ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ރާއްޖޭގެ މުޖުތަމަޢުން ދެވޭ ސަމާލުކަން އިތުރުވެފައި ކަަމަށް މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދު ދީދީ ވިދާޅުވެއްޖެ އެވެ.
ބައިނަލްއަޤުވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހާއި ގުޅިގެން ދެއްވި މެސެޖުގައި އެކަމަނާ ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އަދުގެ ޙާލަތަށް ހެޔޮ ބަދަލުތަކެއް އަންނަން ފަށައިފާވާކަމީ އަޅުގަނޑުމެން އެންމެން ކުރަމުން މިދާ މަސައްކަތްތަކަށް ކޮންމެވެސް ކުރިއެރުން ތަކެއް ލިބެމުންދާ ކަމުގެ ފެހި ސިގްނަލެއް ކަމަށެވެ.
ކޮވިޑް-19 އާއި ގުޅިގެން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޢާއިލާތަކަށް ވަރަށް ގިނަ ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށާއި މިފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މިނިސްޓްރީން ކުރަމުންދާ މަސައްކަތްތައް މިހާރަށް ވުރެ ހަރުދާނާކޮށް ވަކި އިންތިޒާމެއްގެ ތެރެއިން ކުރުމަށް ބޭނުންވާކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް މިނިސްޓަރ ވިދާޅުވި އެވެ.
މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ ގައުމީ އަދި ބައިނަލްއަޤުވާމީ ޕްލެޓްފޯމުތަކުގައި ދިވެހިރާއްޖޭގެ ނުކުޅެދުންތެރިކަން ހުންނަ މީހުން މިޤައުމު ތަމްސީލުކުރައްވަމުންދާތަން މިވަނީ ފެންނަންފަށާފައި ކަމަށެވެ. ނަމަވެސް މިފަދަ ފަރާތްތައް ބާރުވެރިކުރުމަށް 20 ވަނަ ޤަރުނުގެ ވިސްނުންތަކާއި އުކުޅުތައް ބޭނުން ކުރުމަށް ބޭނުންވާ ކަމަށެވެ.
" ދިވެހިރާއްޖޭގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މިހާރަށް ވުރެ ހަމަހަމަ ފުރުޞަތުތަކާއި އަސާސީ ޚިދުމަތްތައް އެންމެ އެކަށީގެންވާ އަދި އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށް ދިނުމަށްޓަކައި ވަކިވަކި ފަރުދުންގެ ފެންވަރުގައްޔާއި، ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ފެންވަރުގައްޔާއި، ސަރުކާރުގެ ހުރިހާ މުއައްސަސާތަކަކުން ގުޅިގެން އެއް އަމާޒަކަށް މަސައްކަތްކުރުމަކީ ވަރަށް މުހިއްމު އަދި އެހާމެ ބޭނުންތެރި ކަމެއް." މިނިސްޓަރ ވިދާޅުވި އެވެ.
ޖެންޑަރ މިނިސްޓަރ އިތުރަށް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ރާއްޖޭގެ މުޖުތަމަޢުން ދެވޭ ސަމާލުކަން އިތުރުވެފައިވީ ނަމަވެސް މުޖުތަމަޢުގައި ހަވާސާ ވެފައިވާ މިފަދަ ފަރާތްތަކަށް އަދިވެސް އެންމެއެކަށީގެންވާ ގޮތުގައި ޝާމިލްވެ އުޅުމުގައި ތަފާތު ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ.