ނޫ ރާއްޖެއިން ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުގެ އޯޝަން ޔޫސް ސާރވޭ ފަށައިފި އެވެ.

ހަ މަސްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ސާރވޭއަކީ ނޫ ރާއްޖެ ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ މަސްވެރިން، މުޖުތަމައު، ވަކިވަކި ފަރުދުން، ފަތުރުވެރިކަމުގެ ސިނާއަތް، އަދި އެނޫންވެސް ފަރާތްތަކުން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބޭނުންކުރާ ގޮތާއި، އެފަރާތްތަކަށް މުހިއްމުވާ ސަރަހައްދުތައް ދެނެގަތުމުގެ ސާރވޭ އެކެވެ.

އިޤްތިޞާދީ، ޘަޤާފީ އަދި ތިމާވެށީގެ ގޮތުން ދިވެހިންނާއި ކަނޑުތަކާއި އޮންނަ ގުޅުން އިތުރަށް ދެނެގަތުމަށް ކުރާ މި ސާރވޭ މެދުވެރިކޮށް ރާއްޖޭގެ ކަނޑު ފަޅުތައް ބޭނުންކުރާ އެކިއެކި ފަރާތްތަކަށް މުހިއްމު ސަރަހައްދުތައް ފާހަގަކުރެވި، ކަނޑުގެ ދިރުން ޙިމާޔަތްކޮށް މެނޭޖްކުރާނެ ގޮތްތައް ހޯދައި ދެނެގަތުމަށް ފަސޭހަވެގެންދާނެ އެވެ.

މި ސާރވޭގެ މަޤްޞަދަކީ ރާއްޖޭގެ މެރިން ސްޕޭޝަލް ޕްލޭން އެކުލަވާލާއިރު، ކަނޑުގެ ވަޞީލަތްތައް ބޭނުންކުރާ ފަރާތްތަކުގެ ބައިވެރިވުން ކަށަވަރުކުރުމެވެ.

އޯޝަން ޔޫސް ސާރވޭ ޓީމުގެ އަމާޒަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުން ވީހާވެސް ގިނަބައެއްގެ ހިއްސާއާއި އެކު، އެކިފަރާތްތަކުން ކަނޑުފަޅުގެ ސަރަހައްދުތައް ބޭނުންކުރާގޮތް ދެނެގަނެ، އެފަރާތްތަކަށް މުހިއްމުވާ ސަރަހައްދުތައް ވަޒަންކުރުމެވެ.

މިގޮތުން މަސްވެރިކަމާއި، ފަތުރުވެރިކަމާއި، ޢުމްރާނީ މަސައްކަތްތައް ކުރާ ފަރާތްތަކާއި މަޝްވަރާކޮށް މިފަރާތްތަކުން ރާއްޖޭގެ ކަނޑުފަޅުތައް ބޭނުންކުރާ ގޮތާއި، އެތަންތަން އަގު ވަޒަންކުރާގޮތް ދެނެގަނެވޭނެ އެވެ. އަދި ވަކިވަކި ސާރވޭތަކުގެ ނަތީޖާ އެއްކުރުމަށްފަހު މަސްވެރިކަމާއި، ފަތުރުވެރިކަމާއި، މުނިފޫހިފިލުވުމާއި އެހެނިހެން ކަންކަމަށް ދިވެހިން އާންމުކޮށް ބޭނުންކުރާ ސަރަހައްދުތައް ފާހަގަކޮށް ހީޓްމެޕްތަކެއް އެކުލަވާލެވޭނެ އެވެ.

މި މެޕްތައް އުފައްދަނީ ސްޓޭކް ހޯލްޑަރުންނާއި މުޖުތަމަޢުގެ ޚިޔާލާއި މަޝްވަރާތައް އެއްކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޭނުންކުރަމުން އަންނަ ޔުނިވަރސިޓީ އޮފް ކެލިފޯނިއާ، ސަންޓާ ބާބަރާގެ މެކްލިންޓޮކް ލެބް އިން ތައްޔާރުކޮށްފައިވާ 'ސީސްކެޗް' ޓޫލް މެދުވެރިކޮށެވެ.

ދިވެހިރާއްޖޭގެ މެރިން ސްޕޭޝަލް ޕްލޭން އެކުލަވާލައި، ސަރުކާރުގެ ނޫ އިޤްތިސާދުގެ ތެރެއިން ދެމެހެއްޓެނިވި މަސްވެރިކަން އަދި ފަތުރުވެރިކަން ކުރިއެރުވުމަށް މި ސާރވޭގެ ހޯދުންތައް އެހީތެރިވެދޭނެ އެވެ. އަދި ރާއްޖޭގެ އިޤްތިޞާދީ ކަނޑުގެ ސަރަހައްދުގެ 20 އިންސައްތައަކީ ހިމާޔަތްކުރެވިފައިވާ ކަނޑުގެ ސަރަޙައްދުތަކަކަށް ހެދުމަށް ސަރުކާރުން ކަނޑައަޅާފައިވާ އަމާޒަށް ވާސިލްވުމަށްޓަކައި، ހިމާޔަތް ކުރެވިދާނެ ކަނޑުފަޅުގެ ސަރަހައްދުތައް ދެނެގަތުމަށްވެސް ސާވޭގެ ނަތީޖާ ބޭނުންކުރެވޭނެ އެވެ.