ވޮޝިންޓަންގައި ހުންނަ ޕާކިސްތާން އެމްބަސީގެ މުވައްޒަފުންނަށް މުސާރަ ނުދިނުމުން ބައެއް މުވައްޒަފުން ވަޒީފާ ދޫކޮށްލައިފިއެވެ. ޕާކިސްތާންގެ ދަ ނިއުސްއިން ބުނާ ގޮތުން ޕާކިސްތާން އެމްބަސީ ލަދެއްގައި ނު ބެދި ސަލާމަތްވީ އެމްބެސެޑަރުގެ މަސައްކަތްޕުޅުންނެވެ.

ދަ ނިއުސްއިން ބުނާ ގޮތުން ވަޒީފާއިން ކެނޑުނު މީހުންނަކީ ފާއިތުވި ފަނަރަ އަހަރު ވަންދެން އެމްބަސީގައި މަސައްކަތް ކުރި މީހުންނެވެ. މިމީހުންނަށް މުސާރަ ނުދޭތާ ހަތަރު މަސްވިއެވެ.

މިއިން ގިނަ މީހުންނަކީ ކޮންސިއުލާ ސާވިސްގައި އުޅޭ އެމެރިކާގެ ރަށްވެހިންނެވެ. މިމީހުންނަށް އެއްވެސް އިނާޔަތެއް ނޯވެއެވެ. ކޮންޓްރެކްޓް އުސޫލުން މިމީހުންނަށް ވަޒީފާދީފައި ވާއިރު، މަހެއްގެ މައްޗަށް ދެހާސް ނުވަތަ ދެހާސް ފައްސަތޭކަ ރުފިޔާގެ އުޖޫރައެއް ދެއެވެ.

މިމީހުންނަށް އުޖޫރަ ދެނީ ކޮންސިއުލާ ޚިދުމަތުން ލިބޭ ފައިސާއިންނެވެ. މި ފައިސާ އުނިވެގެން ދިޔައީ ޕާކިސްތާނަށް ކޮވިދްގެ ވަބާގެ ތެރޭގައި ވެންޓިލޭތަރުތައް ގަންނަން ވެގެން މި ފައިސާ ހޭދަ ކުރުމުންނެވެ. އެއަށްފަހު އެމްބަސީން ވަނީ ޚަރަދުތައް ހަމަޖެއްސުމަށް އެހެނިހެން އެކައުންޓްތަކުން ފައިސާ ނަގާފައެވެ.

މުވައްޒަފުންނަށް މުސާރަ ނުދޭ މައްސަލަ އެމްބެސެޑަރުގެ ސަމާލުކަމަށް އައުމުން ޕާކިސްތާންގެ ފޮރިން މިނިސްޓްރީއާ ތަކުރާރުކޮށް މަޝްވަރާކޮށްގެން މި މީހުންގެ މުސާރަތައް މިހާރު ވަނީ ހަމަޖައްސައި ދީފައެވެ.

އެމްބަސީގެ ތަރުޖަމާން ދަ ނިއުސްއަށް މައުލޫމާތު ދިން ގޮތުގައި ދުވަހަށް މުސާރަ ދިނުމަކީ އެމާޒެކެވެ. ނަމަވެސް މިފަހަކަށް އައިސް މުސާރަ ދިނުން ލަސްވެގެން ދިޔައީ ކަމަށް އޭނާވެސް އެއްބަސްވެވަޑައިގަންނަވައެވެ.