ތައުލީމީ ދާއިރާގެ ޚިދުމަތްތެރިއަކަށްވީތީ މުޖުތަމައުގައި އެމީހަކާމެދު އޮތް ގަދަރާއި އިހުތިރާމު ގެއްލި ހިނގައްޖެއެވެ. ޕްރިންސިޕަލުންނާއި ހެޑްމާސްޓަރުންނާއި ޓީޗަރުންނަށް މިގައުމު ދިން މަގާމު ބީވެގެން ހިނގައްޖެއެވެ. 1980 ގެ އަހަރުތަކާއި 1990 ގެ އަހަރުތަކުގެ ކުރީކޮޅުގައި މިއީ މީހުންގެ ލޯތްބާއި އިހުތިރާމާއި ގަދަރު އެންމެ ބޮޑަށް ލިބިގެންވީ މީހުންނެވެ. މިއަދުގެ ސުވާލަކީ މިއަދު މިހެން މިވީ ކީއްވެގެންހެއްޔެވެ؟

މިއީ އެންމެ ޖަވާބަކުން ފުދޭނޭ ސުވާލެއް ނޫނެވެ. މި ސުވާލަށް އެތައް އެތައް ޖަވާބެއް ދޭންޖެހެއެވެ. ދާއިރާގައި މީހާއަށް ލިބިފައިވާ މައުލޫމާތާއި ތަޖުރިބާތަކުގެ މައްޗަށް މި ޖަވާބު ތަފާތުވެގެންދެއެވެ. މީގެ ތެރެއިން އެންމެ ކަމަކަށް ބަލައިލަމާހެއްޔެވެ؟

ޓީޗަރުން ސްކޫލްތަކުގައި ކިޔަވައިދެނީ އެމީހުންނަށް ތަމްރީނުދިން ގޮތަށް ހެއްޔެވެ؟ ޓީޗިން ކޯހުން ދަސްކޮށްދިންގޮތަށް ހެއްޔެވެ؟ މިއިން ސުވާލެއް ޓީޗަރަކާ ކުރެވިއްޖެ ނަމަ އޭގެ ޖަވާބުގައި ސުވާލެއް އަންނާނެކަން ކަށަވަރެވެ. އެ ސުވާލަކީ "އެގޮތަށް ކިޔަވައިދޭނެ ފުރުސަތު ލިބެނީ ކޮން ސްލޫކަކުންހެއްޔެވެ؟"

އޭގެ ސުކޫލެއް ނެތެވެ. މިހިސާބުން މައްސަލަ ހުޅުވުނީއެވެ.

ކޮންމެ ސްކޫލެއްގައި ވެސް އަމަލުކުރަމުން އަންނަ ސަގާފަތެއް އެބައޮތެވެ. އެ ސަގާފަތް އުފަންކުރުވި ސިޔާސަތުތަކެއް އަދިވެސް އެބައޮތެވެ. ސްކޫލް ނިންމާ އިމްތިހާނުތަކުގެ ނަތީޖާއަށް އެކަނި މާބޮޑު ސަމާލުކަމެއް ދެވުމުގެ ސަބަބުން ސްކޫލް ކަރިކިއުލަމްގެ ވަރަށް ބޮޑު ބައެއް ހާސިލްނުވެ އެބަދެއެވެ. ސްކޫލްތަކުގެ ވެރިންނާއި ޓީޗަރުން މިކަން ވަރަށް ރަނގަޅަށް ދަނެއެވެ. ނަމަވެސް މިނޫން ގޮތެއް އަދިއެއް ނެތެވެ.

ސްކޫލެއް ސްކޫލަކަށްވާ އެންމެ ބޮޑު ސަބަބުކަމުގައި ވަނީ ޓީޗަރުންނެވެ. ނަމަވެސް ސްކޫލްތެރެއިން ވެސް އެ ގަދަރާއި މަގާމު ޓީޗަރުންނަކަށް ނޯވެއެވެ. "މަސައްކަތް" ނޫން އެއްޗެއް ނެތޭ ބުނާ ޓީޗަރުން މަދެއް ނޫނެވެ. މަސައްކަތުގެ ވަރުބަލިކަމާއި އަމިއްލަ ދިރިއުޅުމާއި ވަޒީފާއިން ލިބޭ މުސާރައާ މިހުންނަނީ ހައްތާ ވެސް ނުއަތަށްދާ ސަބަބުތަކެވެ. ހިތްބަރުކަމެއް ނެތް ކިތައް ޓީޗަރުން ރާއްޖޭގައި އެބަތިބިހެއްޔެވެ؟

ތަޢުލީމީ ދާއިރާއަކީ ފަންނީ ދާއިރާއެކެވެ. އެހެންކަމުން މި ދާއިރާ ބިނާކުރުމަށް ވަރަށްގިނަ ތަޖުރިބާކާރުންގެ ޢަމަލީ މަސައްކަތްތަކާއި ވަގުތު ހޭދަކޮށްފައިވެއެވެ. ދާއިރާގެ އާދަކާދަ އެއްޖީލުން އަނެއްޖީލަށް ފޯރުކޮށްދިނުމަށްޓަކައެވެ.

