ޕާކިސްތާންގެ ރައީސް އާރިފް އަލްވީ ވިދާޅުވެފައި ވަނީ މުސްތަގްބަލަކީ ޓެކްނޮލޮޖީ ކަމަށެވެ. އަދި ކުރިއަށް އޮތްތާނގައި ދުނިޔޭގައި ހުރިހައި ކަމެއްވެސް ހިނގާނީ ޓެކްނޮލޮޖީން ކަމަށާއި އީފައިނޭންސްއާއި އީ ހެލްތާއި އީ އެގްރިކަލްޗަރފަދަ ހުރިހައި ކަމެއްވެސް އޮންނާނީ އިލެކްޓްރޯނިކް ވަސީލަތަށް ބަރޯސާ ކުރެވިފައެވެ.
ނިއްކީ އޭޝިއާއިން ރިޕޯޓް ކޮށްފައިވާ ގޮތުގައި ޕާކިސްތާނުން ޗައިނާއަށް ޓެކްނޮލޮޖީގައި ބަރޯސާ ކުރާ މިންވަރަށް އެހެން ގައުމަކުން ބަރޯސާ އެއް ނުކުރެއެވެ. ޕާކިސްތާންގެ ސަވަރވައިލެންސް ކެމެރާތަކުން ފެށިގެން ގޮސް ސެބްމެރިން ކޭބަލްއާއި ސެޓެލައިޓަކީ ޗައިނާއަށް ބަރޯސާ ކުރާ ސާމާންތަކެވެ.
ޗައިނާ ޕާކިސްތާން އިކޮނިމިކް ކޮރިޑޯގެ ދަށުން ޗައިނާގެ ޑިޖިޓަލް ސިލްކް ރޯޑްގެ ތެރޭން ލައިގެން ގިނަ ޕްރޮޖެކްޓްތައް ހިންގެއެވެ. ޗައިނާއާއި ޕާކިސްތާން ގުޅުވާލާފައި ވަނީ އޯއެފްސީ ކޭބަލްތަކަކުންނެވެ. އަދި ޕާކިސްތާންގެ ގަވަދާރުން އެފްރިކާގެ ޖިބޫޓީއަށް ސެބްމެރީން ކޭބަލްއަކުން ގުޅުވާލުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.
ވާވޭއިން ވަނީ އެހެން އެއްވެސް ގައުމެއްގައި ބޭނުން ނުކުރާ މިންވަރަށް އެކުންފުނީގެ ޓެންނޮލޮޖީ ޕާކިސްތާންގައި ބޭނުން ކޮށްފައެވެ. ޕާކިސްތާންގެ މައި ސިޓީތަކުގައި ބޭނުން ކުރާ ސަވރވައިލެންސް ކެމެރާތަކަކީ ވާވޭގެ އުފެއްދުމެވެ.
ޕާކސްތާންގައި ޖީޕީއެސްގެ ބަދަލުގައި ބޭނުން ކުރަނީ ބައިޑޫ ސެޓެލައިޓެވެ. ސިވިލިއަން ބޭނުންތަކާއ މިލިޓަރީ ބޭނުންތަކަށްވެސް މި ސެޓެލައިޓް ބޭނުން ކުރެއެވެ.
ޕާކިސްތާނުން މިހުރިހައި ކަމެއް ކުރަމުން ދަނީ ޗައިނާގެ ލޯން ފައިސާއިންނެވެ. އެހެންވެ ނިއްކީ އޭޝިއާއިން ސިފަ ކުރިގޮތުގައި ޕާކިސްތާނުން ނަގާފައިވާ ލޯންތައް ގިނަކަމުން ޕާކިސްތާން ވަނީ ޗައިނާގެ މުށުތެރެއަށް ވެއްޓިފައެވެ. އެހެންވެ، ޗައިނާގެ ލޮލާއި ކަންފަތުން ޕާކިސްތާނަށް ރެކެވޭނެ ގޮތެއް ނޯންނާނެ ކަމުގައި ނިއްކީ އޭޝިއާއިން ބުނެއެވެ.