ކޮވިޑް 19 ގެ ބަލިމަޑުކަމުގެ ވަބާ ފެތުރެން ފެށުމާއެކު، އެ ބަލިން ރައްކާތެރިވުމަށް ފިޔަވަޅުއަޅަން ފެށިއެވެ. ސަރުކާރުތަކުންނާއި، ދުނިޔޭގެ ސިއްހީ ޖަމިއްޔާއިންނާއި، އެކިއެކި އަމިއްލަ ޖަމާއަތްތަކުން މި ކަމުގައި ހަރަކާތްތެރި ވުމަށް އަވަސްވެގަތެވެ. އާންމުންނަށް ވާނުވާ ރަނގަޅަށް ނޭނގެނީސް، ސިއްހީ މާހިރުންތައް އެ ބައްޔާ ބެހޭގޮތުން އެކިއެކި ހޯދުންތައް ހޯދާ ދިރާސާ ކުރުމަށްވެސް އަވަސްވެގަތެވެ. އެގޮތުން ހަރަކާތްތެރިވި ފަރާތްތަކުގެ ތެރޭގައި ވިޔަފާރީގެ ފުރުސަތެއް ލިބިއްޖެކަމަށް ދެކި، އެ ފުރުސަތުގެ ފުރިހަމަ ބޭނުންހިފުމަށް ދިމާކުރި ބަޔަކުވެސް ހިމެނެއެވެ. އޭގެ ތެރޭގައި މި ބަލިމަޑުކަމަކީ ކިހާ ނުރައްކާތެރި އެއްޗެއްކަން އެންމެ ފުރަތަމަ ދެނެގަތް ސިއްހީ ހިދުމަތުގެ ފަންނާނުންގެ ބަޔަކުވެސް ހިމެނޭކަން ޔަގީނެވެ. އެހެނީ ސިއްހީ ހިދުމަތްދިނުމަކީވެސް ކޮންމެވެސް ގޮތަކުން އޭގައި ވިޔަފާރީގެ މުއާމަލާތްތަކެއް ހިމެނޭ ކަމަކަށްވެފައި، ވިޔަފާރީގެ މަންފާ އަވަހަށް ލިބިގެންފިނަމަ، އެ މަންފާ އެހެން ފަރާތަކަށް ލިބުމުގެ ފުރުސަތު ހަނިވާނެތީއެވެ.

މިއީ މީގެ ކުރިންވެސް ބަލިމަޑުކަމުގެ ވަބާއެއް އަލަށް ފެނުމުން ކަންހިނގާ ދާ ގޮތްގޮތެވެ. ސިއްހީދާއިރާގައި މަސައްކަތްކުރާ މީހުންގެ ތެރޭގައި ދިރާސާކުރާ މީހުންނާއި، ތަހުލީލުކުރާ މީހުންނާއި، ވިޔަފާރިއަށް ވިސްނާ މީހުންނާއި، އިދާރީ ފިޔަވަޅުތަކަށް ވިސްނާ މީހުންނާއި، އަދިވެސް އެކިއެކި ބާވަތްތަކުގެ މީހުން ހިމެނޭނެއެވެ. މިފަހަރުގެ ބަލިމަޑުކަމުގެ ކުރިން ދުނިޔެއަށް ދިމާވި ބަލިމަޑުކަމަކީ (H1N1)pdm09 އެވެ. އެއީ މީގެ ދިހަ ވަރަކަށް އަހަރުކުރިންކަމުގައިވިނަމަވެސް، އާންމު މީހާގެ ނަޒަރުން އެއިރާ މިހާރާ ދުނިޔެ ވަރަށް ބޮޑަށް ތަފާތެވެ. އެއިރަކީ އިންޓަނެޓް ބޭނުންކުރެވޭ ދުވަސްވަރެއްކަމަކު، އިންޓަނެޓް ބޭނުންކުރެވެނީ މައިގަނޑުގޮތެއްގައި ކޮމްޕިއުޓަރަކުން ނުވަތަ ވަރަށް މަދު ސްމާޓްފޯނުތަކަކުންނެވެ.

