ރަސްމީ ދަތުރުފުޅެއްގައި ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު މަސްއޫދު ބިން މޮމެން އިއްޔެ ރާއްޖެ ވަޑައިގެންފި އެވެ.
ފޮރިން މިނިސްޓްރީން ނެރިފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ މިނިސްޓަރު މޮމެން ރާއްޖެ ވަޑައިގެންނެވީ މިދިޔަ މާޗް މަހުގެ ތެރޭގައި ދިވެހިރާއްޖެ އާއި ބަންގްލަދޭޝްއާ ދެމެދު ސޮއި ކުރި މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގައިވާ މުހިންމު މަސައްކަތެއް ކުރެއްވުމަށް ކަމަށެވެ.މިނިސްޓަރު މޮމެން މިއަދު ރާއްޖެ ވަޑައިގެންނެވީ ބަންގްލަދޭޝްގެ ހައި ލެވެލްގެ ޓީމަކާއެކުގަ އެވެ. މި ދަތުރުގައި ދެ ގައުމުގެ ފޮރިން މިނިސްޓްރީން ބައިލެޓަރަލް ކޮންސަލްޓޭޝަންގެ ބައްދަލުވުންތަކެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.ފޮރިން މިނިސްޓްރީން ބުނީ މޮމެމްގެ މި ދަތުރުގައި ކުރިން އެއްބަސްވެފައިވާ ކަންކަމުގެ މަސައްކަތް ކުރިއަށްދާ ގޮތް ރިވިއު ކުރުމުގެ އިތުރުން އާ ދާއިރާތަކުން ދެ ގައުމުގެ ދޭތެރޭގައި ގުޅުން އުފެއްދުމާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރާނެ ކަމަށެވެ.