އިސްލާމީ ޝަރީއަތުގެ މައްޗަށް ބިނާވެފައިވާ މޮޑެލް އެއް ރާއްޖެއަށް ތަޢާރަފް ކޮށްގެން މެނުވީ ޑްރަގް ގެ ނުރައްކަލުން ރާއްޖެ މިންޖު ނުކުރެވޭނޭ ކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރު މިހެން ވިދާޅުވެފައިވަނީ ޑްރަގް ކޯޓަށް ހުށަހަޅައިފައިވާ މައްސަލަ ތަކުގ ތެރެއިން ގިނަ މައްސަލަތަކުގެ އެސެސްމެންޓު ހެދުމުގެ ގާބިލްކަން ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގައި ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމެޓީން އެކުލައިލި ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމާ ގުޅިގެންނެވެ.
އެ ރިޕޯޓުގައި ބުނެފައިވަނީ ރާއްޖޭގައި މިހާރު އަމަލުކުރަމުންދާ މަސްތުވާތަކެތީގެ ގާނޫނަކީ ނިއު ސައުތު ވޭލްސްގެ ނިޒާމަށް ބަލައިގެން ހަދާފައިވާ ގާނޫނެއް ކަމަށެވެ. އެ ނިޒާމު ބުނާގޮތުން ޑްރަގް ކޯޓުގައި މައްސަލައެއް ކުރިއަށްދާނަމަ މައްސަލަ ބަލާ ގާޒީއާއެކު ކައުންސެލަރަކާއި ފުލުހަކު ހުންނަންޖެހެއެވެ.
"ޗޭންޖު އެންޑީއޭ ޕެޓިޝަން 2020" ކޮމެޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓާ ބެހޭގޮތުން އުމަރު ވިދާޅުވެފައިވަނީ "އޮސްޓްރޭލިޔާގެ ސައުތު ވޭލްސް ގެ މި މޮޑެލް އެއްކޮށް ދޫކޮށްލާ. އިސްލާމީ ޝަރީއަތުގެ މައްޗަށް ބިނާވެފައިވާ މޮޑެލް އެއް ރާއްޖެއަށް ތަޢާރަފް ކޮށްގެން މެނުވީ ޑްރަގް ގެ ނުރައްކަލުން މިޤައުމު މިންޖެއް ނުކުރެވޭނެ،" ކަމަށެވެ.
މި ރިޕޯޓުގައި ބުނެފައިވާ ގޮތުން ރާއްޖޭގެ ޑުރަގް ކޯޓަށް ހުށަހަޅާ މައްސަލަތައް ވަނީ ގިނަވެފައި ކަމަށެވެ. އެހެނަސް އެ މައްސަލަތަކުގެ އެސެސްމެންޓު ހެދުމަށް އެންޑީއޭ ވަނީ ނުކުޅެދިފައި ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
މި އެސެސްމަންޓް ހަދަން މުޅި އެންޑީއޭގައި ތިބެނީ އެންމެ ފަސް ކައުންސެލަރުން ކަމަށް ވެސް ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ. އެ އަދަދަށް ކައުންސެލަރުން ތިބެގެން އެސެސްމަންޓް ހެދުމަކީ ދަތިވާނެ ކަމެއް ކަމަށްވެސް ބުނެފައިވެއެވެ. އެހެން ކަމުން ވަކި މައްސަލައެއް ނިންމަން ވެސް މަހެއް ހޭދަވާކަން ފާހަގަކޮށްފައިވެއެވެ. އެހެން ކަމުން އެ މުއްދަތު އިތުރުކޮށްދިނުމަށް، ޕެޓިޝަން ކޮމެޓީން ވަނީ ހުށަހަޅާފައެވެ.
އުމަރު ނަސީރަކީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނޭ ކަމަށް އެންމެފުރަތަމަ އިއުލާން ކުރެއްވި ބޭފުޅާއެވެ. އޭނާ ވިދާޅުވެފައިވަނީ ވެރިކަން ލިބި ވަޑައިގެންފި ކަމަށްވާނަމަ ރާއްޖޭގައި ޑުރަގުގެ މައްސަލަތައް ކޮންޓްރޯލް ކުރައްވާނޭ ކަމަށެވެ. ނުވަތަ އެމައްސަލަ ހައްލު ކުރައްވާނޭ ކަމަށެވެ.
ހޯމްމިނިސްޓަރަކަށް ހުންނެވިއިރުވެސް އުމަރުވަނީ ރާއްޖޭގައި ޑްރަގް ކޮންޓްރޯލް ކުރުމަށް މަސައްކަތްތަކެއް ކުރައްވައިފައެވެ. އޭނާ ވިދާޅުވެފައިވަނީ ރާއްޖޭގައި މިމައްސަލަ ކޮންޓްރޯލް ކުރެވޭނީ ސަޕްލައި ހުއްޓުވިގެން ކަމަށެވެ.