އޮސްޓްރިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ހަރ އެކްސެލެންސީ ކެތެރީނާ ވީޒަރ، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އަރުވައިފިއެވެ.

މިއަދު މެންދުރުކުރި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުވުމަށްފަހު، އޮސްޓްރިއާގެ އައު ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، އެކަމަނާ ސަފީރުކަމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން މަރުޙަބާ ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އާއި ސަފީރު ވަނީ ދެޤައުމުގެ ދެމެދުގައި އޮތް ގުޅުމާއި ގުޅޭގޮތުންނާއި، ކޮވިޑް-19 ޙާލަތާއި ގުޅޭގޮތުންނާއި، ތަޢުލީމީ ދާއިރާއިންނާއި އިންސާނީ ވަޞީލަތްތައް ތަރައްޤީކުރުމާގުޅޭ ގޮތުން މަޝްވަރާކުރައްވާފައެވެ. އަދި ވިސާ ދިނުމުގައި ލުއިފަސޭހަކަން ފޯރުކޮށްދިނުމުގެ ގޮތުންނާއި، ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށާއި، މޫސުމަށް އަންނަ ބަދަލުތަކާ ބެހޭގޮތުން ވެސް ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން ފާހަގަކުރައްވާ، އޮސްޓްރިއާއިން ރާއްޖެއަށް ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމާއި އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ރާއްޖޭގެ މިހާރުގެ ކޮވިޑް-19 ގެ ޙާލަތާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދު އަލުން އާރާސްތުކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ މަޢުލޫމާތު އޮސްޓްރިއާގެ ސަފީރާއި ޙިއްޞާ ކުރައްވާފައެވެ. މި މައުޟޫއަށް ވާހަކަފުޅު ދައްކަވަމުން އޮސްޓްރިއާގެ ސަފީރު ވަނީ ކޮވިޑް-19ގެ ޙާލަތު ކާމިޔާބުކަމާއެކު މެނޭޖްކުރުމަށް ރާއްޖެއިން ނިންމާފައިވާ ހަރުދަނާ ނިންމުންތައް ފާހަގަކުރައްވައި، ރާއްޖެއިން ވެކްސިން ދިނުމަށް ކުރަމުންދާ މަސައްކަތްތަކަށް ތަޢުރީފުކުރައްވާފައެވެ.

ތަޢުލީމީ ރޮނގުންނާއި މީހުން ބިނާކުރުމުގެ ރޮނގުން ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އޮސްޓްރިއާގެ އެކަޑަމިކް އިންސްޓިޓިއުޝަންތަކާ ގުޅިގެން މަތީ ތަޢުލީމުގެ ރަނގަޅު ފުރުޞަތުތައް ދިވެހި ދަރިވަރުންނަށް ހޯއްދަވައިދެއްވުމަށް ޝައުޤުވެރިކަން ފާޅުކުރައްވާފައެވެ. އަދި މިކަމަށް ޖަވާބުދެއްވަމުން އޮސްޓްރިއާގެ ސަފީރު ވަނީ މި ދާއިރާއިން ގުޅުން ބަދަހިކުރެވިދާނެ ގޮތްތައް އެކަމަނާ ބައްލަވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާއަށް އަރުވާފައެވެ.

މީގެ އިތުރުން، މި ބައްދަލުކުރެއްވުމުގައި މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭގޮތުން ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެއިން އަދާކުރާ ދައުރާ ބެހޭގޮތުންވެސް ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. އެގޮތުން ޚާއްޞަ ގޮތެއްގައި އ.ދ.ގެ ޢާންމު މަޖިލީހުގެ 76 ސެޝަނުގެ ރައީސްކަމުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ނ.ޢ.ޢ.ވ ޢަބްދުالله ޝާހިދު ހުންނެވުމާ، ނިމިދިޔަ މޫސުމަށް އަންނަ ބަދަލުތަކާބެހޭ ކޮންފަރެންސް ކޮޕް-26 ފާހަގަކުރެއްވެވިއެވެ. އަދި އޮސްޓްރިއާގެ ޚާރިޖީ ސިޔާސަތުގައި މަލްޓިލޭޓަރަލް އެއްބާރުލުމަށް އެޤައުމުން ވަރަށް ބޮޑު އިސްކަމެއް ދޭކަން ފާހަގަކުރައްވަމުން ސަފީރު ވަނީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ވަކާލާތުކުރުމުގައި ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް މަރުޙަބާ ވިދާޅުވެފައެވެ.

މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އޮސްޓްރިއާ ސަރުކާރުން ދިވެހި ދަތުރުވެރިންނަށް ވިސާގެ ލުއިފަސޭހަކަން ހޯއްދަވައިދެއްވިކަމަށްޓަކައި އޮސްޓްރިއާ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ ރާއްޖޭގެ ދަތުރުވެރިންނަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ މެމްބަރު ޤައުމުތަކަށް ވިސާއާ ނުލައި ދަތުރުކުރެވޭނެ ގޮތް ހަދަން ބޭނުންވާކަމުގައި ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އޮސްޓްރިއާގެ ސަފީރުކަމުގެ ދައުރުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރައްވާނެކަން ޔަޤީންކުރައްވާކަމުގައި ވިދާޅުވެފައެވެ.

ދިވެހިރާއްޖެއާއި އޮސްޓްރިއާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައި ވަނީ 1 މާރޗް 1978 ގައެވެ.