ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުގައްޔޫމް ރާއްޖެ ދޫކޮށް ފިލައިގެން ހިނގައިދާނެ ކަމުގެ ހެކި ލިބިފައިވާ ކަަމަށް ބުނެ އެމަނިކުފާނުގެ މައްޗަށް ހިންގޭ ޝަރީއަތް ނިމެންދެން ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރަކަށް ދައުލަތުން އެދުމުން އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީޕީއެމްގެ ނާއިބު ރައީސް އަހުމަދު ޝިޔާމް ހޫނު ރައްދެއް ދެއްވައިފި އެވެ.
ރޭ ޕީޕީއެމްގެ ޖަގަހަ ޖަލްސާގައި ވާހަކަދައްކަމުން ޝިޔާމް ވިދާޅުވީ ގޮނޑި ދުއްވާހިތުން ރާއްޖެ ދޫކޮށް ވަޑައިގަންނަވަން ޔާމީން ބޭނުންފުޅު ނުވާ ކަމަށާއި އަދި ޔާމީނަކީ ޓަގު ބޯޓަކަށް އަރާވަޑައިގެން އަމުދުން ރާއްޖެ ދޫކޮށް ވަޑައިގަންނަވާނެ ބޭފުޅެއް ނޫން ކަމަށެވެ.
"އެކަމަކު ޓަގު ބޯޓަކަށް އަރައިގެން ފިލި މީހަކާއި ރައީސް ޔާމީން އެއްވަރުކޮށްގެން މި އުޅެނީ. ޔާމީނަކީ މުޅި ގައިގައި ހުދު ފޮތި އޮޅައިގެން، މާ ސިއްހީ ހާލަތު ދަށްކަމަށް ދައްކައިގެން ޖަރުމަނަށް ވެސް ވަޑައިގަަންނަވާނެ ބޭފުޅެއް ނޫން" ޝިޔާމް ވިދާޅުވި އެވެ.
ޔާމީނަކީ ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކަށް ވަރަށް އިހުތިރާމް ކުރައްވާ ބޭފުޅެއް ކަމަށާއި އެގޮތުން މައްސަލަތަކުގެ ތަހުގީގުން ފެށިގެން ޝަރީއަތާއި ހަމައަށް ރައްޔިތުންނަށް އެކަން ސާބިތުކޮށްދެއްވަމުންދާ ކަމަށްވެސް ޝިޔާމް ވިދާޅުވި އެވެ.
"ޔާމީން ގަބޫލުކުރައްވާ އެމަނިކުފާނުގެ އިސްތަށިފުޅުގައި ދިވެހި ރައްޔިތުންގެ ޒިންމާތަކެއް ހުރިކަން. ވެރިކަން ނިމުމުން ރައްޔިތުންގެ ޒިންމާ ނުނިމޭކަން ޔާމީން ގަބޫލުފުޅުކުރައްވާ. އެއީ މިތިބަ އުޅޭ މީސްމީހުންނާއި ޔާމީން ތަފާތުވާ ތަންކޮޅަކީ" ޝިޔާމް ވިދާޅުވި އެވެ.