އިންޑިއާގައި އިންތިޚާބުގައި އަންހެނުން ބައިވެރިވާ މިންވަރު ވަނީ ފިރިހެނުންނަށް ވުރެން ގިނަވެފައި ކަމަށް އިންޑިއާގެ އިލެކްޝަންސް ކޮމިޝަނަރ ވިދާޅުވެއެވެ. އިލެކްޝަންސް ކޮމިޝަނަރ ސުޝިލް ޗަންދްރާ ވިދާޅުވީ 70 އަހަރާއި 17 އާންމު އިންތިޚާބަށްފަހު މި ފެންނަނީ އަންހެނުންގެ ހިއްސާ އިންތިޚާބުގައި ބޮޑުވެފައިވާ ތަނެވެ.

1962ގައި އަންހެނުން އިންތިޚާބްގައި ބައިވެރިވާ ނިސްބަތް އުޅުނީ ފިރިހެނުންނަށް ވުރެން 16 އިންސައްތައަށް ވުރެން ދަށުގައެވެ. ނަމަވެސް މިހާރު އަންހެނުން ބައިވެރިވާ ނިސްބަތް ވަނީ 235 ޕަސެންޓަށް އިތުރު ވެގެން ގޮސްފައެވެ.

އޭނާ މިވާހަކަތައް ހާމަ ކުރައްވާފައި ވަނީ އިންތިޚާބްގައި އިންޑިއާގެ ތަޖުރިބާއާއި ބެހޭގޮތުން ބައިނަލްއަގްވާމީ ފޯރަމެއްގައި ބވާހަކަ ދައްކަވަމުންނެވެ.

އިންޑިއާގައި އަންހެނުންގެ ހިއްސާ އިންތިޚާބްތަކުގައި އިތުރު ވެގެން ގޮސްފައި ވަނީ ހުސް އަންހެނުން މެނޭޖް ކުރާ އިންތިޚާބި މަރުކަޒުތައް ގާއިމް ކުރުމާއި އަންހެނުންނަށް ވޯޓްލާން ރަޖިސްޓްރީ ކުރުން ފަސޭހަ ކޮށްދިނުމާއި އަންހެނުން ވޯޓްލާން އައިސް އިށީދެގެން ތިބޭ ތަންތަން ވަކިކޮށްފައި ބެހެއްޓުމާއި އަންހެނުންނަށް ވަކިން ފާޚާނާތައް ހަދައިދީ ފަސޭހަތައް ގާއިމް ކޮށްދީގެން ކަމަށް އިންޑިއާގެ އިލްކްޝަންސް ކޮމިޝަނަރ ވިދާޅުވިއެވެ.

އިންޑިއާގައި އުމުރުން 80 އަހަރަށް ވުރެން މަތީ މީހުންނަށް ވޯޓް ލުމުގައި ބައިވެރިވެވޭ ގޮތަށް ހަދައި ދިނުމަށް ހަ ސްޓޭޓެއްގައި ކޮށްފައިވާ މަސައްކަތުގެ ތަޖުރިބާވެސް އޭނާ ހިއްސާ ކުރެއްވިއެވެ. އިންޑިއާގައި 80 އަހަރުން މަތީގެ 15 މިލިއަން މީހުން ވޯޓްލާން ރަޖިސްޓްރީ ކޮށްފައި ވެއެވެ.

އިންޑިއާގައި އެންމެ ފަހުން ބާއްވާފައިވާ ސްޓޭޓް އިލެކްޝަންތަކުގައި ވޯޓްލާން މީހުން ނިކުތް ނިސްބަތް ވަނީ ކުރީ އިންތިޚާބް ތަކަށް ވުރެން 5 ޕަސެންޓަށް އިތުރު ވެފައެވެ.