މޫސުން ގޯސްވެ ރާއްޖެއަށް ކުރާ ވިއްސާރައިގައި 12 އަތޮޅެއްގެ މޫސުން އިތުރަށް ގޯސްވާނެތީ ރާއްޖޭގެ މޫސުމާބެހޭ އިދާރާއިން މިއަދު އެ އަތޮޅުތަކަށް ވައިޓް އެލާޓެއް ނެރެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން މިހާރު ހުދު ސަމާލު ނެރެފައި ވަނީ ހއ.އަތޮޅުން ފެށިގެން ވ.އަތޮޅާއި ދެމެދުގެ ސަރަހައްދުތަކަށެވެ.

ވައިޓް އެލާޓް ނެރެފައިވާ ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހުމާއިއެކު ގުގުރުން ވެސް އެކަށީގެންވާ ކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ވަނީ ލަފާކޮށް އެލާޓް ނެރެފައިވަނީ މިއަދު މެންދުރުފަހު 14:00 އާއި ހަމައަށެވެ.

މޫސުމާބެހޭ އިދާރާއިން ބުނީ އެ ވަގުތު ތަކުގައި އެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރެ ވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ކަނޑުތައް ގަދަވެ ރާޅު ބޮޑުވާނެ ކަމާއި ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން ވެސް އެކަށީގެންވާ ކަމަށެވެ.