މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން އެކުލަވާލާފައިވާ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި މާލެ ސިޓީ ( މާލެ، ހުޅުމާލެ އަދި ވިލިމާލެ ) އިން ފަޤީރުންނާއި މިސްކީނުންގެ ގޮތުގައި އަލަށް ރަޖިސްޓްރީވުމަށް ހުޅުވާލައިފިއެވެ.

އަލަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކުން 12 ޑިސެމްބަރު 2021 އިން 30 ޑިސެމްބަރު 2021 ގެ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން މެންދުރުފަހު 12:30 އަށް ފޯމުހުށަހެޅޭގޮތަށް ވަނީ ހަމަޖައްސާފައެވެ.

މިކަމަށް އެދި ހުށަހަޅާ ފޯމް މިނިސްޓްރީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބެންހުންނާނެއެވެ. އަދި ފޯމުތައް ބަލައިގަތުން ހަމަޖެހިފައިވަނީ މިކަމަށް ޚާއްޞަކުރެވިގެން މިނިސްޓްރީގައި ޤާއިމްކުރެވޭ ޚާއްސަ ކައުންޓަރު ތަކުންނެވެ. 2021 ވަނަ އަހަރު މުދަލު ޒަކާތުގެ ފައިސާ ލިބިފައިވާ ފަރާތްތަަކަކީ މިވަޤުތު ފަޤީރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތައް ކަމުގައިވާތީ، އެ ފަރާތްތަކުން ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމަށް ފޯމް ހުށަހަޅާކަށް ނުޖެހޭނެއެެވެ.

1442 ވަނަ އަހަރު މާލެ ސިޓީގެ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ޖުމްލަ 1520 ފަރާތަކުން ރަޖިސްޓްރީވެފައިވެއެވެ.