ހައްގު ޝަރީއަތެއް ކޮށްފި ނަމަ، ގައިގަ އަތްލެވޭނެ ޖާގައެއް ނޯންނާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހަށް ޖަލަށް ލާން ކުރި ހުކުމް ސުޕްރީމް ކޯޓުން އިއްޔެ ވަނީ ބާތިލުކުރުމާ ގުޅިގެން މިރޭ ޕީޕީއެމް/ ޕީއެންސީ ޖަގަހާގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނެވެ.

އެމަނިކުފާނު ވިދާޅުވީ "އިރާދަކުރެއްވިއްޔާ އަނެއް ބަންދު ހުރަސް އަންނަންދެން އަޅުގަނޑު ހަމަ ތިޔަ ބޭފުޅުންނާ އެކީ ހަރަކާތްތެރި ވާނަން." ކަމަށާއި "އެކަމަކު މިރޭ ވެސް ރަޙްމަތާ އެކީ އަޅުގަނޑު ދަންނަވާނީ ދައުލަތުގެ ފައިސާއަށް ވައްކަން ކޮށްގެނެއް، ދައުލަތުގެ ފައިސާގައި ޖެހިގެނެއް ހައްގު ޝަރީއަތެއް ކޮށްފިކަމަށްވަންޏާ، އަދުލުވެރިކަމާ އެކީ ކަމެއް ބަލައިފި ކަމަށް ވަންޏާ އަޅުގަނޑުގެ ގަޔަކު އަތްލެވޭނެ ޖާގައެއް ނޯންނާނެ،" ކަމަށެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވީ ޕީޕީއެމް/ ޕީއެންސީ ކޯލިޝަންގެ މަސައްކަތް އިތުރު ހަރުފަތަކަށް ގިޔަރަކަށް ގެންދިޔުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ.

ޕީޕީއެމް ޖަގަހާގައި "ޝުކުރިއްޔާ ލޮބުވެތި ރައްޔިތުން" ނަމުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ޕީޕީއެމް/ ޕީއެންސީ މެމްބަރުން ކުރައްވަނީ މަސައްކަތަކީ ހައްގު މަގުގައި ކުރާ މަސައްކަތެއް ކަމަށެވެ.