ޕާކިސްތާން ފެކްޓްރީއެއްގައި މަސައްކަތް ކުރާ ސްރީލަންކާ މީހަކު އިސްލާމް ދީނަށް ފުރައްސާރަ ކުރިކަމަށް ބުނެ ހަވަރަށް ދީފިއެވެ. ޕާކިސްތާންގެ ޕަންޖާބް ޕްރޮވިންސްގައި ހިނގާފައިވާ މިހާދިސާއާ ބެހޭ ގޮތުން ފުލުހުން ބުނަނީ މިކަމުގައި ބައިވެރިވެފައިވާ މީހުންގެ އަދަދުގެ ގިނަ ކަމުން އެމީހުންނަށްވެސް މިކަމުގައި ފިޔަވަޅެއް ނޭޅުނީ ކަމަށެވެ.

ޕަންޖާބްގެ ޗީފް މިނިސްޓަރ އުސްމާން ބޫޒްދާރު ވިދާޅުވެފައި ވަނީ މިއީ ބވަތރަށް ހިތާމަވެރި ހާދިސާއެއް ކަމަށެވެ. އަދި އޭނާ ވަނީ މިހާދިސާގެ ފުރިހަމަ ތަހްގީގެއް ހިންގައި ރިޕޯޓް ހުށަހެޅުމަށް ފުލުހުންނަށް އަންނގާފައެވެ.

ފުލުހުން ބުނާ ގޮތުން މިކަމުގައި ޝާމިލުވާ ބައެއް މީހުން މިހާރުވެސް ދަނީ ހައްޔަރު ކުރަމުންނެވެ.

ސިއާލްކޯޓްގެ ފެކްޓްރީގައި މަސައްކަތް ކުރާ ސްރީލަންކާގެ މެނޭޖަރު ޕްރިޔާންތަ ކުމާރާއަކީ، އެތާގައި މަސއްކަތް ކުރާތާ ހަތް އަހަރުވެފައިވާ މީހެކެވެ.

އޭނާއަށް ތުހުމަތު ކޮށްފައިވަނީ ސޮލަވާތް ފޮތެއް ވީދާލު ކަމަށެވެ. މި ހާދިސާ ހިނގާފައި ވަނީ އޭނާ މަސައްކަތް ކުރާ ފެކްޓްރީ ތެރޭގައެވެ. ފުލުހުން ބުނާ ގޮތުން އެމީހުންނަށް މިހާދިސާ ރިޕޯޓް ކޮށްފައި ވަނީ ފަހުންނެވެ.

ގިނަ އަދަދެއްގެ ބަޔަކު އެއްވުމަށްފަހު ފެކްޓްރީ ތެރޭގައި ހިންގި މި ޖަރީމާގައި މީހުން ވަނީ މުމާރާ ހިފެހެއްޓުމަށްފަހު އޭނާ މަރާލައި އޭނާގެ ހަށިގަނޑު އަންދާލާފައެވެ. ފުލުހުން ބުނަނީ އެމީހުންނަށްވެސް މިކަން ނޯޓިސް ނުކުރެވުނީ މިއީ ފެކްޓްރީ ތެރޭގައި ހިނގާފައިވާ ކަމަކަށް ވުމުންނެވެ.

މީހުން ބުނާ ގޮތުން ކުމާރާ ސޮލަވާތް ފޮތް ވީދާލި ވާހަކަ މީހުންނާ ހަމައަށް ފޯރުމުން ހެނދުނުން ފެށިގެން މީހުން ދިޔައީ ފެކްޓްރީއަށް ޖަމާވަމުންނެވެ.

ސުޕްރީމް ކޯޓުގައި ވަކާލާތު ކުރައްވާ ވަކީލު ސައިފުލް މުލޫކު ވިދާޅުވިގޮތުގައި މި ޖަރީމާގައި ޕަންޖާބްގެ ފުލުހުންނާއި ސަރުކާރުވެސް ބައިވެރިވެއެވެ. އަދި ގާނޫނުލްއުގޫބާތުގެ ދަށުން މިމީހުންގެ ޝަރިއަތްވެސް ކުރަން ޖެހޭނެއެވެ. އޭނާ ވިދާޅުވިގޮތުގައި ސުޕްރީމް ކޯޓުން ކުރިން ކޯށްފައިވާ ޙުކުމެއްގައި އެއްވެސް ފަރާތަކުން ގާނޫނު އަމިއްލައަށް އަތްމައްޗަށް ނެގުމަކީ ކުށެއްކަމުގައި ކަނޑައަޅާފައިވާނެއެވެ. އަދި ދީނަށް ފުރައްސާރަ ކުރެވޭ ތުހުމަތުތަކުގައިވެސް އަމިއްލއަށް ގާނޫނު ތަންފީޒެއް ނުކުރެވޭނެއެވެ.

ސައިފުލްމުލޫކަކީ، ދީނަށް ފުރައްސާރަ ކުރިކަމުގެ ތުހުމަތުގައި މަރަން ހުކުމްކޮށްފައިވާ އާއިޝާ ބީބީގެ މައްސަލާގައި ސުޕްރީމް ކޯޓުގައި ވަކާލާތު ކޮށްދެއްވި ވަކީލެވެ.

ޕާކިސްތާނަކީ ދީނަށް ފުރައްސާރަ ކުރުމާ ދެކޮޅަށް ހަރުކަށި ގާނޫނެއް ފާސްކޮށްފައިވާ ގައުމެކެވެ. ބައެއް ހަރުކަށި ދީނީ ޖަމާއަތްތަކުން ދަނީ މި ގާނޫނު މިއަށްވުރެން ހަރުކަށި ކުރާން ބާރު އަޅަމުންނެވެ.

ޕާކިސްތާންގައި ހަރުދަނާ ތަހުގީގަކާ ނުލައި ކުދި ކުދި ތުހުމަތުތަކުގައި މީހާ ދީނަށް ފުރައްސާރަ ކުރީކަމަށް ބަލައި އާންމުން މީހުންގެ ފުރާނައަށް ނުރައްކާ ކޮށްލައެވެ. ގިނަ ފަހަރަށް މިކަމުގެ ޝިކާރައަކަށް ވަނީ އަންހެނުންނާއި ބައިމަދު ދަރިކޮޅުގެ މީސްމީހުންނެވެ.

ދާދި ފަހުން ޚައިބަރު ޕަޚްތޫންޚުވާންގައިވެސް ފުލުހުންގެ އިދާރާއެއް ވަނީ އަންދާލާފައެވެ. އެއީވެސް ދީނަށް ފުރައްސާރަ ކުރިކަމުގެ ތުހުމަތުގައެވެ.