ތިބާ އެމީހަކުދެކެ އިންތިހާއަށް ލޯބިވާ މީހަކު ވަކިވެ ދިއުމަކީ ދުނިޔަވީ ޙަޔާތުގައި ދިމާވާނެ އެންމެ ހިތާމަވެރި އެއްކަމެވެ. އެހެންނަމަވެސް ތިބާ ދޫކޮށް ދިޔަ މީހަކު ހޯދުމަށް މަސައްކަތް ކުރުމަކީ ފޫނެއްފަޔަށް ފެންފުރުން ފަދަ ކަމެކެވެ. އެމީހަކު ތިބާ ދޫކޮށް އެ ދިޔައީ ތިބާ ބޭނުން ނެތީމައެވެ. މިހެން ބުނެލަން ވަރަށް ފަސޭހައެވެ. އެހެންނަމަވެސް އެފަދަ ބައިވެރިޔަކު ވަކިވެ ދިއުމުން ކުރާ އިހުސާސް ތަސައްވަރު ނުކުރެވޭހާވެސް ހިތްދަތި ވާނެކަން އެނގެއެވެ.
އެއީ ލޯތްބަކީ މީހެއްގެ ހިތުގައި އުފެދޭ ބާރުގަދަ ޖަޒުބާތަކަށްވާތީއެވެ. އެއީ ދުލުން ބުނެދޭން ނޭނގޭ، ގަލަމުން ބަޔާން ނުކުރެވޭނެ އިހުސާސެކެވެ. އެފަދަ ބާރުގަދަ ލޯތްބަކުން ގުޅިފައިވާ މީހަކު ވަކިވެދިއުމަކީ ތަހައްމަލުކުރަން ދަތި ހިތާމައެއް ކުރިމަތިވާނެ ކަމެކެވެ. ނަމަވެސް ތިބާ ދޫކޮށް، ދާންބޭނުންވާ މީހަކު ހިފެހެއްޓުމަކީ ބޭކާރު ކަމެކެވެ. އެކަމުގެ ސަބަބުން ތިބާއަށް ލިބޭނީ އިތުރު ހިތްދަތިކަމާއި ތަކުލީފެވެ. ވީމާ، ދިޔަ މީހާއާއެކު ހޭދަކުރި ދުވަސްތައް ހަނދާންކޮށް އިތުރަށް ހިތް ޒަޚަމް ނުކުރާށެވެ. އެ ހިތަށް ޝިފާއެއް ލިބޭނީ ޒަހަމް ތަކާއި ދުރުވެގެންނެވެ. ފާރުތައް ހިކޭނީ ބޭސް އަޅައިގެންނެވެ.
ތިބާ ދޫކޮށްފާ ދާ މީހަކީ ތިބާގެ އަގުވަޒަން ނުކުރާ މީހެއްކަމުގައި ގަބޫލުކުރާށެވެ. ތިބާ އޭނާ އަށްޓަކައި ވީ ގުރުބާނީގައި ކޮޅުފައިން ޖަހާފައި އެ ދަނީ އޭނާ ތިބާ ބޭނުން ނުވެގެނެވެ. ތިބާދެކެ ތެދުވެރި ލޯބި ނުވާތީއެވެ. އެހެންކަމުން ކިތަންމެ ކަރުނައެއް އެޅިކަމުގައިވިޔަސް އެ ކަރުނަތަކަކުން އޭނާ އަކަށް އަސަރެއް ނުކުރާނެއެވެ.
ކިތަންމެ ގިނަދުވަހު އެކީގައި އުޅުނަސް ވަކިވެގެން ދިއުމުން އޭނާއަށް އިންތިޒާރު ނުކުރާށެވެ. އަބަދު އެ ހަނދާންތަކުގައި ޣަރަގުވެ ކަރުނަ އޮހުރުން ހުއްޓާލާށެވެ. ތިބާގެ އަގުވަޒަންނުކޮށް ދޫކޮށްފައި ދިޔަމީހަކަށްޓަކައި ތިބާގެ ވަގުތުތައް ހުސް ނުކުރާށެވެ. އެމީހާ އެނބުރި އަންނާނެ ކަމުގެ އިންތިޒާރުގައި ތިބާގެ މުޅި އުމުރު ބޭކާރު ނުކުރާށެވެ.
ކޮންމެމީހަކުވެސް ވަކިވެ ދަނީ އެތައް ފިލާވަޅުތަކެއް ދީފައެވެ. އެ ފިލާވަޅުތަކުން ޢިބުރަތް ހާޞިލުކުރާށެވެ. ކޮންމެހެން ދޫކޮށްފާ ދިޔަ މީހާއަށް ނަފުރަތު ކުރާކަށްވެސް ނުޖެހެއެވެ. އޭނާ އަށް ޓަކައިވެސް ހިތް ހެޔޮކުރާށެވެ. އެއީ ރަނގަޅަކަށްވީކަމެއްކަމުގައި ދެކޭށެވެ. އެއަށްފަހު ޙަޔާތުގައި އައު ޞަފުޙާ ތަކެއް ލިޔަން ފަށާށެވެ. އާބާބެއް ހުޅުވާށެވެ.
މިފަހަރު ތިބާއަށް އެންމެ ހެޔޮއެދޭ މީހުން ދެނެގަނެވޭތޯ ބަލާށެވެ. ތިބާއަށް އިހުތިރާމުކުރާ ގަދަރާއި ލޯބިން ތިބާގެ އަގުވަޒަންކުރާނެ ފަރާތެއް ދެނެގަންނާށެވެ. މާޒީގެ ޞަފުޙާތައް ލައްޕާލާށެވެ. ކުރެވުނު ހިތްދަތި އިހުސާސް ތަކުގައި ތާ އަބަދު އުޅުމަކީ ބޭކާރު ކަމެކެވެ. މާޒީން ލިބުނު ޢިބުރަތުން މުސްތަޤުބަލު އުޖާލާ ކުރާށެވެ. ދިޔަ މީހަކު އެދިޔައީއެވެ. އެހިސާބުން އެބާބު ނިމުނީއެވެ. އިތުރަށް އެމީހަކަށް އާދޭސް ކުރުމުގައި ތިބާގެ މުޅި އުމުރު ގުރުބާން ނުކުރާށެވެ.