ޔުއެފާ ޗެމްޕިއަންސް ލީގް ގްރޫޕް ޑީ ގެ ފަހު މެޗުގައި އަނިޔާގެ ސަބަބުން އިންޓަމިލާނާ ދެކޮޅަށް ރެއާލް މެޑްރިޑުގެ ތަރި ކަރީމް ބެންޒެމާ ނުކުޅޭނެ ކަމަށް ކޯޗް ކާލޯ އަންޗަލޮއްޓީ ބުނެފިއެވެ.

މިސީޒަނުގައި ވަރަށް ރަނގަޅު ފޯމެއްގައި ހުރި ބެންޒެމާގެ ވާތު ފަލަމަސްގަނޑަށް އަނިޔާވީ ސްޕެނިޝް ލަލީގާގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ރެއާލް ސޮސިއެޑާޑާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ފަނަރަ މިނެޓުގެ ތެރޭގައެވެ. ބެންޒެމާއަށް އަނިޔާވުމާއެކު އަންޗަލޮއްޓީ ވަނީ އިތުރު ރިސްކެއް ނުނަގައި އޭނާ ބަދަލުކޮށްފައެވެ.

އިންޓަމިލާން މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގައި އަންޗަލޮއްޓީ ބުނީ ބެންޒެމާގެ އަނިޔާ ސީރިއަސް ނޫން ކަމަށާއި ލީގުގައި އަންނަ އާދިއްތަ ދުވަހުގެ ރޭ ވާދަވެރި އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗުގައި ބެންޒެމާއަށް ކުޅެވުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

އިންޓަމިލާނާ ދެކޮޅަށް މިރޭ އަމިއްލަ ދަނޑުގައި ނިކުންނައިރު ދެވަނަ ބުރުން މިދެޓީމަށްވެސް މިހާރު ވަނީ ޖާގަ ކަށަވަރު ވެފައެވެ. ގްރޫޕުގެ ކުރީގައި ރެއާލް އޮތީ 12 ޕޮއިންޓާއެވެ. ދެވަނައިގައި އިންޓަ އޮތީ 10 ޕޮއިންޓާއެކުއެވެ. ތިންވަނައިގައި ޝެރިފް 6 ޕޮއިންޓާއެކު އޮތްއިރު ގްރޫޕް ފުލުގައި ޝަކްތާ އޮތީ އެއްޕޮއިންޓާއެކުއެވެ.

ޗެމްޕިއަންޝް ލީގުގައި މިރޭ ކުޅުމަށް ހަމަޖެހިފައިވާ ފާހަގަ ކޮށްލެވޭ މެޗުތައް:

ލިޕްޒީގް – މެންޗެސްޓަރ ސިޓީ (22:45)

ޕީއެސްޖީ – ކްލަބް ބްރޫޖް (22:45)

ޕޯޓޯ – އެތުލެޓިކޯ މެޑްރިޑް (1:00)

މިލާން – ލިވަޕޫލް (1:00)