ގދ.މާވާރުލު ފަޅުތެރަށް ދިޔަ ގައްދޫ ދެ މީހުންގެ ޚަބަރެެއް ނުވެގެން ހޯދަމުން ދަނިކޮށް ފެނިއްޖެ އެވެ. ގައްދޫ ކައުންސިލުން ވިދާޅުވީ އެމީހުން ފެނިފައިވަނީ ޑިންގާ ނުވަތަ ބޮއްކުރާގައި ނިދާފައި ތިއްބައެވެ. "އެމީހުން ތިބީ ދިޔަވަރު ބޮޑުވަންދެން ބޮއްކުރާ ފަޅުގައި އަޅައިގެން ނިދާފައި. ދެ މީހުންގެ ހާލުވެސް ރަނގަޅު،" ގައްދޫ ކައުންސިލުން ވިދާޅުވިއެވެ.

އެމީހުން ފެނިފައިވަނީ ރަށު ކައުންސިލާއި ފުލުހުން ގުޅިގެން އެމީހުން ހޯދަމުން ދަަނިކޮށެވެ. އެ މީހުންގެ ހާލުވެސް ރަނގަޅު ކަމަށް ގައްދޫ ކައުންސިލުން ވިދާޅުވިއެވެ. މިހާރުވެސް އެ ދެ މީހުންތިބީ މާވާރުލު ފަޅުތެރޭގައެވެ. އެމީހުން ގައްދުއަށް ދާނީ އިރު އެރުމުން ކަމަށް އެނގިފައިވެއެވެ.

އެ ދެމީހުން ފަޅުތެރެއަށް ދިޔައީ ކާށު ހޮވުމަށެވެ. އެހެން ކަމުން އެމީހުން ރަށަށްދާނީ އަދިވެސް އިތުރަށް ކާށި ހޮވުމުގެ މަސައްކަތް ކޮށްފައެވެ. އެ ދެ މީހުން އެރަށަށް ގޮސްފައި ވަނީ ހޮނިހިރު ދުވަހު ހެނދުނުގައެވެ. އެ މީހުން ގެއްލުނު ކަމުގެ މައުލޫމާތު ލިބިގެން ހޯދަން ފަށައިފައިވަނީ ހޮނިހިރު ދުވަހުގެ ރޭ 10:03 ގެ ފަހުންނެވެ.

ފަޅުތެރެއަށް ދިޔައީ ގައްދޫ ޗިޗަންޑާގޭ އަބްދުއްރަހީމް (79 އަހަރު) އާއި އެރަށު ޗަނބޭލީގޭ ހަސަން މަޖުދީ އެވެ. އޭނާގެ އުމުރަކީ 25 އަހަރެވެ.