އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބާއްވާ ބޮޑު ޖަލްސާ މިރޭ ބޭއްވުމަށް ތައްޔާރު ވެއްޖެއެވެ.

މިއީ ފާއިތުވެދިޔަ ދެ އަހަރުގެ ތެރޭގައި އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ބައިވެރިވާ ފުރަތަމަ ބޮޑު ޖަލްސާއެވެ. މިޖަލްސާގައި މާލެ އާއި އަތޮޅު ތެރެއިންވެސް ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވާނެކަމަށް ބެލެވެއެވެ.

ޖަލްސާ ފެށުމަށް ހަމަޖެހިފައި ވަނީ މިރޭ ރޭ 20:30 ގައެވެ. ދެއަހަރު ދުވަހަށް ފަހު ރައީސް ޔާމީން ސަޕޯޓަރުންނާއި ބައްދަލު ކުރައްވަނީ އެމަނިކުފާނުގެ މައްޗަށް ދަށު ކޯޓުންނާއި ހައިކޯޓުން ސާބިތުކުރި މަނީލޯންޑްރިންގެ ދައުވާ ސާބިތުނުވާ ކަމަށް ސުޕްރީމް ކޯޓުން ނިންމުމުންނެވެ. ސުޕްރީމް ކޯޓުން ނިންމާފައި ވަނީ ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ ސާބިތު ކުރުމުގައި އެތައް ގޯހެއް ހަދާފައި އެބައޮތް ކަމަށެވެ.