ނޫސްވެރިން ތިން ގިންތިއަކަށް ގިންތިކޮށް އެމީހުންނަށް ފާރަލުމަށް މޫނުތައް ދަނެގަންނަ ކެމެރާތަކެއް ހަރުކުމުގެ މަސައްކަތް ޗައިނާގެ ޕްރޮވިންސަކުން ހަވާލުކޮށްފިއެވެ. ހޭނާން ޕްރޮވިންސުން މޫނުތައް ދަނެގަންނަ ކެމެރާތައް ހަރުކުމުގެ މަސައްކަތް ބީލަމަށް ލާފައި ވަނީ ޖުލައި ފަހުކޮޅުގައެވެ.

ބީބީސީން ރިޕޯޓް ކުރި ގޮތުގައި ހެނާން ޕްރޮވިންސުން މި މަސައްކަތް ފެށީ ޖެންޖޯ ސިޓީގައި ފެންބޮޑުވެގެން އުޅުނު ދުވަސްވަރު އިންޓަރނޭޝަނަލް މީޑިއާއިން ހޭނާން ޕްރޮވިންސަށް ފާޑު ކިޔުމާ ގުޅިގެންނެވެ.

ބީލަމުގެ ޑޮކިއުމެންޓްގައި ނޫސްވެރިން ގިންތިކޮށްފައި ވަނީ ތިން ބަޔަކަށެވެ. ނުރައްކާތެރި ނޫސްވެރިން ރަތް ކެޓަގަރީގައެވެ.

ހިއުމަން ރައިޓްސް ވޮޗްއިން ވަނީ ޗައިނާގެ މިއަމަލު ކުށްވެރިކޮށްފައެވެ.

ނޫސްވެރިންގެ އިތުރުން ޕްރޮވިންސުގައި ތިބޭ ބޭރު ކިޔަވާ ކުދިންނާއި ބޭރުން ހިޖުރަކޮށްފައިވާ އަންހެނުންނާއި ޝައްކު ކުރެވޭ މީސްމީހުންނަށް ފާރަ ލުންވެސް ހިމެނެއެވެ.

ތިން ހާހެއްހައި ކެމެރާއިން ނަގާ ޑޭޓާ ޗައިނާގެ ސަލާމަތީ ކަންކަމާ ބެހޭ މަރުކަޒީ ޑޭޓާބޭހާ ގުޅުންވެސް ހިމެނެއެވެ. މީގެ އިތުރުން މުހިންމު ދުވަސްވަރު، ޚާއްސަކޮށް ކޮމިއުނިސްޓް ޕާޓީގެ ބޮޑެތި ބައްދަލުވުންތައް އޮންނަ ދުވަސްވަރު ހަނގުރާމައިގެ ހާލަތް ފަދަ ތައްޔާރީ ހާލަތުގައި މައުލޫމާތު އެއްކުރުންވެސް ހިމެނޭ ކަމަށް ބީބީސީން ރިޕޯޓް ކުރެއެވެ.

މަޢުލޫމާތު އެއްކުރުމަށް އިތުރު އެހެން ޑޭޓާބޭސްތަކާ ގުޅުން ވެސް ހިނެނެއެވެ. އޭގެ ތެރޭގައި މޮބައިލް ފޯނު ޑޭޓާއާއި ޗައިނާ މީސްމީޑިއާ ވީޗެޓާއި ވައިބޯއިން ނަގާ ޑޭޓާއާއި ހޮޓަލާއި އުޅަނދު ފަހަރުންނާއި ކުއްޔަށްދޭ ތަންތަނުގެ ޑޮކިއުމެންޓު ތަކުން ނަގާ ޑޭޓާވެސް ޑޭޓާބޭހާއި ގުޅުވުން ހިމެނެއެވެ.

ޗައިނާއަކީ ފޭޝަލް ރިކޮގްނިޝަން ކެމެރާ ބޭނުންކޮށްގެން އެންމެ ފުޅާދާއިރާގައި ފާރަލާ ވިއުގައެއް ބިނާކޮށްފައިވާ ގައުމެވެ.

ވޮޝިންޓަން ޕޯސްޓުން ކުރިން ރިޕޯޓް ކޯށްފައިވާ ގޮތުގައި ޗައިނާގެ ވާވޭ ކުންފުނިން ވަނީ އުއިގޫރު މުސްލިމުންނަށް ފާރަލުމަށްޓަކައި ފޭޝަލް ރިކޮގްނިޝަން ޓެކްނޮލޮޖީ ކޮމިއުނިސްޓް ޕާޓީއަށް ޑިވެލޮޕްކޮށްދީފައެވެ.

ހޭނާން ޕްރޮވިންސްގެ ފޭޝަލް ރިކޮގްނިޝަން ސަވައިލެންސް ސިސްޓަމްގެ މަސައްކަތް ވަނީ ނިއުސޮފްޓް ކިޔާ ކުންފުންޏަކާ ހަވާލުކޮށްފައެވެ.