ދައުލަތުގެ އޮފީސްތަކުން ކުރިއަށްގެންދާ ޕްރޮކިއުމަންޓްތަކާއި ގުޅިގެން ހުށަހެޅޭ ބިޑް ޕްރޮޕޯސަލްތައް އިލެކްޓްރޯނިކް ނިޒާމެއްގެ ތެރެއިން ބަލައިގަތުމަށްޓަކައި ތައްޔާރުކޮށްފައިވާ "ބީލަން ޕޯޓަލް" މިއަދު އިފްތިތާހުކޮށްފިއެވެ.

މިއަދު އިފްތިތާހް ކުރެވިގެން ދިޔައީ ދައުލަތުގެ އޮފީސްތަކުން ކުރިއަށްގެންދާ ޕްރޮކިއުމަންޓްތަކާއި ގުޅިގެން ބަލައިގަނެވޭ ބިޑް ޕްރޮޕޯސަލްތައް އިލެކްޓްރޯނިކް ނިޒާމެއްގެ ތެރެއިން ބަލައިގަތުމަށް ޑިވެލޮޕް ކޮށްފައިވާ ބީލަން ޕޯޓަލްއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ އެއް މާލަމަކަށް ހާޟިރުވެ ބިޑް ހުށަހެޅުމުގެ މަސައްކަތް ކުރިއަށް ގެންދިއުމުގައި ހުރި ދަތިކަން އެންމެ ބޮޑަށް އިޙްސާސް ކުރެވިގެން ދިޔައީ ކޯވިޑް-19 ގެ ހާލަތާއި ގުޅިގެން ކަމަށެވެ. އިލެކްޓްރޯނިކް ނިޒާމެއްގެ ތެރެއިން ބީލަންތައް ބަލައިގަތުމުގެ އިންތިޒާމްތައް ހަމަޖައްސައިދިނުމަށްއެދި ބީލަންވެރިންނާއި އަދި ދައުލަތުގެ އޮފީސްތަކުން އެކަމުގެ ކަންބޮޑުވުންތައްވަނީ ތަކުރާރުކޮށް މިނިސްޓްރީއާއި ހިއްސާކޮށްފައިކަމަށެވެ. އެހެންނަމަވެސް އެންމެ ބޮޑު އެއް އަމާޒަކަށް ވެގެން ދިޔައީ އިލެކްޓްރޯނިކް ނިޒާމަކުން ބިޑް ބަލައިގަތުމުގެ ކަންކަން ހަމަޖެއްސިގެންދާއިރު ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމްގެ މަޤްސަދު ހާސިލްވާނޭހެން އަދި ފަސޭހަގޮތަކަށް ބީލަންވެރިންނަށް ޕްރޮޕޯސަލް ހުށަހެޅޭނެހެން މިކަންކުރުމުގެ މަގު ފަހިކޮށްދިނުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިއަދު ލޯންޗުކުރެވުނު ޕޯޓަލް ފަރުމާކުރެވިފައިވަނީ ބީލަންވެރިން ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ރައްކާތެރިކަން ބިޑް ހުޅުވުމުގެ ވަގުތާއި ހަމައަށް ހިފެހެއްޓޭނެގޮތަށެވެ. އަދި، ޕޯޓަލް މެދުވެރިކޮށް ބިޑް ހުށަހެޅުމަށް ބޭރު ގައުމުތަކަށް ނިސްބަތްވާ ބީލަންވެރިންވެސް އިސްތިސްނާވެގެން ނުވާނެއެވެ. މިގޮތުން، ކުރިއަށް އޮތްތަނުގައި އެންމެ ބޮޑު އެއް އަމާޒަކީ ފަންޑު ދޭ އެޖެންސީތަކުގެ ޕްރޮކިއުމަންޓްތަކުގައި މި ޕޯޓަލް މެދުވެރިކޮށް ބިޑް ހުށަހެޅޭނެ އިންތިޒާމް ހަމަޖެއްސުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޕްރޮކިއުމަންޓްގައި މަސައްކަތްކުރާ އެންމެހައި މުވައްޒަފުންނަކީ ޕްރޮކިއުމަންޓާއި އޭގެ ސިޔާސަތުތަކުގެ މުހިއްމުކަން ދަނެގެން އެ މަސައްކަތް ކުރާ ބަޔަކަށް ހެދުމަށްޓަކައި، މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ އާއި ގުޅިގެން ޕްރޮކިއުމަންޓްގެ މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަ ޓްރެއިނިންގ ޕްރޮގްރާމެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.