ސްޕްރީމް ކޯޓުގެ މިއަދުގެ ޙުކުމް ރައީސް ޔާމީން މިނިވަންވެ ވަޑައިގެންނެވުމުން އެއްވެސް މީހަކު އެކަމަށް ބޮޑާވެ ކިބުރުވެރި ނުވުމަށް އިދިކޮޅު ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި ޢަބްދުއްރަހީމް ޢަބްދުުﷲ ވިދާޅުވެއްޖެއެވެ.
ޢަބްދުއްރަހީމް ވިދާޅުވީ މިއަދަކީ އޭނާގެ ހަޔާތުގައި މިހާތަނަށް އައި އެންމެ އުފާވެރި ދުވަސްކަމަށެވެ. ރައީސް ޔާމީން ނުހައްގުން ޖަލަށްލައި އެމަނިކުފާނަށް ދެމުން ގެންދިޔަ އަނިޔާތަކަށް މިއަދު ނިމުން އައުމުން އެކަމުގެ ހުރިހާ ހަމްދާއި ޝުކުރެއް ހުރީ ޚާލިގުވަންތަ ﷲ އަށް ކަމަށް އޭނާ ވިދާޅުވިއެވެ. މިއަދަކީ އެކަމަށް ބޮޑާވުމުގެ ބަދަލުގައި ޙަމްދާއި ޝުކުރު ކުރަންވީ ދުވަސް ކަމަށް އޭނާ ވިދާޅުވިއެވެ.
ގއ. ވޮޑަމުއްލާގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރުމަށް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު ލޯންޑަރ ކުރިކަން ސާބިތުވެ، ކްރިމިނަލް ކޯޓުން ރައީސް ޔާމީން ފަސް އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރައްވައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރެއްވީ 2019 ވަނަ އަހަރު ނޮވެމްބަރު 28 ވަނަ ދުވަހުއެވެ. މި މައްސަލަ ޔާމީންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ކްރިމިނަލް ކޯޓުގެ ހުކުމަށް ތާއީދު ކުރުމަށް ނިންމައިފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހުއެވެ. ރައީސް ޔާމީނަށް ކުރި ހުކުމުގެ އިސްތިއުނާފް އަޑުއެހުންތައް ސުޕްރީމް ކޯޓުގައި ނިންމައިލައިފައިވަނީ މިދިޔަ މަހުގެ ފަސްވަނަ ދުވަހެވެ. އިސްތިއުނާފުގެ އަޑު އެހުންތައް ނިންމަވާލެއްވުމަށްފަހު ސްޕްރީމް ކޯޓުން މިއަދު ޙުކުމް ކުރެއްވީ ރައީސް ޔާމީންގެ މައްޗަށް ކުރައްވާފައިވަނީ ބާތިލް ހުކުމެއް ކަމަށެވެ. އެހެންކަމުން ދަށުކޯޓުތަކުގެ އެހުކުމް ބާތިލް ކުރައްވައި ސްޕްރީމް ކޯޓުން މިއަދު ވަނީ ރައީސް ޔާމީން މިނިވަން ކުރައްވައިފައެވެ.
ސްޕްރީމްކޯޓުގައި މިމައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގެންނެވީ ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި، ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމާއި، ފަނޑިޔާރު ޑރ. އަޒުމިރަލްދާ ޒާހިރެވެ.
މިބޭފުޅުންގެ ތެރެއިން ޝަރީއަތުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު މަހާޒު އަލީ ޒާހިރާހިރެވެ. އޭނާގެ ރައުޔަށް ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ވަނީ ތާއީދު ކުރައްވާފަ އެވެ.