މިހާރު ކިޔަވަމުންދާ ދަރިވަރުންނަކީ ގައުމުގެ މުސްތަގުބަލެވެ. މާދަމާ ގައުމު ހިންގަންތިބޭނެ ވެރިންނެވެ. ގައުމުގެ ކަންކަން ކުރިއަރުވަން ތިބި ޖީލަކީ މިއަދު ކިޔަވަމުން މިދާ ދަރިވަރުންނެވެ. އެހެންކަމުން އެދަރިވަރުންނަށް މަސްއޫލިއްޔަތު އުފުލަން ދަސްކޮށްދޭން ޖެހެއެވެ. އެ ދަރިވަރުންގެ ޒިންމާތަކެއް ވާކަން މިއަދުވެސް ހަނދާންކޮށްދޭން ޖެހެއެވެ. ޒިންމާ އުފުލުމަށް ބާރު އަޅައި އެ ފުރުޞަތު ދޭން ޖެހެއެވެ. ނަމަވެސް އަދުގެ ޖީލުން އެމަންޒަރު ފެނޭބާއެވެ!
ބައެއް ކުދިން ހެނދުނު ސުކޫލަށްދާން މި ތެދުވަނީ މަންމަ ބުޑުގައި ސައްޕެއް ޖެހީމައެވެ. ނޫނީ ގޮވާގޮވާ އަނގަވާޅުވާފަހުންނެވެ. ތެދުވާއިރު މަންމަ މިހުންނަނީ ސައިހަދާފައެވެ. އަންހެންކުއްޖެއްވިޔަސް ފިރިހެން ކުއްޖެއްވިޔަސް މެއެވެ. އެންމެ ކުޑަމިނުން ފެންތަށިވެސް އަމިއްލައަށް އަޅަން ނުޖައްސައެވެ. ސައިބޮއި ނިމުމާއެކު މޭޒުމަތީގައި ތަށިތައް ބަހައްޓާފައި ތެދުވަންވީއެވެ. ސިންކާ ހަމައަށް ތަށި ގެންދިއުންވެސް އެއީ ކުއްޖާގެ ކިޔެވުމަށް ބުރޫ އަރާކަމަކަށް ވެއެވެ. އަދި ކޮބައިހެއްޔެވެ؟ ގްރޭޑް ހަތަރެއް ފަހެއް ކީއްކުރަން ހަތެއް އަށަކަށް ދާއިރުވެސް ޓައިމް ޓޭބަލަށް ފޮތް އަޅައިދޭން ޖެހެނީވެސް ބެލެނިވެރީންނެވެ. މިހާ ހިސާބަށް ކަންތައް ގެންދިއުމުން ކުދިންގެ ޒިންމާ އަކީ ކޮބައިތޯ ސުވާލު އުފެދެއެވެ.
އައްޑިހައާއި ނުވަދިހައިގެ އަހަރުތަކުގައި ސްކޫލުން ކިޔަވައި ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަކީ ގޭގެ ގިނަ މަސައްކަތްތައްވެސް ކުރަމުން ކިޔެވި ކުދިންނެވެ. ކިޔެވުމަކީ އަމިއްލަ ކަމެއްކަމުގައި ދެކިގެން ފިލާވަޅުތައް މުޠާލިޔާކޮށް ހަދައި ރަނގަޅު ނަތީޖާ ހޯދި ކުދިން ނެވެ. ނަތީޖާ އަކީ އެކުދިން ބޮޑުވެ އަމިއްލަ ފައިމައްޗަށް ތެދުވެ ޒިންމާދާރު ހަރުދަނާ މީހުނަށް ވުމެވެ. ނަމަވެސް މިހާރު ސްކޫލަށް ގެންދަންޖެހޭ އެއްޗެއްވެސް ދަރިވަރަކަށް ނޭނގެއެވެ. ދިނީ ކޮން ފިލާވަޅެއް ކަމެއް ނޭނގެއެވެ. އަހާލާއިރަށް ލިބޭ ޖަވާބަކީ " ހަނދާނެއް ނެތް. މަންމަ ފޮތް ބަލާލަބަލަ!" މި ފެންވަރުގެ ކުދިންވެސް މިހާރުގެ ކިޔަވާކުދިންގެ ތެރޭގައި އެބަ އުޅެއެވެ. ދާދި ފަހުން ހަފުލާއެއްގއި އިސްކަންދަރު ސްކޫލްގެ ޕްރިންސިޕަލް ހުސެން ސައީދު ވިދާޅުވީ މިހާރު ކުދިން އަދާކުރަންޖެހޭ އެއްވެސް ޒިންމާއެއް ނެތް ކަމަށެވެ. ވައިބަރ ގްރޫޕްތައް ހަދައި ޓީޗަރުން އަންގަން ޖެހޭ އެއްޗެއްވެސް މި ބުނަނީ ބެލެނިވެރިން ގާތުއެވެ. ނަމަވެސް ކުރީގައި ގެންނަންވީ އެއްޗެއް ކުރަންވީ ކަމެއް ޓީޗަރުން ބުނާނީ ދަރިވަރުން ގާތުއެވެ. ދަރިވަރުން އެ މަސްއޫލިއްޔަތު އުފުލައި އަމިއްލަ އަށް އެ ޒިންމާ އަދާކުރާނެއެވެ."
