އަލްޖީރިއާގެ ރައްޔިތުންނަށް ބޭނުންވާ ކޮވިޑް-19 ވެކްސިން ހޯދުމުގައި ސަރުކާރުން ވެކްސިންގެ އަގަކަށް ނުބަލާނެ ކަމަށް، އަލްޖީރިއާގެ ހެލްތު މިނިސްޓަރ އަބްދުއްރަހްމާން ބެންބޫޒިދު ވިދާޅުވެއްޖެއެވެ.

ހެލްތު މިނިސްޓަރ ވިދާޅުވީ، ކޮންމެ އަގެއް ދޭން ޖެހުނަސް ސަރުކާރުން އޮތީ ވެކްސިން ގަތުމަށް ތައްޔާރަށް ކަމަށެވެ.

އަލްޖީރިއާގެ ހެލްތު މިނިސްޓަރ އަބްދުއްރަހްމާން ބެންބޫޒިދު މިކަން ހާމަކުރައްވާފައިވަނީ، ވެރިރަށް އަލްޖިއާރސްގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައެވެ.

ހެލްތު މިނިސްޓަރ ވިދާޅުވީ، އަލްޖީރިއާގެ ރައްޔިތުންނަށް ބޭނުންވާ ރައްކާތެރި ވެކްސިން ވީހާވެސް އަވަހަކަށް ލިބޭނޭކަމުގެ ކަށަވަރުކަން ހޯދުމަށްޓަކައި އެގައުމުން މިހާރުވަނީ، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން އިސްނަގައިގެން ކުރިއަށް ގެންދާ ކޮވެކްސް ގްރޫޕުގައިވެސް ބައިވެރިވެފައި ކަމަށެވެ.

ޑަބްލިޔޫއެޗްއޯގެ އިނިޝިއޭޓިވްގެ ދަށުން އުފައްދާ ވެކްސިން ބާޒާރަށް ނެރުމާއެކު، އަލްޖީރިއާގެ ރައްޔިތުންނަށް ބޭނުންވާ މިންވަރަށް ވެކްސިން ހޯއްދަވާނެ ކަމަށާއި، ކޮންމެފަދަ އަގެއް ދީގެންވެސް އެކަން ކުރައްވާނޭ ކަމަށް ހެލްތު މިނިސްޓަރ ވިދާޅުވިއެވެ.

އަލްޖީރިއާގެ ހެލްތު މިނިސްޓަރ އަބްދުއްރަހްމާން ބެންބޫޒިދު ވިދާޅުވީ، އަލްޖީރިއާ މިހާރު ތަހައްމަލް ކުރަމުންދަނީ ކޮވިޑް-19 ބަލީގެ ދެވަނަ ރާޅުކަމަށެވެ. ބަލި ފުރަތަމަ ފެތުރު ދުވަސްވަރާ އަޅާ ބަލާއިރު ދެވަނަ ރާޅު މާ ވަރުގަދަވެފައި ނުރައްކާތެރި ކަމަށް އޭނާ ވިދާޅުވިއެވެ.

ހެލްތު މިނިސްޓަރ ވިދާޅުވީ، ބަލީގެ ދެވަނަ ރާޅުގެ ހާލަތު ގޯސްވެފައި ނުރައްކާތެރިކަން ބޮޑުވެގެންދިޔައީ، ބައްޔަށް އިތުރަށް ފަރުވާތެރިވުމާއި، ސިއްހީ ގައިޑްލައިންތަކަށް އަމަލުކުރުމުގައި އާންމުން ފަރުވާކުޑަ ކޮށްލުމުން ކަމަށެވެ.

މީހުން ކުރީގެ ދިރިއުޅުމަށް ރުޖޫއަވުމާއި، ވިޔަފާރިތައް ފެށުމާއި، އަދި ސްކޫލްތަކުގައި ކިޔަވައިދޭން ފެށުން، ޕޮޒިޓިވް ކޭސްތައް އަލުން އިތުރުވުމާ ގުޅުންވާ ކަމަށްވެސް އަލްޖީރިއާގެ ހެލްތު މިނިސްޓަރ ވިދާޅުވިއެވެ.

ބަލި ފެތުރުން ހުއްޓުވަން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އާންމުން ބޯނުލަނބާނަމަ ހާލަތު ވަރަށް ގޯސްވެގެން ހިނގައިދާނެކަމުގެ އިންޒާރުވެސް ހެލްތު މިނިސްޓަރ އަބްދުއްރަހްމާން ދެއްވާފައި ވެއެވެ.

އަދި އާންމުން ފަރުވާތެރި ނުވެއްޖެނަމަ އިތުރު ހަރުކަށި ފިޔަވަޅުތައް އަޅަން ސަރުކާރަށް މަޖުބޫރުވެދާނެ ކަމަށްވެސް ހެލްތު މިނިސްޓަރ ވިދާޅުވިއެވެ.

އަލްޖީރިއާއިން މިހާތަނަށް 60،169 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައި ވާއިރު، މީގެތެރެއިން 2،011 މީހުން ވަނީ ބަލީގައި މަރުވެފައެވެ.