ވ. ތިނަދޫ އައު އިންޖީނުގޭ ފުރާޅުގައި ސޯލާޕެނަލް ހަރުކޮށްފި ކަމަށް ސްޓެލްކޯއިން ވިދާޅުވެއްޖެއެވެ.

އެ ކުންފުނީން ވިދޅުވެފައިވަނީ މިއީ ތެލަށް ބަރޯސާވުން ކުޑަކޮށް، އިޔާދަ ކުރަނިވި ހަކަތަ ބޭނުން ކުރާ މިންވަރު އިތުރުކުރުމުގެ ގޮތުން އެޅުއްވި ހަރުދަނާ ފިޔަވަޅެއް ކަމށެވެ. އެ އިންޖީނުގޭ ފުރާޅުގައި ހަރުކޮށްފައިވަނީ 30 ކިލޯވޮޓް ސޯލާޕެނަލް އެވެ.

ތިނަދޫ އައު އިންޖީނުގޭގެ މަސައްކަތް ނިންމައި ހުޅުވާފައިވަނީ ނޮވެމްބަރމަހު ފަހުކޮޅުއެވެ. އައު އިންޖީނުގެއިން ޚިދުމަތް ދޭން ފަށައިފައިވަނީ ސްޓެލްކޯގެ ސްޓެވޯ ވޯކްޝޮޕުން ރާވާފައިފައިވާ ޖަނަރޭޓަރުތަކުގެ ތެރެއިން 500 އެސްޓީޑަބްލިޔު މޮޑެލްގެ އައުޖަނަރޭޓަރަކާ ވެސް އެކުގައެވެ. މިއީ ސްޓެލްކޯއަށް ވެސް ލިބިގެންދިޔަ ބޮޑު ކުރިއެރުމެކެވެ. އެއީ އެކުންފުނީން އެސެމްބަލްކުރި ޖަނަރޭޓަރުތަކުގެ ތެރެއިން ކޮމިޝަންކޮށް ބޭނުންކުރަން ފެށި ފުރަތަމަ ޖަނަރޭޓަރެވެ.

އައުއިންޖީނުގެއާއެކު ތިނަދޫ އިންޖީނުގޭގެ ކެޕޭސިޓީވެސް ވަނީ މަތިކޮށްފައެވެ. ކުރީގެ ކެޕެސިޓީއަކީ 656 ކިލޯވޮޓެވެ. މިހާރުގެ ކެޕެސިޓީއަކީ 1136 ކިލޯވޮޓެވެ. އައު އިންޖީނުގެ ބޭނުންކުރަން ފަށައިފައިވަނީ އެރަށުގެ ކަރަންޓު ޑިސްޓްރިބިއުޝަން ނެޓްވޯކް އަޕްގްރޭޑް ކުރުމަށްފަހުއެވެ.

އދ. ހަންޏާމީދޫ އިންޖީނުގޭގައިވެސް ސްޓެވޯ ވޯކްޝޮޕުން އެސެމްބަލްކުރި ޖަނަރޭޓަރެއް ބޭނުން ކުރަމުން ގެންދެއެވެ. އެއީ އެސްޓީޑަބްލިޔު 300 ގެ ޖަނަރޭޓަރެކެވެ. އެ ޖަނަރޭޓަރު ބޭނުންކުރަން ފެށުމުން އަރަށު ކަރަންޓުގެ ކެޕޭސިޓީ މިހާރު ވަނީ 460 ކިލޯވޮޓުން 740 ކިލޯވޮޓްއަށް އިތުރު ކުރެވިފައެވެ.