އަދުގެ ދިވެހި ދަރިން މި ތަރުބިއްޔަތު ވަމުން އަންނަނީ ރަނގަޅައްތޯ ވިސްނާލަން އެބަޖެހެއެވެ. މިހެން ދެންނެވިޔަސް މަދުންނަމަވެސް ދަރިންނަށް ޒިންމާ ހަވާލުކުރާ މައިންބަފައިން އުޅެއެވެ. އަޅުގަނޑުގެ ރައްޓެއްސަކު ބުންޏެވެ. "ގްރޭޑް އެކަކުން ފެށިގެން ޓައިމްޓޭބަލަށް ފޮތް އެޅުމާއި ފިލާވަޅުތައް ނިންމުމާއި ހޯދަންޖެހޭ އެއްޗެއް ބުނުން އެއީ ކުދިންގެ ޒިންމާކަމަށް ހެދީމެވެ. ފިލާވަޅު ނުނިންމާ އޮތްނަމަ، އެއީ ކުއްޖާގެ މައްސަލައެއްކަމަށް އެމީހުނަށް އަންގައިދިނީމެވެ." ނަތީޖާ އަކީ ސްކޫލް ނިމުނު އިރު އެންމެ ރަނގަޅު ނަތިޖާ ހޯދި ދަރިވަރުންގެ ތެރޭގައި އޭނާގެ ދަރިން ހިމެނުމެވެ. އަދި ސްކޫލަށް ދިޔައިރުވެސް މިހާރުވެސް އަމިއްލަ ކަންތައް އަމިއްލަ އަށް ކުރަން ދަސްވެފައި ހުރުމެވެ. ވަގުތައް ކަންތައް ނިންމަން އެނގުމެވެ. ނަމަވެސް މިހާރު މިއީ ވަރަށް މަދު ބެލެނެވެރިއެއްގެ ކިބައިން ފެންނަ ސިފައެކެވެ. ގިނަފަހަރަށް ކުދިން ކިޔަވަން މިދަނީ " އަމާބުނީތީ ފަރައްދާ އުސޫލުންނެވެ."
ދަރިވަރެއްގެ ފުރަތަމަ ވާޖިބަކީ ދަރިވަރަކަށްވީތީ އަދާކުރަންޖެހޭ ޒިންމާތައް އުފުލުމެވެ. މުދައްރިސުންގެ ވާހަކަތައް އަޑުއަހއި މޭރުންކުރުމެވެ. ލިބޭ ދަރުސުތަކުން ޢިބުރަތް ޙާޞިލްކޮށް އާދަ ހަރުލައްވައި ރަނގަޅު އަޚުލާޤެއްގެ އިމުގައި ގާއިމު ވުމެވެ. ކިޔެވުމުގެ ޒިންމާއަކީ އަމިއްލަ އަށް އުފުލަންޖެހޭ ޒިންމާއެއްކަން ހިތާއި ސިކުނޑިން ގަބޫލުކޮށް އެކަން އެންމެ ފުރިހަމަގޮތުގައި އަދާކުރުމެވެ.
