ކޮވިޑް-19 އާ ގުޅޭގޮތުން އަންނަ ހަފްތާގައި ބާއްވާ ބޮޑު ބައްދަލުވުމަށް ޓައިވާނަށް ދައުވަތު ދިނުމަށް އެމެރިކާއިން ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާ، ޑަބްލިއުއެޗްއޯއަށް ގޮވާލައިފިއެވެ.

ޖެނީވާގައި ހުންނަ އެމެރިކާ މިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޑަބްލިއުއެޗްއޯއިން ޓައިވާނަށް މައުނަވީ އެއްބާރުލުމެއް ދިނުމަށް އެމެރިކާއިން އެދޭ ކަމަށެވެ.

އަންނަ ހަފްތާގައި ބާއްވާ ޑަބްލިއުއެޗްއޯގެ މުހިންމު ބައްދަލުވުމަށް ޓައިވާނަށް ދައުވަތު ދިނުމަކީ އެމަގަމަށް އެޅޭނެ ބޭނުންތެރި ފިޔަވަޅެއް ކަމަށްވެސް ބުނެފައި ވެއެވެ.

އެމެރިކާގެ މަދަދާއެކު، ޓައިވާނުން ގެންދަނީ، ޑަބްލިއުއެޗްއޯގެ ބައްދަލުވުންތަކުގައި އޮބްޒާވަރެއްގެ ހައިސިއްޔަތުން ބައިވެރިވުމުގެ ފުރުސަތު ހޯދުމަށް މަސައްކަތް ކުރަމުންނެވެ. މިމަސައްކަތް ޓައިވާނުން ފަށާފައިވަނީ މިއަހަރުގެ ތެރޭގައެވެ.

ޓައިވާނުގެ މަސައްކަތްތަކާ ގުޅިގެން ޗައިނާވަނީ ވަރަށް ބޮޑަށް ރުޅިއައިސްފައެވެ.

ޓައިވާނަކީ ޑިމޮކްރަޓިކް ވަކި ވެރިކަމެއް ކުރަމުން އަންނަ ގައުމެއް ނަމަވެސް، ޗައިނާ ދެކެނީ ޓައިވާނަކީ އެގައުމުގެ ބައެއްގެގޮތުގައެވެ. އެހެންވެ، ވަކި ގައުމެއްގެ ގޮތުގައި ދުނިޔޭގެ އެއްވެސް ޖަމާއަތެއްގައި ޓައިވާން ބައިވެރިވުމާ ޗައިނާ އަބަދުވެސް ދެކޮޅެވެ. އެކަމަށް ފުރުސަތުވެސް ނުދެއެވެ.

ކޮވިޑް-19 ބަލިމަޑުކަން ފެތުރުން ހުއްޓުވުމަށް ހަރުދަނާ އަވަސް ފިޔަވަޅުތަކެއް ޓައިވާނުން އަޅައި، އަދި ބަލި ކޮންޓްރޯލް ކުރުމުން ދުނިޔޭގެ ތައުރީފް ޓައިވާނަށް އޮހިގެން ގޮސްފައި ވެއެވެ.

އެހެން ނަމަވެސް، މިއަހަރުގެ މެއިމަހުގެ ތެރޭގައި ބޭއްވި ޑަބްލިއުއެޗްއޯގެ މުހިންމު ޖަލްސާގައިވެސް ޓައިވާން ބައިވެރި ކޮށްފައެއް ނުވެއެވެ.

އެފަހަރު ޓައިވާނުން އެއްބަސްވީ، ޑަބްލިއުއެޗްއޯގެ ޖަލްސާތަކުގައި އެގައުމު ބައިވެރިކުރުމުގެ މައްސަލަ މިއަހަރުގެ ފަހުކޮޅު ހައްލުކުރުމަށް ބޭއްވުމަށެވެ.

ޑަބްލިއުއެޗްއޯގެ މެމްބަރު 194 ގައުމު ބައިވެރިވާ ބައްދަލުވުން އަންނަ ހަފްތާގައި ބާއްވަނީ ވާޗުއަލްކޮށެވެ. މި ބައްދަލުވުން މައިގަނޑު ގޮތެއްގައި އަމާޒުކުރަނީ ކޮވިޑް-19 ބަލިމަޑުކަމާއި، އަދި އެއާ ގުޅުންހުރި ސިއްހީ އެހެނިހެން މައްސަލަތަކަށެވެ.

މި ބައްދަލުވުމުގައި ޓައިވާން ބައިވެރިކުރުމަށް އެމެރިކާއިން ގޮވާލިއިރު، އެމެރިކާއާއި ޑަބްލިއުއެޗްއޯގެ ގުޅުންވެސް ރަނގަޅެއް ނޫނެވެ.

ކޮވިޑް ބައްޔާ ކުރިމަތިލުމުގައި ޑަބްލިއުއެޗްއޯއާއި، އެ އިދާރާގެ ވެރިޔާ ޑރ. ޓެޑްރޯސް އަދަނޮމް އަމަލުކުރި ގޮތާމެދު އެމެރިކާ އޮތީ ވަރަށް ރުޅިއައިސްފައެވެ. މި ރުޅީގައި އެމެރިކާއިންވަނީ ޑަބްލިއުއެޗްއޯއަށް ދޭ މާލީ އެހީވެސް ކަނޑާލާފައެވެ. އަދި އެ ޖަމާއަތުން އެމެރިކާ ވަކިވުމަށްވެސް ވަނީ ނިންމާފައެވެ.

އެމެރިކާގެ ރައީސް ޓްރަމްޕާއި، އެމެރިކާ ސަރުކާރުން ބުނަނީ، ޑަބްލިއުއެޗްއޯއިން އުޅެނީ ޗައިނާ މާ ގާތްކޮށްލައިގެން ކަމަށާއި، ކަންތައް ކުރަނީ ޗައިނާއިން ބުނާގޮތަށް ކަމަށެވެ.

ކޮވިޑް-19 ބަލި މުޅި ދުނިޔެއަށް ފެތުރި، ބަލީގެ ހާލަތު ގޯސްވެގެންދިޔައީ، ޗައިނާއިން ދިން ނުބައި މައުލޫމާތުތަކެއްގެ މައްޗަށް ޑަބްލިއުއެޗްއޯއިން ގޮތް ނިންމުމުގެ ސަބަބުން ކަމަށް އެމެރިކާއިން ބުނެއެވެ.