އެއާ ހިލާފަށް، މިފަހަރުގެ ބަލިމަޑުކަން 2019ގައި ފެށިގެން އައި އިރު، އާންމު މީހާގެ އަތުގައި އިންޓަނެޓް ބޭނުންކުރެވޭ ފޯނެއް އޮވެއެވެ. އަދި ވަގުތުން ވަގުތަށް ހަބަރު ފެތުރުމުގެ ގާބިލުކަން ލިބިފައިވާ މީޑިއާތަކާއި، އެ ހަބަރުތައް އިތުރަށް ފެތުރުމަށް ސޯޝަލް މީޑިއާތަކެއްވެސް ތަރައްގީ ވެފައިވެއެވެ. ގިނަފަހަރަށް ހަބަރުތައް އިތުރަށް ފެތުރުމުގައި އޭގެ އަސްލުގެ ތެރެއަށް ފޮނިތޮށި ކާފޫރުތޮޅި އަޅާ، ގަޑުބަޑު ކޮށްގެން ފަތުރާ ހަބަރުތައް އާންމުންނަށް ބޮޑަށް މަގުބޫލުވެއެވެ. ނަތީޖާއަކީ އަސްލު އަދި ސައްހަ ހަބަރާއި ގަޑުބަޑުކޮށްފައިވާ ވާހަކަތަކާއި ވިޔަފާރީގެ ބޭނުމަށް ފަތުރާ ވާހަކަތަކާ މަސްހުނިވެ، އެކަތި އަނެކައްޗާ ވަކިނުކުރެވޭ ހިސާބަށް ދިއުމެވެ. މިތަކެތި، ދަންނަމީހަކު ފޮނުވީއޭ ކިޔާފައި އެއީ ސައްހަ އެއްޗެއްކަން ގަބޫލުކޮށް، ތިމާ ދަންނަ އެހެންމީހުންނަށް އެ ފޮނުވުމުން ވަރަށް ބާރަށް ފެތުރިގެންދެއެވެ.

ހަގީގަތަކީ ކޮބައިކަން ވާނުވާ ހިސާބުގައި ތިބެ، ކަމާބެހޭ އިދާރާތަކުން އަމަލުކުރުމަށް ބުނާހާ ގޮތަކަށް ކުރިން އަމަލުކުރަމުން އައި އާންމު މީހާ، މިފަހަރު ހުރީ ވަރަށް ބޮޑަށް އޮޅުންބޮޅުމެއްގެ ތެރޭގައި، ހަދާނެގޮތް ނޭނގިފައެވެ. މިފަހަރު އެމީހާއަށް މާބޮޑަށް މާގިނަ މައުލޫމާތު، މި ބަލިމަޑުކަމާބެހޭގޮތުން އެނގެއެވެ. އަދި ކަމާބެހޭ އިދާރާތަކުން، އޮޅިގެން ކުރެވޭ ކުށްތަކުގެ ވާހަކަވެސް ވަކިން ހާއްސަކޮށް ފެތުރިފައިވެއެވެ. އެ އިދާރާތަކާއެކު މަސައްކަތް ކުރާ ސިއްހީ ހިދުމަތްތެރިންނަކީ، އިތުރު ވިޔަފާރިއެއްގައި އުޅޭ ބައެއްނަމަ، އެ ވިޔަފާރިއާ، މި ބަލިމަޑުކަމާ ދެމެދު ނުރަނގަޅު ގުޅުންތަކެއް ވާނެކަމަށް ޔަގީންކުރެވޭވަރަށްވެސް އެ މީހާއަށް މައުލޫމާތުލިބިފައިވެއެވެ. ނުރަނގަޅު ގުޅުންތަކެއް ހުރުމަކީވެސް އެކަށީގެންވާ ކަމެކެވެ.

ދުނިޔޭގެ ފެންވަރުގައިވެސް އެފަދަ ވިޔަފާރިއަކީ ވަރަށް ފުޅާކޮށް ޒަމާނުއްސުރެ އޮންނަ އެއްޗެކެވެ. ބަލިބައްޔަށް ބޭސް ހޯދުމާއި، އެ ބޭސް އުފެއްދުމާއި، ވެކްސިން ހޯދާ އުފެއްދުމަކީ އެކަންކަމުގައި ވިޔަފާރީގެ ބައެއް އެކުލެވެންޖެހޭ ކަންކަމެވެ. ވިޔަފާރީގެ ފައިދާއެއް ނުވާނަމަ، އެކަން ކުރާނެބަޔަކު ނުވާނެއެވެ.

