އެހާ ފަސޭހައިން ދޫނުދެއްވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ޓްރަމްޕް މިހެން ވިދާޅުވީ، ރިޔާސީ އިންތިޚާބުގައި އެންމެ ވާދަވެރި ސްޓޭޓްތަކުން ލާފައިވާ ވޯޓުތައް ގުނަމުންދާ ވަރަކަށް، އިދިކޮޅު ޑިމޮކްރަޓިކް ޕާޓީގެ ކެންޑިޑޭޓް ޖޯ ބައިޑެންއަށް ލިބެމުންދާ ވޯޓުގެ އަދަދު އިތުރުވަމުން ދަނިކޮށެވެ.

އެންމެފަހުން ސްޓޭޓްތަކުން ހާމަކޮށްފައިވާ ނަތީޖާއިން ޖޯ ބައިޑެން އިންތިޚާބު ކާމިޔާބު ކުރެއްވުމާ މިހާރުވަނީ ކައިވަތެއްހާ ގާތްވެފައެވެ.

ރައީސް ޓްރަމްޕް ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ ވޯޓުގައި މަކަރާއި އޮޅުވާލުންތައް ހިމެނޭ ކަމަށެވެ.

އަދި ގާނޫނާ ޚިލާފަށް ލާފައިވާ ކަމަށްބުނާ ވޯޓުތައް ގުނުން ހުއްޓުވުމަށް، ޓްރަމްޕްގެ ކެމްޕެއިނުންވަނީ ސްޓޭޓްތަކުގެ ކޯޓުތަކަށް އެތައް މައްސަލަތަކެއް ވައްދާފައެވެ. އަދި ކުރިއަށްއޮތް ތާނގައި މިފަދަ އެތައްސަތޭކަ މައްސަލައެއް ކޯޓުތަކަށް ވައްދާނެ ކަމަށް އެމެރިކާގެ މީޑިއާއިން ލަފާކުރެއެވެ.

ވައިޓްހައުސްއިން ނެރުނު ޓްރަމްޕްގެ ބަޔާނެއްގައި ޓްރަމްޕް ވިދާޅުވެފައިވަނީ، ވޯޓުގެ ކަންތައް ހަމަޔަކަށް އެޅުވުމަށް ގާނޫނީގޮތުން ބޭނުން ކުރެވެންއޮތް ހުރިހާ ފުރުސަތެއްގެ ބޭނުން ކުރައްވާނެ ކަމަށެވެ.

އޭގެ ބޭނުމަކީ، އެމެރިކާގެ ސަރުކާރަށް ރައްޔިތުންގެ އިތުބާރު ހޯދުން ކަމަށް ޓްރަމްޕް ވިދާޅުވެފައި ވެއެވެ.

އެ އިތުބާރު ހޯދުމަށްޓަކައި، އެމެރިކާއާއި އެމެރިކާ ރައްޔިތުންގެ ހައްގުގައި ކުރާ މަސައްކަތް ހުއްޓާ ނުލައްވާނޭ ކަމަށްވެސް ޓްރަމްޕްގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

މީޑީއާ ރިޕޯޓްތައް ބުނާގައި، ވޯޓާ ގުޅިގެން ޓްރަމްޕް ކޯޓުތަކަށް ހުށަހަޅުއްވާ މައްސަލަތައް ނުވަތަ ވޯޓާ ގުޅިގެން ކުރިއަށްގެންދާ ގާނޫނީ މަސައްކަތްތަކަށް ޚަރަދުކުރުމަށް 60 މިލިއަން ޑޮލަރު ހޯދުމުގެ މަސައްކަތް ރިޕަބްލިކަން ނޭޝަނަލް ކޮމިޓީން މިހާރު ފަށައިފިއެވެ.

ރިޕަބްލިކަން ނޭޝަން ކޮމިޓީން މިހާރުވަނީ އެ ޕާޓީގެ ޑޯނަރުންގެ ކިބައިން އެކަމަށް އެދިފައެވެ. ޕާޓީގެ ފަރާތުން ރިކުއެސްޓު ލިބުނު، ނަން ހާމަކޮށްފައިނުވާ ދެ ޑޯނަރަކުވަނީ އެކަން މީޑިއާއަށް ކަށަވަރު ކޮށްދީފައެވެ.