ރައީސް ޔާމީންގެ މައްޗަށް ކުރައްވާފައިވާ ޙުކުމް ބާތިލްކަމަށް ނިންމަވައި ސްޕްރީމް ކޯޓުން އެމަނިކުފާނު މިނިވަން ކުރައްވައިފިއެވެ.

އެމަނިކުފާނު މިނިވަން ކުރުމާމެދު ގޮތެއް ނިންމެވުމަށް ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގައި ރައީސް ޔާމީން މިނިވަންވެ ވަޑައިގެންނެވީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ނެވެ.

މިމައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި، ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމާއި، ފަނޑިޔާރު ޑރ. އަޒުމިރަލްދާ ޒާހިރެވެ.

މިބޭފުޅުންގެ ތެރެއިން ޝަރީއަތުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު މަހާޒު އަލީ ޒާހިރާހިރެވެ. އޭނާގެ ރައުޔަށް ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ވަނީ ތާއީދު ކުރައްވާފަ އެވެ.

ގއ. ވޮޑަމުއްލާގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރުމަށް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު ލޯންޑަރ ކުރިކަން ސާބިތުވެ، ކްރިމިނަލް ކޯޓުން ރައީސް ޔާމީން ފަސް އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރައްވައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރެއްވީ 2019 ވަނަ އަހަރު ނޮވެމްބަރު 28 ވަނަ ދުވަހުއެވެ.

އެ މައްސަލަ ޔާމީންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ކްރިމިނަލް ކޯޓުގެ ހުކުމަށް ތާއީދު ކުރުމަށް ނިންމައިފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހުއެވެ.

ރައީސް ޔާމީނަށް ކުރި ހުކުމުގެ އިސްތިއުނާފް އަޑުއެހުންތައް ސުޕްރީމް ކޯޓުގައި ނިންމައިލައިފައިވަނީ މިދިޔަ މަހުގެ ފަސްވަނަ ދުވަހެވެ.