ކޮންމެ އަހަރަކު އެއް ފަހަރު "ބޫސްޓަރ ޑޯޒް" އެއް ޖަހަންޖެހޭ ވެކްސިން އުފެއްދުމަކީ ސިއްހީގޮތުން ކޮންމެހެން ބޭނުންތެރި ކަމަކަށް ވުމަށްވުރެ ބޮޑަށް ވިޔަފާރީގެ ބޭނުމުގައި ކުރާކަމެއްކަމުގައި ބައެއްމީހުން ބުނަމުންދާތާ އަހަރުތަކެއް ވެއްޖެއެވެ. މިގޮތަށް މިހާތަނަށް ބޫސްޓަރ ޑޯޒު ޖަހަމުންގޮސްފައިވަނީ އިންފްލުއެންޒާ (ފްލޫ) ފަދަ ރޯގާއަށެވެ. ބޫސްޓަރ ޑޯޒް ޖެހީމަ، ފްލޫ ރޯގާޖެހިގެން ހާލުދެރަވާ މީހުންނާއި މަރުވާ މީހުން މަދުވާކަމަށް އެ އުފައްދާ ފަރާތްތަކުން ބުނަމުންދެއެވެ. ނަމަވެސް އެ ބޫސްޓަރ ޑޯޒު ޖެހުމަކީ މަޖުބޫރު ކަމެއް ނޫނެވެ.

މިހާރު ފެތުރިފައިވާ ކޮވިޑް 19 ގެ ބަލިމަޑުކަމަށްވެސް ދެ ޑޯޒު ވެކުސިންޖެހުމަކީ، އާންމު ސިއްހަތަށް ކޮންމެހެން ބޭނުންތެރި ކަމެއްކަމަށް ނިންމާ، ދުނިޔޭގެ ހުރިހާ ގައުމުތަކަކުން ވަނީ އެ ދެ ޑޯޒު ވެކްސިން ޖަހާފައެވެ. ނުވަތަ ދަނީ ޖަހަމުންނެވެ. އޭގެ އިތުރުން، ބައެއް ގައުމުތަކުން މިހާރު ތިންވަނަ ޑޯޒެއް، ބޫސްޓަރ ޑޯޒެއްގެ ގޮތުގައިވެސް ޖަހަންފަށާފައިވެއެވެ. މިއީވެސް ކޮވިޑް 19 ފެތުރުން ހުއްޓުވުމަށް އެޅެމުންދާ ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެކެވެ. ބައެއް މާހިރުންބުނާގޮތުގައި ބޫސްޓަރ ޑޯޒަކީ ދާއިމީކޮށް ޖަހަންޖެހޭނެ އެއްޗެކެވެ.

ކޮވިޑް 19 ފެތުރެމުންދާ މިންވަރަށް ބަލާއިރު، މި ބަލިމަޑުކަން ކޮންޓުރޯލުވާތަނެއް ނުފެނެއެވެ. މިހާރު 261 މިލިއަން މީހުންނަށް ކޮވިޑް 19 ގެ ބަލި ޖެހިފައިވާއިރު، ފަސް މިލިއަން މީހުންވަނީ މި ބަލީގައި މަރުވެފައެވެ. މި ބަލި ޖެހި، ބަލިން ރަނގަޅުނުވާ މީހުންގެ އަދަދުވެސް މިހާރު މިވަނީ ރެކޯޑު މިންވަރަކަށް އިތުރުވެފައެވެ. މިއަދު މި ބަލިޖެހިފައިވާ 20 މިލިއަން މީހުން އެބަތިއްބެވެ. މިއީ 2021 ވަނަ އަހަރުގެ ކުރީކޮޅުގައި އައި، މިބަލީގެ ފުރަތަމަ ރާޅުގައި އެންމެ ގިނައިން އެއްފަހަރާ ބަލިވި މީހުންގެ އަދަދާ އަޅާބަލާއިރު ދޮޅުމިލިއަން އިތުރު އަދަދެކެވެ. އެފަހަރު އެންމެ ގިނައިން އެއްފަހަރާ ބަލިޖެހުނު މީހުންގެ އަދަދު 18.5 މިލިއަނަކަށް ނާރައެވެ. ދުނިޔޭގައި މިހާރު ފެތުރެމުން މިދަނީ މިބަލީގެ ހަތަރުވަނަ ރާޅެވެ.