ލިވަޕޫލް ދޫކޮށް ދިޔުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށާއި ކޮންޓްރެކްޓް އާކުރުމުގެ ހުރިހާ ބާރެއް މިއޮތީ ލިވަޕޫލްގެ މެނޭޖްމަންޓް އަތްމަތީގައި ކަމަށް އެކްލަބަށް ކުޅެމުން އަންނަ މިސްރުގެ ހުނަރުވެރި ފޯވާޑް މުހައްމަދު ސަލާހް ބުނެފިއެވެ.

ފާއިތުވެދިޔަ ހަތަރު ސީޒަނުގައި ލިވަޕޫލުން ހޯދި ބޮޑެތި ކާމިޔާބީތަކުގައި މުހިއްމު ދައުރެއް އަދާކުރި ސަލާހުގެ ކޮންޓްރެކްޓް އަންނަ އަހަރުގެ ޖޫން މަހު ހަމަވާނެއެވެ. ކޮންޓްރެކްޓް އާކުރުމުގެ މަޝްވަރާތައް ކުރިއަށްދާއިރު ލިވަޕޫލްގެ މެނޭޖްމަންޓުގެ ފަރާތުން ކޮންޓްރެކްޓް އަވަށް އާކުރުމުގެ ހަރަކާތްތަކެއް ނުފެންނަ ކަމަށް މީޑިޔާ ރިޕޯޓުތައް ބުނެއެވެ.

"ކޮންޓްރެކްޓް އާކުރުމުގެ ބާރު އޮތީ އަހަރެން އަތުގައި ކަމުގައި ވާނަމަ، އަހަރެން ދެމިހުންނާނީ ލިވަޕޫލްގެ ކުޅުންތެރިއެއްގެ ގޮތުގައި. އެކަމަކު ކޮންޓްރެކްޓް އާކުރުމުގެ ބާރުތައް އޮތީ ކްލަބުގެ މެނޭޖްމަންޓް އަތުގައި" ސަލާހް ބުންޏެވެ.

ސަލާހް ބުނީ އޭނާ އާއި ލިވަޕޫލްއާ ދެމެދު އެއްވެސް މައްސަލައެއް ނެތް ކަމަށާއި ގިނަ ދުވަސްތަކެއް ނުވެ އާކޮންޓްރެކްޓުގައި ސޮއި ކުރެވޭނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.

ރެއާލް މެޑްރިޑާއި ބާސެލޯނާއި ކުރިން ވަނީ ސަލާހަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ. އެކަމަކު އެދެކްލަބުގެ މާލީހާލަތަށް ބަލާއިރު ބޮޑު އަގުގައި ސަލާހް ގެންދާނެ ކަމަށް ނުބެލެވެއެވެ.