އުއްތަމަ ފަނޑިޔާރަށް ދައުލަތުން ހަމަޖައްސައިދޭ ވަގުތީ ގެކޮޅުގެ މަސައްކަތް ނިންމައި ހަވާލު ކުރުމަށް ޕްލޭނިން މިނިސްޓްރީން ތައްޔާރުވެއްޖެއެވެ.

ޕްލޭނިން މިނިސްޓްރީން ބުނެފައިވަނީ އުއްތަމަ ފަނޑިޔާރަށް ހަމަ ޖެއްސި ރެހެންދި ފްލެޓްގެ މަރާމާތުގެ ބޮޑުބައި ނިމިފައިވާކަމަށެވެ. އަދި މަސައްކަތް ކުރަނީ ވީހާވެސް އަވަހަކަށް ގެކޮޅު ހަވާލު ކުރެއްވުމަށް ކަމަށެވެ.

ދެ ބާރުގެ ވެރިންނަށް ވަގުތީ ގެކޮޅު ހަމަޖައްސައިދޭ އިރު، ދާއިމީ ގެކޮޅު އިމާރާތް ކުރުމުގެ އިދާރީ މަސައްކަތްތައް ވެސް ކުރިއަށް އެބަދެ އެވެ. އެކަމަށް ހަރަދު ކުރަން އަންނަ އަހަރުގެ ބަޖެޓުގައި 12 މިލިއަން ރުފިޔާ ވަނީ ހިމަނައިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރަށް ސަލާމަތާއި ރައްކަތެރިކަން ކަށަވަރުކޮށްދިނުމަށްޓަކައި އެދެބޭފުޅުންނަށް ވަގުތީގޮތުން ރަސްމީ ގެކޮޅު ހަމަޖައްސާފައިވާކަން ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ. އަދި އެ ގެކޮޅުތަކުގައި ހުރި މަރާމާތުތައް ކުރުމުގެ މަސައްކަތް މިހާރުވަނީ ނިންމާފައެވެ. ވަގުތީ ގެކޮޅުތަކުގެ ގޮތުގައި ރައީސް ނަޝީދަށް މުރައިދޫގެ ހަމަޖައްސާފައިވާއިރު، އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވަން ހަމަޖައްސާފައިވަނީ ރެހެންދި ފްލެޓްގެ އެޕާޓްމަންޓްތަކެކެވެ.