަރާއި އެ ފަންވަރު އޭނާގެ ކިބައިގައި އެބަހުއްޓެވެ. އޭނާގެ މަންޒިލެއް އެބައޮތެވެ. އެ މަންޒިލް މިހާރުވެސް އޭނާއަށް ފެނެއެވެ. އޭނާގެ އަމިއްލަ ސޭލޫނެއް ހުޅުވެން އިރާދަ ކުރެއްވިއްޔާ ދެން މާގިނަ ދުވަސްތަކެއް ނުނަގާނެއެވެ. އެ ސެލޫން ހުޅުވޭ ދުވަހަކީ ތިނަދޫގެ ޒުވާން އަންހެންކުދީންނަށް ވަރަށް އުފާވެރި ދުވަހަކަށްވާނެއެވެ. މިހާރު އޭނާ މަސައްކަތް ކުރަނީ ތިނަދޫގައި ހުންނަ އާއިލީގެ "އިތާ" އެވެ. އިރާދަ ކުރެއްވިއްޔާ މުސްތަގުބަލުގައި ޝަފާ ވެގެންދާނީ ދެކުނުގެ އެންމެ ވިދުންގަދަ އެއް ތަރިއަށެވެ.