ދިވެހިރާއްޖެއަކީ އިންޑީއާގެ ޓައުނެއް ނޫންކަމަށާއި ރާއްޖޭގައިތިބި އިންޑިއާ ސިފައިން ޖެހޭނީ ދިވެސް ފަސްގަނޑުން ފައިބާން ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ޕީޕީއެމްގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެއެވެ.
ކާނިވާ ސަރަހައްދުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބީ ރާއްޖެ ބެލެހެއްޓުމުގެ ނަމުގައި ކަމަށާއި އެހެނަސް އެކަން އެގޮތަށް ނުކުރެވޭނޭ ކަމަށެވެ. އިންޑިއާ ސިފައިންނަށް އޮތީ ހަމައެކަނި ރާއްޖެއިން ފޭބުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ ރާއްޖެ އުފެދިފައިވާ ގޮތަށް ބަލާއިރު ވެސް ދިވެހީންނަކީ އިންޑިއާ ނަސްލުގެ ބައެއް ނޫންކަމަށެވެ. އެހެންނަމަވެސް އިންޑިއާގެ ލޮބުވެތި ރައްޔިތުންނަށް އިހުތިރާމް ކުރައްވާ ކަމަށް ވިދާޅުވިއެވެ. "އެކަމަކު އަޅުގަނޑުމެންގެ އަމަން ބަލަހައްޓާކަށް މިތާ އިންޑިއާ ސިފައިންތިބެން ނުޖެހޭ. އެއީ މިސަރުކާރުގެ ޚިޔާނާތްތެރި ރޭވުން،" އެމަނިކުފާނު ވިދާޅުވިއެވެ. އެހެން ވިދާޅުވެގެން އަނެއްކާވެސް އެމަނުކުފާނު ޖަލަށް ގެންދެވިޔަސް މައްސަލައެއްނެތް ކަމަށް ވެސް ވިދާޅުވިއެވެ.
"ދެން އަނެއްކާވެސް އަޅުގަނޑު ޖަލަށް ގެންދަވާ. އެހެނަސް މިއަދު އަޅުގަނޑު ރަސްމީކޮށް މިބުނަނީ އިންޑިއާގެ އަސްކަރިއްޔާ ޖެހޭނީ ރާއްޖެއިން ފައިބާން. އިންޑިއާގެ އަސްކަރިއްޔާއަކަށް ރާއްޖެއިން ޖާގައެއްނެތް. ކުރީގެ ރައީސްކަންކޮށްފައިހުރި މީހެއްގެ ހައިސިއްޔަތުން މިދަންނަވަނީ، ޕީޕީއެމް/ޕީއެންސީގެ ލީޑަރުގެ ހައިސިއްޔަތުން މިދަންނަވަނީ، އެތައްހާސް ރައްޔިތުންނެއް ތަމްސީލް ކުރާ ލީޑަރެއްގެ ހައިސިއްޔަތުން މިދަންނަވަނީ، އަޅުގަނޑުމެން ބޭނުމެއްނުވޭ އިންޑިއާގެ މިލިޓްރީގެ އެންމެ މީހަކުވެސް އެންމެ ބޫޓުޖޯޑެއް ވެސް އަޅުގަނޑުމެންގެ ފަސްގަނޑުގައި ހުންނާކަށް،" އެމަނިކުފާނު ވިދާޅުވިއެވެ.
"އިންޑިއާ އައުޓު" ނަމުގައި ރާއްޖޭގައި ކެމްޕޭނެއް ހިންގާ މީހުންނަކީ ޑްރަގާ ގުޅުންހުރި މީހުންކަމަށް ސަރުކާރުން ވާހަކަދެއްކެވުމުން ރައީސް ޔާމީން ވިދާޅުވީ އެއީ ޕީޕީއެމް/ޕީއެންސީ އިސްވެ އޮވެ ހިންގާ ހަރަކާތެއް ކަމަށެވެ. އެހެނަސް އެއީ ވަރަށްގިނަ އާންމުންގެ ތާއީދާއި އެއްބާރުލުމާއެކު ހިންގާ ހަރަކާތެއް ކަމަށް ވެސް ވިދާޅުވިއެވެ. ރޭގެ ޖަލްސާގައި ވެސް އިންޑިއާ އައުޓު ކެމްޕޭން ޕެޓިޝަނުގައި ސޮއި ކުރުން ކުރިއަށް ގެންގޮސްފައިވެއެވެ.