ރޭ، ރިވެލި އެވޯޑް ދިނުމަށް ބޭއްވި ހަފުލާގައި ތަޢުލީމީ ދާއިރާއިން އެވޯޑް ހާޞިލު ކުރި ހއ އިހަވަންދޫ ސްކޫލުގެ ޑައިމަންޑް ކްލާހުން ތަޢުލީމު ޙާޞިލު ކުރި ދަރިވަރު މުޙައްމަދު މާއިޒްގެ އަސަރުގަދަ ވާހަކަތަކުން ވަރަށް ގިނަ ބައެއްގެ ހިތްތަކަށް އަސަރު ކުރުވައިފިއެވެ. މިއަދު މުޅި މީސްމީޑިއާ ފަޅުފިލުވާފައިވަނީ މާއިޒްގެ އަޑުންނެވެ.

ރޭގެ ޖަލްސާގައި ވާހަކަދައްކަން ލިބުނު ފުރުޞަތުގައި 21 އަހަރުގެ މާއިޒް އޭނާގެ މައުސޫމް އަޑުން ބުނީ " ކާކަށްތޯ އެނގޭނީ މާދަމާ ތިބޭފުޅުންނަށް މިކަހަލަ ގޮނޑިއެއްގައި އިއްތާލަން ނުޖެހޭނެ ކަމެއް. ތިބޭފުޅުން މިފަދަ ގޮނޑިއެއްގައި އިންނަންޖެހޭދުވަހަކުން ހިތަށް އަރާނެ އަޅުގަނޑުމެން މި އުފުލަނީ ކިހާ ބޮޑު ބުރައެއްކަން."

ހިނގާބިނގާ އުޅުމުގެ ގާބިލުކަން ލިބިފައި ނެތުމުން ފުރޮޅުލީ ގޮނޑިއެއްގައި އެއްތަނުން އަނެއްތަނަށް ދާންޖެހިފައިވާ މާއިޒް ބުނީ " ލޯތްބާއި އޯގާތެރިކަމަކީ ކޮންމެ އިންސާނަކުވެސް ދިރިހުރުމަށް ބޭނުންވާ މުހިންމު އެއްޗަކަށް ވާއިރު، އޭނާ ކަހަލަ ކޮންމެ ކުއްޖަކަށްވެސް މުޖުތަމަޢުގެ އަޅާލުމާއި އިހުތިރާމު ބޭނުންވާކަމަށެވެ. ނަމަވެސް ވަރަށް ހިތާމައާއި އެކު އޭނާބުނީ އަދިވެސް ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް މުޖުތަމަޢުގެ އިހުތިރާމު ނުލިބޭ ކަމަށެވެ.

ރިވެލި އެވޯޑަކީ ކޮންމެ ދެއަހަރުން އެއްހަރަކު މިނިސްޓްރީ އޮފް ޖެންޑައިން ދެއްވާ އެވޯޑެކެވެ. މި އީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އެ ދާއިރާގައި މަސައްކަތްކުރާ އެކި ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދެއްވާ އެވޯޑެކެވެ.

ރޭގައި ބޭއްވި ރިވެލި އެވޯޑް ދިނުމުގެ ޖަލްސާ ޝަރަފްވެރި ކޮށްދެއްވާ އެވޯޑްތައް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނެވެ.

ރޭގެ ޖަލްސާގައި ރިވެލި ތަރި އެވޯޑް 7 ފަރާތަކަށް އަދި ރިވެލި އެވޯޑް 6 ފަރާތަކަށް ދެއްވިއެވެ.

ރިވެލި ތަރި އެވޯޑަކީ ނުކުޅެދުންތެރިކަންހުންނަ މީހުންގެ ކިބައިގައިހުރި ތަފާތު ހުނަރުތައް ދައްކާލައި، ހިތްވަރުދީ ކުރިއެރުވުމުގެ މަގުޞަދުގައި ދޭންފެށި އެވޯޑެކެވެ. މިއަހަރުގެ މި އިނާމު ލިބުނީ " ރިވެލި ތަރި 2021 " ޕްރޮގްރާމުގެ ތެރެއިން އެންމެ މޮޅުކަމަށް ފާހަގަކުރެވުނު ފަރާތްތަކަށެވެ.