ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައި ޗައިނާއިން ރޯ މާއްދާތައް ނެގުމަށް ކުރީގެ ރައިސް ޖީސެފް ކަބީލާގެ ސަރުކާރާއެކު ޝައްކު ކުރެވޭ އެއްބަސްވުންތައް ހަދާފައިވާ ކަމަށާއި ސަރުކާރުގެ މަސްއޫލުވެރިންނަށް ބޮޑެތި އަދަދުތަކުން ޗައިނާއިން ރިޝްވަތު ދީފައިވާ ކަމަށް ހިލޭސާބަހަށް މަސައްކަތް ކުރާ ޖަމާއަތަކުން ހާމަ ކޮށްފިއެވެ.

ހަނގުރާމައިގެ ޖަރީމާތަކާއި ކޮރަޕްޝަންގެ ފައިސާއާއި މަނީލޯންޑަރިންގެ ފައިސާތައް ބޭނުންކޮށްގެން ސިޔާސީ ފަރާތްތަކުން ހިންގާ ޖަރީމާތައް ޑޮކިއުމެންޓްކޮށް ރިޕޯޓް ކުރާ ޖޯރޖު ކުލޫނީގެ އެންޖީއޯ އަދި ސްޓްޑީ ގްރޫޕް "ދަ ސެންޓްރީ" އިންބުނި ގޮތުގައި ޑިމޮކްރެޓިކް ކޮންގޯގައި ޗައިނާއިން މައުދަންތައް ނެގުމަށް ހިންގާފައިވާ ކޮރަޕްޓް ޑީލްތަކުގެ ޑޮކިއމެންޓްތަކަކީ މިއަދާ ހަމައަށް އެފްރިކާގެ ގައުމަކުން އެންމެ ގިނައިން އެންމެ ސައްހަކަމާއެކު ލިބިފައިވާ އެންމެ ބޮޑެތި ޑޮކިއުމެންޓްތައް ކަމަށެވެ.

ސެންޓްރީން ހަދާފައިވާ 90 ސަފްހާގެ ދިރާސާގައި ބުނެފައި ވަނީ ޖޯސެފް ކަބީލާއާއި އޭނާގެ އެއްބަޑުއެއްބަފާ މީހަކާ ގުޅިގެން ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގެ މައުދަންތައް ނަގާތަންތަން ޗައިނާއަށް ކުއްޔަށް ދީފައިވާ ކަމަށެވެ. މި އެއްބަސްވުންތައް ހަދާފައި ވަނީ އަހުލީ ހަނގުރާމައިން ހަނާވެފައިވާ ކޮންގޯގެ އިންފްރާސްޓްރަކްޗާ ގާއިމްކޮށް ރައްޔިތުންގެ ދިރިއުޅުގެ ފެންވަރު މަތި ކުރުމުގެ މާނާގައެވެ.

މި ކޮރަޕްޓް ޑީލްތައް ސަރުކާރާއެކު ހެދުމަށް މެދުވެރިވެފައި ވަނީ ޗައިނާ ރައްޔިތެކެވެ. އޭނާ އުފައްދާފައިވާ ކޮންގޯ ކޮންސްޓްރަކްޗަން ކޮމްޕެނީ (ސީސީސީ)އަކީ ސިޔާސީ ވެރިންނާއެކު ޑީލްތައް ފައިނަލް ކުރުމުގެ މަސައްކަތުގައި އުޅުނު ކުންފުންޏެވެ.

ދަ ސެންޓްރީން ވަނީ މި ކުންފުނިން ބައިނަލްއަގްވާމީ ބޭންކުތައް މެދުވެރިކޮށް ފައިސާ އަނބުރާފައިވާ ގޮތްވެސް ޑޮކިއުމެންޓް ކޮށްފައެވެ. އަދި މި ކުންފުނިން ޗައިނާއިން ގިނަ އަދަދަކަށް ނަގުދު ފައިސާ ކޮންގޯއަށް އެތެރެކޮށް ސިޔާސީ ވެރިންނަށް ދީފައިވާ ކަންވެސް ޑޮކިއުމެންޓް ކޮށްފައި ވެއެވެ.

ކޮންގޯގައި މައުދަން ނެގުމާއި އިންފްރާސްޓްރަކްޗާ މަސައްކަތުގައި އުޅެނީ ޗައިނާ ސަރުކާރު ހިއްސާވާ ކުންފުނިތަކެވެ.

މި ހުރިހައި ކަމެއްގައި އިސްވެ ހުރި މީހަކީ އުމުރުން 30 އެތައް އަހަރެއްގެ ވޫ ވެއި އެވެ. އޭނާ މަޝްހޫރުވެފައި ވަނީ އޭނާގެ އިނގިރޭސި ނަން ޑޭވިޑް ވޫ ވެއި ގެ ނަމުންނެވެ.

އޭނާއާއެކު ވިޔަފާރި މުއާލަމާތުގައި ހަރަކާތްތެރިވި ބެންކަކީ ކުރީގެ ރައީސް ޖޯސެފް ކަބީލާގެ ކޮއްކޮ އިސްވެ ހުރި ބީޖީއައިއެފްއައި ބެންކެވެ.

ޑޭވިޑް، ކުރި މަސައްކަތުން ޗައިނާއިން ވަނީ ކޮންގޯ އިން ޗައިނާގެ ބެލްޓް އެންޑް ރޯޑްގައި ބައިވެރިވުމުން ކުރިން ނަގާފައިވާ ލޯނުތައްވެސް ކެންސަލް ކޮށްފައެވެ.

ދަ ސެންޓްރީގެ އިންވެސްޓިގެޓިވް ރިޕޯޓް ތައްޔާރު ކުރުމުގައި ޕްލެޓްފޯމް ޓު ޕްރޮޓެކްޓް ދަ ވިސްލް ބްލޯވާޒްއާއި ފްރާންސްގެ މީޑިއާޕާޓްއާއި ޔޫރަޕިއަން އިންވެސްޓިގޭޓިވް ކޮލަބޮރޭޓާޒް ބައިވެރިވިއެވެ.

ބައިނަލްއަގްވާމީ މާލީ ނިޒާމު ބައިވެރިކޮށްގެން ހިންގާފައިވާ މާލީ ބޮޑު ޖަރީމާއެއް ކަމަށް ސިފަކޮށް، މި މައްސަލަ ތަހުގީގު ކުރުމަށް ދަ ސެންޓްރީން ވަނީ އީޔޫއާއި ޔޫއެސްއާއި ޔޫކޭއަށް ގޮވާލާފައެވެ.