ޕީޕީއެމްގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުﷲ އަށް އަނިޔާވެރިވި މީހުންނާ އިންސާފު އަރައި ހަމަކުރާނޭ ކަމަށް އެމަނިކުފާނުގެ ކޮއްކޮ އަދި ޕީޕީއެމްގެ ނާއިބު ރައީސް ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
ޣައްސާން މިހެން ވިދާޅުވީ ސްޕްރީމް ކޯޓުން ރައީސް ޔާމީން މިއަދު މިނިވަން ކުރެއްވުމާ ގުޅިގެން ދެއްކެވި ވާހަކަފުޅުގައެވެ. ސްޕްރީމް ކޯޓުން ރައީސް ޔާމީން މިނިވަން ކުރެއްވުމުން އެއިން ދޭހަވެގެންދިޔައީ އެމަނިކުފާނު ދުވަހަކު ވެސް ދިވެހިގައުމަށް ޚިޔާނާތްތެރި ނުވާނެކަން ކަމަށް ވެސް ޣައްސާން ވިދާޅުވިއެވެ. ރައީސް ޔާމީނަކީ މައުސޫމް ބޭފުޅެއްކަން މި ހުކުމުން އެނގިގެން ހިނގައްޖެ ކަމަށް ވެސް ޣައްސާން ވިދާޅުވިއެވެ.
ގއ. ވޮޑަމުއްލާގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރުމަށް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު ލޯންޑަރ ކުރިކަން ސާބިތުވެ، ކްރިމިނަލް ކޯޓުން ރައީސް ޔާމީން ފަސް އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރައްވައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރެއްވީ 2019 ވަނަ އަހަރު ނޮވެމްބަރު 28 ވަނަ ދުވަހުއެވެ.
އެ މައްސަލަ ޔާމީންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ކްރިމިނަލް ކޯޓުގެ ހުކުމަށް ތާއީދު ކުރުމަށް ނިންމައިފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހުއެވެ.
ރައީސް ޔާމީނަށް ކުރި ހުކުމުގެ އިސްތިއުނާފް އަޑުއެހުންތައް ސުޕްރީމް ކޯޓުގައި ނިންމައިލައިފައިވަނީ މިދިޔަ މަހުގެ ފަސްވަނަ ދުވަހެވެ.