ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅުތަކަށް އިތުރު ސަމާލުކަންދިނުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.
އެޗްޕީއޭ އިން ބުނީ މިހާތަނަށް ރާއްޖެއާއެކު 46 ގައުމަކުން މި ވައިރަސް ފެނިފައިވާ ކަމަށް މިހާރު ރިޕޯރޓް ކޮށްފައިވާ ކަމަށާއި ރާއްޖެއިން ފެނިފައިވާ މިކޭސްއަކީ ނޮވެމްބަރ 21 ގައި ސައުތު އެފްރިކާއިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ޓުއަރިސްޓެއްގެ ގައިން ފެނުނު ކޭސްއެއް ކަމަށެވެ.
ކޭސްގެ ވެރިއަންޓާބެހޭ މައުލޫމާތު ލިބިފައިވަނީ ޑޭރިއަންޓް ދެނެގަތުމަށްޓަކައި ޖިނޯމިކް ސިކުއެންސިންގ ހެދުމަށް ރާއްޖެއިން ބޭރަށް 30 ނޮވެމްބަރގައި ފޮނުވުނު ސާމްޕަލްތައް ޓެސްޓުކުރުމުން ކަމަށާއި ޖިނޯމިކް ސިކުއެންސިން ހެދުމަށްޓަކައި ޤަވާއިދުން ވަކި އަދަދެއްގެ ސާމްޕަލްތައް ޑަބްލިއު.އެޗް.އޯގެ އެހީގައި ދަނީ ޓެސްޓުކުރަމުން ކަމަށް ވެސް ބުނެފައި ވެއެެވެ.
ރާއްޖެއިން ޖިނޯމިކް ސިކުއެންސިން ހެދިފައިވާ ސާމްޕަލްތަކުގައި އާންމުކޮށް ފެނިފައިވަނީ ޑެލްޓާ ވޭރިއަންޓެވެ.ވީމާ، ހުރިހާ ފަރާތްތަކުން ވެސް މިކަމަށް ސަމާލުކަންދީ ރައްކާތެރިކަމުގެ އެންމެހާ ފިޔަވަޅުތައް އެޅުމަށްއިލްތިމާސްކުރާ ކަމަށާއި ބަލި ފެތުރުން ކޮންޓްރޯލުކުރުމަށާއި ބަލިން ރައްކާތެރިވުމަށްޓަކައި އަމަލުކުރުމަށްއޭޖެންސީން އިރުޝާދުދީފައިވާ ގައިޑްލައިންތަކާއި ފިޔަވަޅުތަކަށް މުހިންމު ސަމާލުކަމެއް ދިނުމަށް ވަނީ އެދިފަ އެވެ.
އައު ވޭރިއަންޓެއްގެ ސަބަބުންނާއި ބަލިން ރައްކާތެރިވުމަށް ފަރުވާ ކުޑަވުމުގެ ސަބަބުން ބަލިފެތުރުން އިތުރުވެ، ކޮވިޑް-19 ގެ އިތުރު ރާޅެއް އައުމުން ސަލާމަތްވުމަށް އެއްބާރުލުން މުހިންމު ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ. އަދި ބަލިން ރައްކާތެރިވުމަށާއި އެންމެން މާސްކު އެޅުމާއި ގައިދުރުކަން ބެހެއްޓުން އަދި އަތް ސާފުކުރުމަށް ސަމާލުކަން ދިނުމަށް އެޗްޕީއޭ އިން ވަނީ ވަރަށްބޮޑަށް އެދިފަ އެވެ.
ބަލީގެ އަލާމާތެއް ހުރިނަމަ ފްލޫކްލިނިކަށް ދައްކާ ޓެސްޓުކުރުމަށާއި ބަލިޖެހޭ މީހުން ކަނޑައަޅާފައިވާއުޞޫލުތަކާ އެއްގޮތްވާގޮތުގެ މަތިން އެކަހެރިވުމާއި ކޮންޓެކްޓުން ރަނގަޅުގޮތުގައި ކަރަންޓީނުވުމަސް ވެސް އެދިފައި ވެއެވެ.
މީގެ އިތުރުން ބަލި ދެނެގަތުމަށް ކުރެވެމުންދާ އެކްޓިވް ސަރވެއިލަންސަށް ސާމްޕަލްދިނުމުގައި އެއްބާރުލުން ދިނުމަށާއި އޮފީހާއި މަސައްކަތުގެ މާހައުލުގައި އަބަދުވެސް މާސްކް އަޅައިގެން އުޅުމާއި އަތް ދޮވުމާއި އާންމުކޮށް އަތްޖެހޭ ތަންތަން ގިނަ ގިނައިން ސާފުކުރުން އަދި ގައިދުރުކަން ބެހެއްޓުން ވެސް މިކަމުގައި ހިމެނޭ ކަަމަށް ވަނީ ބުނެފަ އެވެ. އަދި ދަތުރުފަތުރު ކުރުމުގައި އަމަލުކުރުމަށް ކަނޑައަޅާފައިވާ ފިޔަވަޅުތަކަށާއި ގައިޑްލައިންތަކަށް އަމަލުކުރުމަށާއި އެކި ހަފްލާތަކާއި އިވެންޓްތައް ބޭއްވުމުގައި ކަނޑައެޅިފައިވާ ގައިޑްލައިންތަކާއެއްގޮތަށް އަމަލުކުރުމަށް ސަމާލުވުމަށް އެދިފައި ވެއެވެ.
ޚާއްސަގޮތެއްގައި އެޗްޕީއޭ އިން ވަނީ ވެކްސިން ފުރިހަމަ ނުކުރާ ހުރިހާ ފަރާތްތައް ވީހާވެސް އަވަހަށް ވެކްސިން ފުރިހަމަކުރުމާއި ޖޫސްޓަރ ޑޯޒްޖެހުމަށް ކަނޑައަޅާފައިވާ ފަރާތްތައް ބޮސްޓަރ ޑޯޒް ޖެހުމަށް އިލްތިމާސް ކޮށްފަ އެވެ.
އެޗްޕީއޭ އިން ބުނީ ކުރިއެކޭ ވެސް އެއްގޮތަށް ބަލީގެ ޙާލަތަށް ބަދަލުތައް މޮނިޓަރކޮށް ބަަލަމުންދާނެ ކަމަށާއި ބަލިކޮންޓްރޯލުކުރުމުގެ ފިޔަވަޅުތައް ޙާލަތާގުޅިގެން އަޅަމުންދާނެކަމަށެވެ.
އެޗްޕީއޭ އިން ބުނީ ކޮވިޑް-19 ގެ އާ ވޭރިއަންޓެއް ކަމުގައިވާ އޮމިކްރޯން އަކީ "ޓޭރިއަންޓް އޮފް ކޮންސަރން' އެއް ކަމުގައި ނޮވެމްބަރ 26 ވަނަ ދުވަހު ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ކަނޑައަޅާފައިވާ ކަމަށެވެ.