ޕާކިސްތާންގެ ގަވަދާރްގައި އަންހެނުން އެމީހުންގެ ޅަދަރިން ގޮވައިގެން މަގުތަކަށް ނިކުމެ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރާ މީހުންނާ ބައިވެރިވެއްޖެއެވެ. މިމީހުންނަކީ ގަވަދާރާއި އަދި އެސިޓީއާ ކައިރި ހިސާބުން އައިސް މުޒާހަރާގައި ބައިވެރިވި އަންހެނުންނެވެ.

ގަވާދާރުގެ ޖަމާއަތޭ އިސްލާމީ ޕާޓީން އިސްވެ އޮވެ އިންތިޒާމު ކުރާ މުޒާހަރާތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ޖަމާއަތުގެ ސެކްރެޓެރީ ޖެނެރަލް މައުލާނާ ހިދާޔަތުއްރަހުމާން ބަލޯޗް ވިދާޅުވީ، ޕާކިސްތާނު ސަރުކާރުން ވަނީ ޗައިނާ ޕާކިސްތާން އިކޮނޮމިކް ކޮރިޑޯ ސީޕެކްގެ ނަމުން ހިންގާ ޕްރޮޖެކްޓްގައި އާންމުންނަށް އޮޅުވާލައި ގަވަދާރުގެ މުއްސަނދިކަން ފޭރިގެންފައެވެ.

މުޒާހަރާ ކުރާ މީހުން ހިފައިގެން ތިބި ބޯޑްތަކުގައި ލިޔެފައި ވަނީ ގަވަދާރަށް ހައްގުތައް ދިނުމަށެވެ.

ބަލޯޗިސްތާން މީހުން ބުނާ ގޮތުން ޗައިނާ ޕާކިސްތާން އިކޮނޮމިކް ކޮރިޑޯގެ ސަބަބުން އެމީހުންގެ ގުދުރަތީ މުއްސަނދިކަން ޗައިނާއިން ފޭރިގަނެފައި ވެއެވެ. އަދި ޗައިނާގެ މަސްވެރިންނާއި އެމީހުންގެ މަސްވެރި އުޅަނދުތަކުން ގަވަދާރުގެ ކަނޑުގެ ސަރަހައްދަށް ވަނުމުން މަސްވެރިނަށް މަސްވެރިކަން ކުރާކަށް ފުރުސަތެއް ނުލިބެއެވެ. އަދި ޗައިނާ އުޅަނދުތަކުން ދާއަޅައިގެން މަސްހިފާކަމުގެ ޝަކުވާތައްވެސް މިމީހުން ކުރެއެވެ.