މިގޮތުން ވަކިވަކި ސުކޫލުތަކަށް ބަލައިލިނަމަވެސް އެސުކޫލެއްގެ ޚާއްސިއްޔަތުތަކެއް ފެނިގެންދާނެއެވެ. މިއީ އެތަންތަނުގައި ޒަމާނުއްސުރެ، އާދަކާދައެއް ގޮތުގައި ކުރެވެމުން ހިނގަމުންދާ ކަންތައްތަކެވެ. ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގެ ސުކޫލުތަކާއި ޔުނިވަރސިޓީތަކަށް ބަލައިލިނަމަވެސް މިކަންތައް ސާބިތުވެއެވެ. އެތަންތާނގައި ކުރާކަންތައްތަކަކީ އެ ތަންތަނަށް ޚާއްޞަވެފައިވާ ކަންތައްތަކެވެ.

ނަތީޖާ ރަނގަޅު މޮޅު ދަރިވަރުން ބިނާކުރާ ސުކޫލުތަކާއި ކޮލެޖުތައް ހުރެއެވެ. ހަމަ މި ބީދައިން މައިންބަފައިން އެބައިމީހުންގެ ދަރިން ވައްދަން ބޭނުންވާ ވަކި ޚާއްޞަ ސުކޫލުތައް މިރާއްޖޭގައިވެސް އެބަހުއްޓެވެ. އެއީ އެތަންތަނުގެ ނަން މަޝްހޫރު ވުމަކުންނޫނެވެ. މި ތަންތަނުގެ ދިގު ތާރީޚާއި މާޒީގައި އުފައްދާފައިވާ ކާމިޔާބު ދަރިވަރުންތަކެއްގެ ސަބަބުންނެވެ.

ސުކޫލެއްގެ ނަތީޖާ ރަނގަޅުވަނީ އެތަނެއްގައި ކިޔަވައިދިނުމުގައި ގެންގުޅޭ ތަރުތީބުތަކާއި ވައްޓަފާޅިއާއި ރޭވުންތެރިކަމުގެ ސަބަބުންނެވެ.

ސުކޫލުތަކުގެ މިސަގާފަތް ދެމެހެއްޓެނީ އެތަންތަން ހިންގަން ތިއްބަވާ ވެރިންނާއި، ނަގާކިޔަން އުޅުއްވާ ޓީޗަރުންގެ ސަބަބުންނެވެ. ނަމަވެސް އެކަމަށް ހުސްވެގެން އެމީހުންނަށް ތިބެވެން އެބައޮތްހެޔެވެ؟ އުންމީދީ ވާހަކަތައް އަޑުއިވި އެންމެ ބޮޑަށް ނާއުންމީދުވާ ބަޔަކީ ޓީޗަރުން ފިޔަވައި ދެން ކޮން ބައެއްހެއްޔެވެ؟

ޓީޗަރުންނަކީ ޝަކުވާކުރަން މަޖުބޫރުވެފައިވާ ހާލަތުގައި ތިބި ބައެކެވެ. މިގޮތުގައި ވަގުތު ދިގުލައިގެން ދިއުމުގެ ނަތީޖާއަކީ ހަށިފޮޅައިލައިފައި ތެދުވާން މަޖުބޫރުވުމެވެ. މާލޭ ސަރަހައްދުގައި ކަށަވަރުކަމާއެކު އެންމެ މޮޅު ނަތީޖާ ނެރެދެވޭ ބައެއް ޓީޗަރުން ވަޒީފާއިން ވަކިވެއްޖެއެވެ. ޓިއުޝަންގެ މަސައްކަތުގައި ހިފައިފިއެވެ. މިގޮތް އެމީހުންނަށް މާ ރަނގަޅެވެ. ބެލެނިވެރިންގެ ފަރާތުން އިހުތިރާމް ލިބެއެވެ. ރަނގަޅު އާމްދަނީއެއް ލިބެއެވެ. ވަށިވަށިންދޭނެ މީހަކު ފަހަތުގައެއް ނުހުރެއެވެ. މިއީ ވަރަށް ވެސް ޠަބީއީކަމެކެވެ.