އަޅުގަނޑުމެންގެ އަދީބު އުސްތާޒު އަލް މަރުހޫމް އިބްރާހިމް ޝިހާބް ވިދާޅުވެފައިވަނީ " ކިޔަވާކުދިންނަކީ އެބައެއްގެ މައްޗަށް ގައުމުގެ ހުންގާނުދޫކޮށްލަން ތަރުބިއްޔަތުކުރާ، މާދަމާގެ ބޮޑެތިމީހުންނެވެ. އެހެންކަމުން މިއަދުގެ ކިޔަވާކުދިންނަކީ މާދަމާގެ ޒިންމާ އަދާކުރެވޭނެ ބަޔަކަށް ހަދަން ޖެހެއެވެ. އެފަދަ ތަރުބިއްޔަތު އެ ދަރިވަރުންނަށް ދޭން ޖެހެއެވެ. ދީނީ ވާޖިބުތައް އަދާކުރުމަކީ އަމިއްލައަށް ކުރަންޖެހޭކަމެއްކަމަށް އެކުދިންނަށް ވިސްނައިދީގެންނެވެ. ކޮންމެފަހަރަކު ނަމާދަށް ދާށޭ މަންމަ ނޫނީ ބައްޕަ ބުނަންޖެހުމަކީ ކުއްޖާއަށް އަމިއްލަ ޒިންމާ އަދާ ނުކުރެވުމެވެ.
އަދުގެ ކިޔަވާކުދިންނަކީ މުޖުތަމަޢުގެ އާދަތަކާއި ގަވާއިދުތައް އެނގޭ ކުދިބަޔަކަށް ހަދަން ޖެހެއެވެ. އިޖުތިމާއީ ގުޅުންތަކާއި އިންތައް މޭރުންވާކުދިބަޔަކަށް ވާންޖެހެއެވެ.
ކޮންމެ ގައުމެއްގެވެސް ކިޔަވާކުދިންނަކީ އެގައުމުގެ ދިރުމެވެ. ވީމާ އަޅުގަނޑުމެންގެ ދިވެހި ކިޔަވާކުދިންނަކީ މާދަމާ ގައުމުގެ ހުރިހާ ޒިންމާއެއް އަދާކުރެވޭފަދަ ކުދިންނަށް ހަދަން ޖެހެއެވެ. ގައުމުދެކެ ލޯބިވާ ޖަމާއަތުގެ ގުޅުމަށް ސަމާލުކަންދޭ ބަޔަކަށް ވާން ޖެހެއެވެ. އިސްލާމީ މަތިވެރި އޤީދާގެ މަތީގައި ތަރުބިއްޔަތުކުރަންޖެހެއެވެ. ހަމައެކަނި ފާސްތަކެއް އޮތުމަކުން ނުފުދެއެވެ. އެ ކިޔެވިއެއްޗެއްގެ ސިފަ ހަރުލާފައި ހުންނަން ޖެހެއެވެ. ތިމާގެ އަމިއްލަ ނަފުސުގެ ކަންތައް އަދާކޮށް މުޖުތަމަޢުގައި ޒިންމަދާރު މީހަކަށް ވާންޖެހެއެވެ. މި ގައުމަކީ ކޮންމެ ދަރިވަރެއްގެވެސް އުފަން ފަސްގަނޑުކަން ދަނެ ގައުމަށްޓަކައި އަދާކުރަންޖެހޭ ވާޖިބުތަކާއި ޒިންމާތަކެއް ހުރިކަން ގަބޫލު ކުރަންޖެހެއެވެ.
އަދުގެ ދަރިން ތަރުބިއްޔަތުކުރަންވީ މި ހުރިހާ ޒިންމާއެއްވެސް އަދާކުރެވޭފަދަ ގާބިލުކަން ކުދިންގެ ކިބައިގައި އަށަގަންނުވައިގެންނެވެ. އެކަން ކުރެވޭނީ އެންމެ ކުޑައިރުއްސުރެ އެކުއްޖަކަށް ކުރެވޭނެ ކަންތައް އެކުއްޖަކުލައްވާ ކުރުވައިގެންނެވެ. މަސްއޫލިއްޔަތު އަދާކުރަން ދަސްކޮށްދީގެނެވެ.