ކުރީގެ ރައީސް އަބްދުﷲ ޔާމީން ރާއްޖެ އިން ފުރުން މަނާކުރުމުގެ އަމުރެއް ކްރިމިނަލް ކޯޓުން ނެރެފި އެވެ.

ފުލުހުން ބުނީ ޝަރީއަތުގައި ހުރި މައްސަލަތަކަކާ ގުޅިގެން ފުލުހުން އެދިގެން ޔާމީން ފުރުން މަނާކުރުމުގެ ހަތް ދުވަހުގެ އަމުރެއް ކްރިމިނަލް ކޯޓުން ނެރެދީފައިވާ ކަމަށެވެ.

މިފަދަ އަމުރެއް ނެރެފައިމިވަނީ ޔާމީނަށް އިއްވި ފަސް އަހަރުގެ ޖަލު ހުކުމް ބާތިލުކުރަން ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފައިވާ ދަނޑިވަޅެއްގަ އެވެ. ސުޕްރީމް ކޯޓުން އެ ހުކުމް ބާތިލުކުރީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

ވޮޑަމުލާގެ މައްސަލައިގައި ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމް ސުޕްރީމް ކޯޓުން ބާތިލުކުރިއިރު, ވ. އާރަށް އަދި ރ. ފުއްގިރިގެ މައްސަލައިގައި ޔާމީންގެ މައްޗަށް ވަނީ ރިޝްވަތު ޤަބޫލުކުރުމާއި މަނީ ލޯންޑްރިންގެ ދައުވާ އުފުލާފައެވެ. އޭގެތެރެއިން ބައެއް މައްސަލަތައް މިހާރު އަންނަނީ ކްރިމިނަލް ކޯޓުގައި ހިނގަމުންނެވެ.