މާލެ ސިޓީގެ މިސްކިތްތައް މަރާމާތު ކުރުމަށް ބޭނުންވާ ބަޖެޓް ހޯދަން އެކަމަށް ހާއްސަކޮށް ޓެލެތޯނެއް ބޭއްވުމަށް ނިންމާފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފި އެވެ.
އެ ކައުންސިލުން މިކަން ހާމަ ކޮށްފައިވަނީ މާލެ ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރަށް ހަ މަސް ފުރުމާއި ގުޅިގެން ރޭ ބޭއްވި ރަސްމިއްޔާތުގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އެވެ.
މުއިއްޒު ވިދާޅުވީ އަންނަ މަހުގެ 10 ވަނަ ދުވަހު ސަލްޓަން ޕާކްގައި ފަށަން ހަމަޖެހިފައިވާ އެ ފޯރަމްގައި ކޮންމެ މިސްކިތަކަށް ސްޓޯލެއް ހަދާނެ ކަމަށާއި ކޮންމެ ސްޓޯލަކުން ވެސް އެ މިސްކިތެއްގައި ކުރަންހުރި މަރާމާތުގެ މަސައްކަތުގެ ތަފްސީލު ހިއްސާކުރާނެ ކަމަށެވެ.
ޓީވީތަކުގެ އެހީގައި ޓެލެތޯނެއްގެ ގޮތުގައި އެ ފޯރަމް ކުރިއަށްގެންދާނެ ކަމަށާއި މާލޭގެ ހުރިހާ ރައްޔިތުންނާއި ހުރިހާ ވިޔަފާރިވެރިން އެކަމަށް އެއްބާރުލުން ދިނުމަށް އެދޭ ކަމަށް މުއިއްޒު ވިދާޅުވިއެވެ.