މިރޭ ހަތްގަޑި ދިހައެއްހާއިރު މ. މުލީ މާފަހިގޭ ދަރު ބަދިގޭގައި ރޯވެ ބަދިގޭގައި ހުރި ހުރިހާ އެއްޗެއް އަނދާ ހުލިވެއްޖެކަމުގައި މުލީ ކައުންސިލުގެ ރައީސް ޝަންމޫން ރަމީޒު ވިދާޅުވިއެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެއެވެ. ނަމަވެސް ޖެހިގެންހުރިގޭގައި، ހޮޓަލަކަށް ހަދަމުންދާ އިމާރާތުގައި ރޯވެ ގެއްލުންތަކެއް ލިބުނުކަމަށް މުލީ ކައުންސިލުގެ ރައީސް މައުލޫމާތު ދެއްވިއެވެ.

މި ހާދިސާ ހިނގީ ބަދިގޭގައިގައި މަސްކައްކަން އުދާފައި ހުއްޓައެވެ. ހާދިސާ ހިނގި އިރު މިގޭގެ ވެރިފަރާތް ހުރީ ނަމާދަށްކަމަށް މަންޒަރުދުށް މުލީގެ ރައްޔިތަކު ބުންޏެވެ. މި ބަދިގެ އަކީ ގެއާއި ވަކިން ހުރި އިމާރާތެކެވެ. މިހާރު މި އަލިފާންގަޑު ވަނީ ނިއްވާލާފައެވެ.

މި އަލިފާން ނިއްވުމުގައި މުލީގެ ރައްޔިތުނ،ް ޕޮލިހުން، އެމްއެންޑީއެފް އަދި މުލީ ފަޔަރ އެމެޖެންސީ ރެސްޕޮންސް ޓީމުން ދެއްވި އެއްބާރުލެއްވުމަށް މުލީ ކައުންސިލުން ޝުކުރު އަދާކުރައްވާކަމަށް ކައުންސިލުގެ ރައީސް ވިދާޅުވިއެވެ.