އެންމެ ރަނގަޅު ޓީޗަރުންގެ ތެރެއިން އަނެއް ބަޔަކު ތަފާތު އެހެން ވަޒީފާތަކަށް ބަދަލުވަމުން އެބަދެއެވެ. ދައުލަތުގެ އެކިއެކި މަގާމުތަކަށެވެ. ވަޒީފާދެއްވިކަން އިއުލާނުކުރެވޭ ވަރަށް ގިނަ މަގާމުތަކުގައި ވެސް ޓީޗަރުން އެބަތިއްބެވެ.

ލާމަރުކަޒީ ނިޒާމާއެކު އަނެއްބައި ޓީޗަރުންނާއި ސްކޫލްތަކުގެ ވެރިން ކައުންސިލްތަކާ ދިމާއަށް މިސްރާބު ޖަހައިފިއެވެ. އަނެއް ބަޔަކު މި މަންޒިލަށް ދަތުރުކޮށްފިއެވެ.

ކައުންސިލްތަކުގެ މެންބަރުންކަމަށާއި ކައުންސިލްތަކުގެ ސެކްރެޓެރީ ޖެނެރަލްކަމަށް އެތައް ބަޔަކު ހިނގައްޖެއެވެ.

މީގެ ނޭދެވޭ އަސަރުތައް ސްކޫލްތަކަށް ފޯރަމުން އެބަދެއެވެ. މިއީ މާ ލަސްވުމުގެ ކުރިން އަޅައިލަންޖެހޭ ކަމެކެވެ. މުޅި މުޖުތަމައަށް އޭގެ ނޭދެވޭ އަސަރުތައް ފެތުރިގެން ދިއުމުގެ ކުރީންނެވެ.

ގައުމަށްޓަކައި މުޖުތަމައަށްޓަކައި ތިމާގެ ފަންނީ ދާއިރާއަށްޓަކައި ހިތްވަރާއި އުންމީދާ އެކު މަސައްކަތްކުރާ ވަރަށް ގިނަ މުވައްޒަފުން އަދިވެސް އެބަތިއްބެވެ. އެންމެ ގިނަ މީހުން ތިބީވެސް މި ބައިގައެވެ.

ސުކޫލުތަކަށް ވެރިން ހޯދުމަށް ކުރާ އިއުލާނުތަކަށް ކުރިމަތިލާނެ މީހުންވެސް ނުވަނީއެވެ. ސަބަބެއްކަމަށް އެޑިޔުކޭޝަން މިނިސްޓަރ ޑޮކްޓަ އައިޝަތު އަލީ، ދާދީ ފަހުން ރައްޔިތުން މަޖިލިހުގައި ވިދާޅުވެފައިވަނީ ސުކޫލުތަކުގެ ވެރިންގެ މުސާރަ ކުޑަކަމެވެ. ޓީޗަރުން ކުރާމަސައްކަތަށް އެކަށޭނަ އުޖޫރައެއް ނުލިބުމެވެ. މިއީ ދިރި އޮތް ހަގީގަތެކެވެ. ހައްލު ހޯދަންވެފައިވާ މައްސަލައެކެވެ.

އަދުގެ ހާލަތަކާއި އެ ހާލަތު އުފަންވެގެން އައި ސަބަބުތަކާއި ދެން ހަދާންވީގޮތް އެނގޭ ތަޖުރިބާކާރުން ދާއިރާ ދޫކޮށްފައި މި ދަނީ ވަރަށް ގިނައިންނެވެ. މިއީ ނޭނގި ހިނގާކަމެއް ނޫނެވެ. އެހެންކަމުން ގެރި މަރުވުމުގެ ކުރީން މިކަމަށް ހައްލެއް ހޯދަންޖެހެއެވެ. އޮތީ އެންމެ ހައްލެކެވެ. ނަތީޖާ ނެރެވޭ މޮޅު މީހުން ސްކޫލްތަކުގައި ތިބެންވީ ސަބަބެއް ދައުލަތުން ދެއްކެވުމެވެ. އެ ސަބަބަކީ އެ ވަޒީފާ އެކަނި އަދާކޮށްގެން އަނގަޔާ އަތާ ދިމާވާވަރު ކޮށްދެއްވުމެވެ.