އެމެރިކާގެ ރިޔާސީ އިންތިޚާބުގައި މުހިންމު ބައެއް ސްޓޭޓްތަކުން ލާފައިވާ ވޯޓު އަދިވެސް ގުނަމުންދާއިރު، ރައީސް ޑޮނަލްޑް ޓްރަމްޕާއި، ރިޕަބްލިކަން ޕާޓީން އަދިވެސް އުންމީދު ކަނޑާނުލާ ކަމަށް އެމެރިކާގެ މީޑިއާއިން ރިޕޯޓްކޮށްފިއެވެ.

ބައެއް ސިޓީތަކުގެ ވޯޓުގެ މައްސަލަ ޓްރަމްޕް ކެމްޕެއިނުން ކޯޓަށް ވެއްދި ނަމަވެސް، ރިޕަބްލިކަން ޕާޓީން އަދިވެސް އުންމީދު ކޮށްގެން ތިބީ ވޯޓު ގުނައި ނިމި އިއުލާންކުރާ ނަތީޖާގައި ކާމިޔާބު ލިބޭނެ ކަމަށް ކަމަށް ވެއެވެ.

ޚާއްސަކޮށް ރައީސް ޓްރަމްޕް އުންމީދު ކުރައްވަމުން ގެންދަވަނީ ޕެންސިލްވޭނިއާ، ޖޯޖިއާ އަދި އެރިޒޯނާގެ ވޯޓަށެވެ. އެނޫންވެސް މުހިންމު ބައެއް އެހެން ސްޓޭޓްތަކުގެ ނަތީޖާއަށެވެ.

ސިޓީތަކާއި، ސްޓޭޓްތަކުން ހާމަކުރަމުންދާ އިންތިޚާބުގެ ނަތީޖާތަކަށް ރިއާޔަތްކޮށް އެމެރިކާއާއި ދުނިޔޭގެ ބޮޑެތި ނިއުސް ނެޓްވޯރކްތަކުން ހަދަމުންދާ ޕްރޮޖެކްޝަންތަކުން އިންތިޚާބު ކާމިޔާބު ކުރައްވާނީ ޖޯ ބައިޑެންކަމަށް މިހާރުދަނީ ދއްކަމުންނެވެ.

އިންތިޚާބު ކާމިޔާބު ކުރުމަށް 270 އިލެކްޓޯރަލް ވޯޓު ބޭނުންވާއިރު، ބޮޑެތި ނިއުސް ނެޓްވޯރކްތަކުން ހާމަކޮށްފައިވާ ނަތީޖާތަކުން ކުރީގައި އުޅުއްވަނީ ބައިޑެންއެވެ.

ކޯޓަށް މައްސަލަތައް ވައްދައިގެން އިންތިޚާބުގެ ނަތީޖާ ނެރުމަށްވުރެ، އެކަން ވާން އެންމެ އުންމީދުކުރަނީ ވޯޓު ގުނައިގެން ކަމަށް، ރިޕަބްލިކަން ޕާޓީގެ ކެމްޕެއިންގައި އުޅޭ ފަރާތްތަކާއި، އެޕާޓީގެ އާންމު ގިނަ މެމްބަރުންވެސް ގަބޫލުކުރާ ކަމަށް މީޑިއާއިން ބުނެއެވެ.

ރައީސް ޓްރަމްޕާއި، ރިޕަބްލިކަން ޕާޓީގެ އާންމު މެމްބަރުން ފޮނި ހުވަފެން ދެކޭންފެށީ، ބައެއް ޓީވީތަކުން ފަތުރަންފެށި ހަބަރުތަކުގެ ސަބަބުންނެވެ.

އެގޮތުން، އެރިޒޯނާ ލިބިއްޖެނަމަ ރައީސް ޓްރަމްޕަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށާއި، އިންތިޚާބު ކާމިޔާބު ކުރައްވާނީ ޓްރަމްޕް ކަމަށް ޓީވީތަކުން ހަބަރު ފަތުރަން ފެށިއެވެ.

ނަމަވެސް، އެރިޒޯނާއާއި، ވިސްކޮންސިން، މިޗިގަންފަދަ މުހިންމު ސްޓޭޓްތަކުގެ ވޯޓު ފަހުން އެނބުރިގެން ދަންފެށީ ބައިޑެން ކޮޅަށެވެ.

ގުނަމުންދާ ވޯޓުތަކުގެ ނަތީޖާތައް ޖޯ ބައިޑެން ކޮޅަށް އެނބުރެމުންދިޔަ ނަމަވެސް، ރިޕަބްލިކަން ޕާޓީގެ މެމްބަރުން އަދިވެސް އުންމީދު ކުރއްވަމުން ގެންދަނީ، ވޯޓު ގުނައި ނިމޭއިރު އިންތިޚާބު ކާމިޔާބު ކުރެވޭނޭ ކަމަށެވެ.