މ. އަތޮޅުގެ ޤުރުއާން މުބާރާތުން 23 ވަނަފަހަރަށް ދިއްގަރު ސުކޫލުން 1 ވަނަ ހޯދައިފިއެވެ. މިދިޔަ ހަފުތާގައި ނިމުނު މި މުބާރާތް ބާއްވާތާ މިވީ 25 އަހަރެވެ. މި މުބާރާތުން ދެވަނަ އަށް ދިޔައީ މ. އަތޮޅުތަޢުލީމީ މަރުކަޒެވެ.

ދިއްގަރު ސުކޫލުގެ ޕްރިންސިޕަލް އިސްމާއީލް އަބުދުއްﷲ ވިދާޅުވީ މިހާ ދިގު ތާރީޚަކަށް މިކާމިޔާބީ ދެމެހެއްޓުނީ ދިއްގަރު ރައްޔިތުން ޤުރުއާނަށް ދޭ ސަމާލުކަމުގެ ސަބަބުންނެވެ. ކުދިން މުބާރާތައް ތައްޔާރުކުރުމަށް ބެލެނިވެރިންނާއި ދަރިވަރުން އަދި ރަށުގެވެރިންނާއި އެކި އެކި މުއައްސަސާތަކުން ވަރަށްބޮޑު އެއްބާރުލުމެއް ދެއްވާތީއެވެ. އަދި ދިއްގަރުގެ ހުރިހާ ރައްޔިތުންވެސް މިއީ ރަށަށް ލިބޭ ފަޚުރެއްކަމުގައި ދެކި އެއްރޫހެއްގައި މަސައްކަތްކުރުމުގެ ނަތީޖާކަމުގައިވެސް ޕްރިންސިޕަލް ވިދާޅުވިއެވެ. މި މުބާރތުގައި ބަލައިގެން ކިޔުމާއި ހިތުން ކިޔެވުމުގެ ގޮފިން ދިއްގަރު ސުކޫލުން 30 ދަރިވަރުން ބައިވެރިވިއެވެ.

ކޮންމެ ރަށަކަށް ފަނޑިޔާރުން ވަޑައިގެން އެރަށެއްގެ ކުދިންލައްވާ ކިޔުއްވި މި މުބާރާތަށް ފަރިތަކުރުމަށް ދިއްގަރު ސުކޫލުން ދެ އޮޑިޝަން ބޭއްވެވިއެވެ. މިއިން ދެވަނަ އޮޑިޝަނުގައި ކުދިން ހޮއްވެވީ އޮންލައިންކޮށް، ފަނޑިޔާރުން މާލޭގައި ތިއްބަވައިގެނެވެ. އަދި މުބާރާތައް ތައްޔާރުވުމަށްޓަކައި ކުދިންނަށް ފަރިތަކޮށްދެއްވީ ދިއްގަރު ސުކޫލުގެ ޤުރުއާން މުދައްރިސުންކަމުގައި އެ ސުކޫލްގެ ޕްރިންސިޕަލް ވިދާޅުވިއެވެ. މުބާރާތުގެ ނަތީޖާ ފާޅުކުރުން އޮތީ 4 ޑިސެންބަރު 2021 ވީ ހޮނިހިރު ދުވަހު މ. އަތޮޅު ސްޓޭޓް ހައުސްގައެވެ.